ދުނިޔެ

ޓައިވާންގެ އަސްކަރީ ޑްރޯންތައް ދައްކާލައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ތައިވާނުގެ މިނިވަންކަމާ މެދު ޗައިނާއާ އެކު ކޯޅުން ބޮޑުވެފައިވާ ދަނޑިވަޅެއްގައި ތައިވާނުން އަލަށް އުފައްދާފައިވާ އަސްކަރީ ޑްރޯންތަކެއް ދައްކައިލައިފިއެވެ. ތައިވާނުން ބުނީ، އެ ޤައުމުގެ އަސްކަރިއްޔާއާ އަޅައިބަލާއިރު ޗައިނާގެ އަސްކަރިއްޔާއަކީ ބޮޑު، އަދި ބާރުގަދަ އަސްކަރިއްޔާއެއް ނަމަވެސް، މި ފަދަ ހަތިޔާރުތަކާ އެކު، އެ ފަދަ ބާރުގަދަ ޤައުމަކާ ކުރިމަތިލުމުގެ ގާބިލުކަން ތައިވާނަން ލިބިގެންދާނެ ކަމުގައެވެ.

Ads by Sosun Fihaara

ތައިވާނުގެ މިނިވަންކަމާ މެދު އެ ޤައުމާއި ޗައިނާއާ ދެމެދު ދެބަސްވުންތައް އުފެދިފައިވާއިރު، ބާރުގެ ބޭނުންކޮށްގެން ތައިވާން ހިފުމަކީ ޗައިނާއިން ނުކުރޭނެ ކަމެކޭ އެ ޤައުމުން މިހާތަނަށް ބުނެފައެއް ނުވެއެވެ. އަދި، ތައިވާނާ ދެކޮޅަށް ޗައިނާއިން ބާރުގެ ބޭނުންކޮށްފާނެ ކަމަށް ބެލެވޭ ފަދަ އަމަލުތައް ޗައިނާގެ އަސްކަރިއްޔާއިން ދަނީ ހިންގަމުންނެވެ. މީގެ ތެރޭގައި އަސްކަރީ ތަމްރީނުތައް ހިންގުމާއި، ތައިވާނުގެ ވަޔާއި ކަނޑުގެ ސަރަޙައްދަށް ޗައިނާގެ އަސްކަރީ މަތިންދާބޯޓުތަކާއި މަނަވަރުތައް ފޮނުވުން ފަދަ އަމަލުތައް ހިމެނެއެވެ.

ރަޝިޔާއިން ޔޫކްރެއިނަށް އަރައި ފަށާފައިވާ ހަނގުރާމައާ ގުޅިގެން ތައިވާނުން ވަނީ އެ ޤައުމުގެ މިނިވަންކަމާއި ސިޔާދަތަށް އޮތް ނުރައްކާތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި، ރަޝިޔާއިން ޔޫކްރެއިނުގައި އަމަލުކުރަމުންދާ ގޮތުން ހިތްވަރު ލިބި، ޗައިނާއިން ތައިވާން ހިފަން މަސައްކަތް ކޮށްފާނެ ކަމަށް ބެލެވޭ ކަމުގައި ތައިވާނުން ދަނީ ބުނަމުންނެވެ.

އެ ފަދަ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން ތައިވާނުން ދަނީ އެ ޤައުމުގެ އަސްކަރީ ގާބިލުކަން އިތުރުކުރަން މަސައްކަތް ކުރަމުންނެވެ. އަސްކަރީ ޑްރޯންތަކެއް އުފައްދާފައި މި ވަނީ އެ މަސައްކަތުގެ ދަށުންނެވެ. އެ ޑްރޯންތައް އުފައްދާފައި ވަނީ، ތައިވާނުގެ އަސްކަރިއްޔާގެ ނޭޝަނަލް ޗުންގް-ޝާން އިންސްޓިޓިއުޓް އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ (އެން.ސީ.އެސް.އައި.އެސް.ޓީ)އިންނެވެ.

އެ އިދާރާއިން އުފައްދާފައިވާ "އެލްބެޓްރޮސް 2" މަރުކާގެ ޑްރޯންއަކީ ޖާސޫސް ކުރުމަށް ބޭނުން ކުރެވޭ އުޅަނދެކެވެ. އަދި، ދެން އުފައްދާފައި ވަނީ އަސްކަރީ ޑްރޯންއެކެވެ. އެއީ، ޖީ.ޕީ.އެސް.ގެ ޒަރީއާއިން އުދުހުމުގެ ގާބިލުކަން ލިބިފައިވާ، ހަތިޔާރު އުފުލާ ޑްރޯންއެކެވެ. ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި މި ވައްތަރުގެ 3,000 އަށްވުރެ ގިނަ ޑްރޯން އުފައްދާނެ ކަމުގައި ތައިވާނުން ބުނެއެވެ.

ތައިވާނުގެ އަސްކަރިއްޔާއިން އުފައްދާފައިވާ އައު ޑްރޯންތައް ދައްކައިލުމާ ގުޅިގެން، އެ ކަމަށް ރައްދުދިނުމުގެ ގޮތުން ޗައިނާއިން ވަނީ އެ ޤައުމުގެ އަސްކަރީ ޑްރޯންތަކެއް ތައިވާނުގެ ސަރަޙައްދަށް ފޮނުވާފައެވެ. ހުސްވި 2022 ވަނަ އަހަރުގެ ތެރޭގައި ތައިވާނުން ވަނީ އެ ޤައުމުގެ ވައިގެ ސަރަޙައްދުގެ ތެރެއަށް ވަތް ޗައިނާގެ ޑްރޯންއެއް ވައްޓައިލާފައެވެ. ނަމަވެސް، އެއީ އަސްކަރީ އުޅަނދެއް ނޫނެވެ.

ޗައިނާއިން ގިނަ ޢަދަދެއްގެ އަސްކަރީ ޑްރޯންތަކާއި ރޮބޮޓްތައް އުފައްދަމުންދާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމުގައި ތައިވާނުން ބުނެއެވެ. އަދި، މި ކަމަށް ރައްދު ދިނުމުގެ ގޮތުން ތައިވާނުން ވެސް، އިތުރު ޑްރޯންތައް އުފައްދާނެ ކަމުގައި އެ ޤައުމުގެ ދިފާޢީ ވުޒާރާއިން ވަނީ ބުނެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!