ޗައިނާއިން ބުނަނީ ކޮވިޑް-19 ދެނެގަތުމަށް އޮތް ހުރަހަކީ އެމެރިކާ ކަމަށް
މުޅި ދުނިޔެ އިނދަޖައްސާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ އަސްލު ދެނެގަތުމަށް ކުރިއަށް ގެންދާ ތަހުގީގުތައް ސިޔާސީކުރުމާ ދެކޮޅަށް ޗައިނާއިން ކުރަމުންދާ ވަކާލާތު، އަނެއްކާވެސް ތަކުރާރުކޮށް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެމެރިކާއިން ހިންގާ ލެބޯޓްރީތަކާމެދު ބައިނަލްއަގުވާމީ ފެންވަރުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް އެ ގައުމުން ޖަވާބުދާރީ ވުމަށް ޗައިނާއިން ގޮވާލައިފިއެވެ.
ޗައިނާގެ ވެރިރަށް ބެއިޖީންގްގައި، މާޗް 9 ވަނަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު، މާއޯ ނިންގް ވަނީ، އެމެރިކާގެ ސެނެޓުން ދާދި ފަހުން ފާސްކުރި "ކޮވިޑް އޮރިޖިންސް އެކްޓް އޮފް 2023"އަށް ފާޑުވިދާޅުވެފައެވެ. "ކޮވިޑް އޮރިޖިންސް އެކްޓް އޮފް 2023"އަކީ، ކޮވިޑް-19ގެ ބަލިމަޑުކަމުގެ އަސްލާ ބެހޭގޮތުން އެމެރިކާއަށް ލިބިފައިވާ ޖާސޫސީ މައުލޫމާތު ހާމަކުރުމަށް، އެމެރިކާގެ ސަރުކާރަށް ގޮވާލާ ބިލެކެވެ. އޭގެތެރޭގައި، ވައިރަހާ ޗައިނާގެ ލެބާ ދެމެދު އޮތްކަމަށް ތުހުމަތުކުރާ ގުޅުންތަކުގެ ވާހަކަވެސް ހިމެނެއެވެ.
މި މޭރުމުން ވާހަކަ ކުރިއަށް ގެންދަވަމުން މާއޯ ވަނީ، ކޮވިޑް-19ގެ އަސްލު ދެނެގަތުމަށް ކުރަމުންދާ މަސައްކަތްތައް ސިޔާސީކުރުމަށް އެމެރިކާއިން މަސައްކަތް ކުރާތާ ދުވަސްތަކެއް ވެފައިވާކަމަށް ވިދާޅުވެފައެވެ.
ކޮވިޑް-19ގެ އަސްލު ދެނެގަތުމަށް ސައެންޓިފިކް ފެންވަރުގަ ކުރިއަށް ގެންދާ ތަހުގީގުތައް ވިހަކޮށް، ދުނިޔޭގެ އެކި ކަންކޮޅުތަކުން ޗައިނާއަށް ހަމަލާ އަމާޒުކުރާވަރު ކުރުވުމަށް، އެއްވެސް ހުއްޖަތެއް ނެތް ވާހަކަތަކެއް ދައްކާ، ވައިރަހަކީ ޗައިނާގެ ލެބޯޓްރީއަކުން ލީކުވި އެއްޗެއް ކަމަށް ހަދާ، ޖާސޫސީ ބާރުތައް ބޭނުންކޮށްގެން، އަދި ގާނޫނު ހަދާ މަޖިލީހުގެ ބާރުގެ ބޭނުންކޮށްގެން، ކޮވިޑް-19ގެ އަސްލު ދެނެގަތުމަށް ހިންގާ ތަހުގީގުތައް ސިޔާސީކޮށް، ހަތިޔާރެއްގެ ގޮތުގަ އެމެރިކާއިން ބޭނުން ކުރަމުންދާތާ މިހާރު ދުވަސްތަކެއްވެއްޖެ.