ޚަބަރު

ފުލުހުންނަކީ ވެސް އިންސާނުންކަން ހަނދުމަ ހުންނަނީ ކިތައް މީހުން؟

ދެން އެމްވީ ، ދެން އޮންލައިން

އަޅުގަނޑުމެންނާ މެދު ނުޙައްޤުން ކަމެއް ދިމާވާ ކޮންމެ ފަހަރަކު، އެންމެ ފުރަތަމަ ވެސް މަދަދަށްއެދި އަތް ދިއްކޮށްލެވެނީ ފުލުހުންނާ ދިމާލަށެވެ.
ބައެއް ފުލުހުން ތަންކޮޅެއް ހަރުކަށި މިޒާޖެއް ގެންގުޅެ، ރުޅިގަދަ ގޮތަކަށް އާއްމުންނާ މުޙާތަބު ކުރިޔަސް، ފުލުހުންގެ ތެރޭގައި ވެސް ނުހަނު އޯގާތެރިކަމާއެކު ޢަމަލުކުރާ މީހުން ގިނައެވެ.

Ads by STELCO

ނަމަވެސް ސުވާލަކީ، ނޫކުލައިގެ ޔުނިފޯމެއް ލައިގެންތިބޭ އެފުލުހުންގެ ވެސް އިޙުސާސްތަކެއް ހުންނާނެކަން ދަނެ، ފުލުހުންނާ ދޭތެރޭގައި އޯގާތެރިކޮށް ކަންކަން ކުރަނީ ކިތައް މީހުންތޯއެވެ.

ފުލުހަކު ޔުނީފޯމްގައި ހުރެ އަންހެން ކުއްޖަކާ ވާހަކަ ދައްކާލަން ހުރި ކަމުގައިވިޔަސް، "މަގުމަތީ މީޑިއާ" ގެ މީހަކަށް އެމަންޒަރު ފެނިއްޖެނަމަ ބަލާނީ ވީއެންމެ އަވަހަކަށް އެމަންޒަރުގެ ފޮޓޯއެއްނަގާ، ސޯޝަލް މީޑިއާގައި އެފޮޓޯ ހިއްސާ ކުރެވޭތޯއެވެ. ފުލުސް މީހާ ވާހަކަ ދައްކަން އެހުރީ އޭނާގެ ތިމާގެ ކުއްޖަކާތޯ ނޫންތޯ ވެސް ބަލާލުމުގެ ފަރުވާލެއް ނުބަހައްޓާނެއެވެ.

ދާދި ފަހުންވެސް މިވަނީ އެފަދަ ކަމެއް ދިމާވެފައެވެ. ހުޅުމާލެ ޕެޓްރޯލް ކުރަމުންދިޔަ ދެ ފުލުހުން، ކާރުގައި ނިދިފައި އިންދާ ބަޔަކުވަނީ އެމަންޒަރުގެ ފޮޓޯތަކެއްނަގާ ސޯޝަލް މީޑިއާގައި ވައިރަލް ކޮށްލާފައެވެ. އިސާހިތަކު އެފޮޓޯ ޕޭޖުތަކުގެ އެންމެ "ހިޓު" ފޮޓޯއަށްވެ، އާއްމުންގެ ފަރާތުން ތަފާތު އެކި ރަހަތަކުގެ ކޮމެންޓުތައް ވެސް ވަނީ ލިބިފައެވެ.

މިއީ ރާއްޖޭގައި އަލަށްވީ ކަމެއް ނޫނެވެ. މިހާދިސާގެ ފޮޓޯތަކެއް ހިއްސާ ކުރަމުން އަންހެނަކު ވަނީ އޭނާގެ ފިރިމީހާއަށް ވެސް ދިމާވި މިފަދަ ހިތި ތަޖުރިބާއެެއް މީސް މީޑިއާގައި ހިއްސާ ކޮށްފައެވެ.

