ދުނިޔެ

އިމްރާން ޚާންގެ ދިފާއުގައި ބޮޑެތި މުޒާހަރާތަކެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ބޮޑުވަޒީރު ކަމުގައި އިމްރާން ހުންނެވި އިރު ލިބިވަޑައިގެންނެވި ބައެއް ހަދިޔާ، ދައުލަތަށް ނުދައްކާ ވިއްކެވި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރަން އުޅުމުން، ހުރަސް އަޅުއްވަނީ އޭނާ އަށް ތާއީދު ކުރާ އަންހެނުންނާއި ކުޑަކުދިން ނެރުއްވައިގެން ކަމަށް ޕާކިސްތާން ސަރުކާރުން ބުނެފިއެވެ.

Ads by Sosun Fihaara

ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާނަށް ކުރާ ކޮރަޕްޝަންގެ ތުހުމަތުގައި އޭނާ ހައްޔަރު ކުރަން ކޯޓު އަމުރެއް ވަނީ ނެރެފައެވެ. އެ އަމުރާ އެއްގޮތަށް އޭނާ ހައްޔަރު ކުރަން ފުލުހުން މަސައްކަތް ފެށުމުން އޭނާގެ ސަޕޯޓަރުން ވަނީ މަގުތަކަށް ނިކުމެ މުޒާހަރާތައް ފަށާފައެވެ. ޕާކިސްތާންގެ އެކި ސަރަހައްދުތަކުގައި މުޒާހަރާ ކުރާ އިރު، ގިނަ ބަޔަކު އިމްރާން ދިރިއުޅުއްވާ ގޭގެ ކޮމްޕައުންޑް ވަށައިގެންވެސް އެބަތިއްބެވެ. އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭ އިރު ފުލުހުން ވަނީ އެ ގެއަށް ވަނުމަށްޓަކައި ކަރުނަ ގޭސް ބޭނުން ކޮށްފައެވެ.

މިއާއެކު އިމްރާން ވިދާޅުވީ، އޭނާ ހައްޔަރު ކުރަން އުޅެނީ ސިޔާސީ ގޮތުން ކަމަށާއި ގާނޫނޫތަކާ ހިލާފަށް އޭނާގެ ގޭގެ ގޯތިތެރެއަށް ޕެޕާސްޕްރޭވެސް ޖަހާފައި ވާ ކަމަށެވެ. އަދި އޭނާ ހައްޔަރު ނުކުރެވޭނެ ކަމަށާއި އަންނަ ހޮނިހިރާ ހަމައަށް މުއްދަތު އޮތް ވަގުތީ ބެއިލް އެއް ލިބިވަޑައިގެންފައި ވާ ކަމަށެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ، އޭނާ ހުންނެވީ ހައްޔަރު ކޮށް، ގޮޅިއަށް ލާނެ ކަމަށް ތައްޔާރުވެ ވަޑައިގެން ކަމަށާއި ގޮޅީގައި ކިތަންމެ ރެއަކު އޮންނަވަން ޖެހިވަޑައިގަތަސް ފަރުވާލެއް ނެތް ކަމަށްވެސް ވިދާޅުވެފައެވެ.

ސިