ދުނިޔެ

އޮސްޓްރޭލިޔާއިން ސަބްމެރިންތަކެއް ގަންނާތީ ޗައިނާއިން ނުރުހުންވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެމެރިކާގައި އުފައްދާ ނިއުކްލިޔަރ ހަކަތައިގެ ބާރުން ދުއްވާ ސަބްމެރިންތަކެއް ގަތުމަށް އޮސްޓްރޭލިޔާއިން ނިންމުމާ ގުޅިގެން ޗައިނާއިން އެ ކަމާ މެދު ނުރުހުން ފާޅުކޮށްފިއެވެ. އެމެރިކާގައި އުފައްދާ ސަބްމެރިންތަކެއް ގަތުމަށް އޮސްޓްރޭލިޔާއިން އެއްބަސްވެފައި ވަނީ، އެ ދެ ޤައުމާއި އިނގިރޭސިވިލާތް ގުޅިގެން ބޭއްވި ސަމިޓެއްގައެވެ.

Ads by Sosun Fihaara

މި ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް އޮސްޓްރޭލިޔާގެ ބޮޑުވަޒީރު އެންތަނީ އެލްބެނީޒްގެ އިތުރުން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ރިޝީ ސުނަކް ވަނީ އެމެރިކާއަށް ވަޑައިގަންނަވައި، ރައީސް ޖޯ ބައިޑަންއާ ބައްދަލު ކުރައްވާފައެވެ. އެމެރިކާގައި އުފައްދާ "ވަރޖިނިޔާ" ކްލާސް ނުވަތަ މަރުކާގެ ފަސް ސަބްމެރިން ގަތުމުގެ އިތުރުން، އެމެރިކާއާއި އިނގިރޭސިވިލާތުގެ އެހީތެރިކަމާ އެކު އައު ސަބްމެރިންއެއް އުފެއްދުމަށް ވެސް އޮސްޓްރޭލިޔާއިން ވަނީ ނިންމާފައެވެ.

މި ކަމަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވޮންގް ވެންބިން ވިދާޅުވީ، ބައިނަލްއަޤުވާމީ ސުލްޙައާއި މަސަލަސްކަން ނަގައިލަން އެ ތިން ޤައުމުން ގުޅިގެން މަސައްކަތް ކުރަމުންދާ ކަމުގައެވެ. "އެ ތިން ޤައުމުން ގުޅިގެން ދިން ބަޔާނުން ދޭހަވަނީ، އަމިއްލަ އެދުމާއި، އަމިއްލަ ބޭނުންތައް ހާސިލުކުރަން، އެ ތިން ޤައުމުން ގުޅިގެން މަސައްކަތް ކުރަމުންދާ ކަން. އަދި، ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ކަންބޮޑުވުންތަކަށް އެއްވެސް ފަރުވާލެއް ނުބަހައްޓާން. އެ ތިން ޤައުމުން އެ ހިނގަނީ ވަރަށް ނުރައްކާތެރި އަދި ފަނާކުރަނިވި މަގަކުން،" ވޮންގް ވިދާޅުވިއެވެ.

އެލްބެނިޒާއި ސުނަކާ އެކު ބޭއްވި ބައްދަލުވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ބައިޑަން ވިދާޅުވީ، އިންޑޯ-ޕެސިފިކް ކަނޑުގެ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެމެރިކާއިން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމުގައެވެ. އަދި، އޮސްޓްރޭލިޔާއާ އެކު ހަދާފައިވާ ސަބްމެރިންތަކުގެ އެއްބަސްވުމާ އެކު، އެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރެވިގެންދާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.

ނަމަވެސް، މި އެއްބަސްވުމުގެ ދަށުން އޮސްޓްރޭލިޔާއަށް ނިއުކްލިޔަރ ހަތިޔާރު ވިއްކަން ހަމަޖެހިފައި ނުވާ ކަމުގައި ބައިޑަން ވިދާޅުވިއެވެ. އެމެރިކާއާއި އިނގިރޭސިވިލާތާ ދެމެދު ހަދާފައިވާ އިއްތިހާދާ އޮސްޓްރޭލިޔާއިން ގުޅިފައި ވަނީ މީގެ 18 މަސް ކުރިންނެވެ. ނިއުކްލިޔަރ ހަތިޔާރު ނުލިބުނު ނަމަވެސް، ނިއުކްލިޔަރ ހަކަތައިގެ ބާރުން ދުއްވާ ސަބްމެރިންތަކެއް ލިބުމަކީ، އޮސްޓްރޭލިޔާގެ އަސްކަރިއްޔާގެ ގާބިލުކަން އިތުރުވެގެންދާނެ ކަމެއް ކަމުގައި އެލްބެނީޒް ގަބޫލުފުޅު ކުރައްވައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!