"މިއީ އަހަރެންގެ ފިރިމީހާ ފުލުހެއްގެ ގޮތުގައި ވަޒީފާ އަދާކުރިއިރު ހިނގި ކަމެކެވެ. އޭރު އަހަރެން އިނީ ބަލިވެއެވެ. އަދި ބަނޑަށް އަށް މަހެވެ.
ވިހަން ކައިރިވަމުން އެއިރު ދިޔައިރު، ސިއްޙީ ގޮތުން ދިމާވި ކަމަކުން އަހަރެން އޮތީ ހޮސްޕިޓަލުގައި އެޑްމިޓު ކޮށްފައެވެ. އަހަރެން ކައިރީ އެއިރު އިނީ ފިރިމީހާ އެކަންޏެވެ. އެދުވަސްކޮޅު އޭނާއަށް ޗުއްޓީވެސް ނުލިބުމުން އޭނާ ޑިއުޓީއަށް ގޮސް ނިމިގެން އައިސް އިނީ އަހަރެން ކައިރީގައި ހޮސްޕިޓަލުގައެވެ. އެ ދެ ދުވަހު އޭނާއަށް ނިދުނީ އަހަރެން އޮތް އެނދުގައި ބޯއަޅާލައިގެން، ގާތްގަނޑަކަށް 30 މިނެޓަށެވެ. އަށް ގަޑިއިރު ކޮޅަށްހުރެ ޑިއުޓީކޮށްފަ އަންނަ މީހަކު ވަރުބަލިވާނެ ވަރު ވިސްނާލާށެވެ.

އޭގެ އަނެެއް ދުވަހު އޭނާ ޑިއުޓީއަށް ދިޔައީ ބީއެމްއެލް ގައި ފުލުހުންނަށް ހަދާފަ ހުންނަ ތަނަށެވެ. ކުޑަ ގޮޅިއެއް ކަހަލަ ތަނެއްގައި ހަމައެކަނި ހުރީ މޭޒަކާއި ގޮނޑިއެކެވެ. ފޫހިފިލުވާލަން ވިޔަސް ފޯނާ ކުޅުން ވެސް މަނަލެވެ.

އެދުވަހު އޭނާ ނުނިދާ ހޭލާ އިނދެވޭތޯ ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް އޭނައަށް އިތުރަށް ކޮންޓްރޯލް ނުކުރެވިގެން ނިދުނީއެވެ.
ހޭލެވުނުއިރު، އަހަރެންގެ ފިރިމީހާ އޮތީ މުޅި ސޯޝަލް މީޑިއާގައި މަޝްހޫރު ވެފައެވެ. އެކިމީހުން ހުރީ އެކި އެއްޗެހި ގޮވާފައެވެ.

އެޕޯސްޓު ނެގުމަށް އެދި ވަގުތުން އަހަރެން އެޕޭޖަށް މެސެޖު ކުރީމެވެ. އަދި އަހަރެންގެ ހުރިހާ މެޑިކަލް ޑޮކިއުމެންޓްތަކެއްގެ ފޮޓޯވެސް ފޮނުވީމެވެ. ޕޭޖު ހިންގާ މީހާ އަހަރެން ކިބައިން މާފަށް އެދި އެޕޯސްޓު ނެގިއެވެ. އެދުވަހު އަހަރެންގެ ފިރިމީހާ އައިސް ބުނިއެތި އަދިވެސް ހަނދާން އެބަހުއްޓެވެ. އޭނާ ބުނީ މިއީ ކީއްކުރަން ކުރާ މަސައްކަތެއް ހެއްޔެވެ." މިއީ ވެސް ފުލުހަކަށް ދިމާވި ހިތާމަވެރި ހާދިސާއެކެވެ.

ފުލުހުންނަކީ ވެސް އިންސާނުންކަން، އެމީހުންގެ ވެސް އަމިއްލަ ދިރިއުޅުމެއް އޮންނާނެކަން އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން ހަނދާން ނެތެނީއެވެ.

ފުލުހުންގެ ފަރާތުން މިކަހަލަ ޢަމަލެއް ފެނުމުން، ފޮޓޯ ނެގުމުގެ ބަދަލުގައި އެފުލުހެއް ގާތަށްގޮސް ރީތިކޮށް ވާހަކަ ދައްކާލުން ކިހިނެއް ހެއްޔެވެ؟ ރާއްޖޭގައި އޯގާތެރި ފުލުހުން މަދީ އޯގާތެރި އާއްމުންވެސް މަދުވެފަ އިންސާނިއްޔަތުކަން ވެސް އަޅުގަނޑުމެންގެ ތެރޭގައި އެވަރަށް ނެތުމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!