ދުނިޔެ

ސްމާޓްފޯންގައި ހުންނަ ޕްރި-އެޕްތައް ނަގަން އިންޑިއާއިން އަންގައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ސްމާޓްފޯންގައި ހުންނަ ޕްރި-އެޕްތައް ނަގަން އިންޑިއާއިން އަންގައިފި

އިންޑިއާއިން އެ ގައުމުގައި ވިއްކާ ސްމާޓްފޯނުތަކުގައި ކުރިން އަޅާފައި ހުންނަ އެޕްލިކޭޝަންތައް ނެގުމަށް، ފޯނު ހަދާ ކުންފުނިތަކަށް އަންގަން ނިންމައިފިއެވެ.

Ads by Sosun Fihaara

ރޮއިޓަރސްއިން ބުނެފައިވާގޮތުގައި އެ ގައުމުން މިގޮތަށް ނިންމާފައިވަނީ އަލަށް ތައާރަފުކުރާ ސެކިއުރިޓީ ގަވާއިދުތަކުގެ ތެރެއިންނެވެ. އެގޮތުން، ފޯނު ގަންނައިރު ހުންނަ ހުރިހާ އެޕްލިކޭޝަނެއް އަންއިންސްޓޯލް ކުރުމަށް އަންގާނެއެވެ. އަދި އޮޕަރޭޓިންގ ސިސްޓަމް އަޕްޑޭޓްތައް ސްކްރީން ކުރުންވެސް މަޖުބޫރު ކުރާނެއެވެ.

އިންޑިއާއަކީ މޯބައިލް ފޯނުގެ މާކެޓުގައި ދުނިޔޭގެ ދެވަނަ މާކެޓަށްވާއިރު އެ ގައުމުން ގެންނަ މި ބަދަލާއެކު އެ ގައުމުގައި ފޯނުތައް ލޯންޗުކުރާ ދުވަސްތަކަށް ބަދަލު އަންނާނެއެވެ. އަދި މީގެ ސަބަބުން ފޯނު އުފައްދާ ކުންފުނިތަކަށް ވަރަށް ބޮޑު ގެއްލުމެއް ވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ. މީގެ ތެރެއިން އެންމެ ބޮޑަށް ގެއްލުން ވާނެ ކަމަށް ލަފާ ކޮށްފައިވަނީ ސެމްސަންގާއި ޒިއޯމީއާއި ވީވޯ އަދި އެޕަލްއަށެވެ.

ރޮއިޓަރސްއިން ބުނެފައިވާގޮތުގައި އިންޑިއާގެ އައިޓީ މިނިސްޓްރީން މިގޮތަށް ވިސްނަމުންދަނީ، ފޯނުތަކުގެ ޒަރީއާއިން ޖާސޫސްކުރުމާއި ޑޭޓާގެ ނާޖާއިޒު ބޭނުން ހިފަމުންދާތީއެވެ. އެގޮތުން، ކުރިން އިންސްޓޯލްކޮށްފައި ހުންނަ އެޕްލިކޭޝަނަކީ ސެކިއުރިޓީ ދަށް އެއްޗެހިކަމަށާއި، އެ ބޭނުންކޮށްގެން އެހެން ގައުމުތަކަށް ޖާސޫސްކުރުން ފަދަ ކަންކަން ކުރެވޭނެ ކަމަށް، އިންޑިއާގެ އޮފިޝަލަކާ ހަވާލާދީ ރޮއިޓަރސްގައި ވަނީ ބުނެފައެވެ.

އިންޑިއާއިން ދަނީ، ޗައިނާއިން އެ ގައުމުގައި ޖާސޫސްކުރާކަމަށް ތުހުމަތު ކުރަމުންނެވެ. މިކަމާ ގުޅިގެން އެ ގައުމުން ވަނީ ޗައިނާގެ 300އެއްހާ އެޕްލިކޭޝަން އެ ގައުމުގައި މަނާކޮށްފައެވެ. މީގެތެރޭގައި ގިނަ ބައެއްގެ މެދުގައި މަގުބޫލު ޓިކްޓޮކްވެސް ހިމެނެއެވެ.

މިހާރު އުފައްދާ ގިނަ ފޯނުތަކުގައި ކުރިން އިންސްޓޯލްކޮށްފައި ހުންނަ އެޕްތައް ގިނައެވެ. މިއެޕްތަކަކީ ޑިލީޓް ކުރެވޭ އެޕްތަކެއްވެސް ނޫނެވެ. މިފަދަ ފޯނުތަކުގައި ތެރޭގައި އިންޑިއާގައި އެންމެ ގިނައިން ވިކޭ ޗައިނާގެ ބްރޭންޑް ކަމަށް ޒިއޯމީ ފޯނުތައް ހިމެނެއެވެ.

އިންޑިއާއިން މި ނިންމުމަށް އަމަލުކުރުމުގެ ކުރިން، ފޯނު އުފައްދާ ކުންފުނިތަކަށް އެެއް އަހަރުގެ މުއްދަތެއް ދޭނެ ކަމަށް ރޮއިޓަރސްގައި ވަނީ ބުނެފައެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!