ރޮހިންޔާ ރެފިއުޖީ ކޭމްޕުގައި އަލިފާނުގެ ހާދިސާއެއް: އެތައްހާސް ބައެއްގެ ގެދޮރު ގެއްލިއްޖެ
ބަންގްލަދޭޝްގެ ކޮކްސްބާޒަރުގައި ހުންނަ ރޮހިންޔާ ރެފިއުޖީ ކޭމްޕްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އެތައްހާސް ބައެއްގެ ގެދޮރު ގެއްލިއްޖެއެވެ.
އާދީއްތަ ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ގާތްގަނޑަކަށް 12،000 މީހުން ގެދޮރު ގެއްލިފައިވާ ކަމަށް ބަންގްލަދޭޝްގެ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު މަހުފޫޒުލް އިސްލާމް "ސީއެންއެން" އަށް ވިދާޅުވިއެވެ.
އިސްލާމް ވިދާޅުވީ ކުޓޫޕަލޮންގް ރެފިއުޖީ ކޭމްޕުގައި އިއްޔެ މެންދުރު ފަހު ހިނގި އަލިފާނުގެ ހާދިސާގައި ގާތްގަނޑަކަށް 2،000 ހަޓް އަނދާ ހުލިވެފައިވާ ކަމަށެވެ.
މި ހާދިސާގައި މީހަކަށް ގެއްލުންވި ކަމެއް ސާފެއް ނޫނެވެ. ހާދިސާ ހިނގަން މެދުވެރިވި ސަބަބު، ކަމާ ބެހޭ ފަރާތްތަކުން އަންނަނީ ތަހުޤީގު ކުރަމުންނެވެ.
ކަމާބެހޭ ފަރާތްތަކުން އަންނަނީ، އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު މީހުންނަށް ކާބޯތަކެއްޗާ އަންނައުނު ފަދަ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ.
ބަންގްލަދޭޝްގައި ހުންނަ އދގެ އިންޓަނޭޝަނަލް އޯގަނައިޒޭޝަން އޮފް މައިގްރޭޝަން (އައިއޯއެމް) އިން ސޯޝަލް މީޑިއާގައި ބުނެފައި ވަނީ "އަލިފާނުގެ ހާދިސާއާ ގުޅިގެން އެހީތެރިކަނބޭނުންވާ މިންވަރު ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ" ކަމަށެވެ.
އާދީއްތަ ދުވަހު ހިނގި އަލިފާނުގެ ހާދިސާއަކީ ފާއިތުވި އަހަރުތަކުގައި އެ ކޭމްޕުގައި ހިނގި އަލިފާނުގެ ހާދިސާތަކުގެ ތެރެއިން އެންމެ ބޮޑު ހާދިސާއެވެ.
މިޔަންމާގެ އަސްކަރިއްޔާއިން ރޮހިންޔާ ސްޓޭޓުގައި މީހުން މެރުމާއި ގެދޮރުގައި ރޯކޮށްލުން ފަދަ ލާއިންސާނީ އެތައް ޖަރީމާއެއް ހިންގިއިރު، އެ އަނިޔާވެރި ކަމުން ސަލާމަތްވެ، ދުނިޔޭގެ އެންމެ ބޮޑު ރެފިއުޖީ ކޭމްޕްތަކުގެ ތެރޭގައި ހިމެނޭ ކަމަށް ގިނަ ބަޔަކު ދެކޭ ރޮހިންޔާގެ މުސްލިމުން 2017 ވަނަ އަހަރު ހިޖުރަ ކުރީ ބަންގްލަދޭޝްއަށެވެ.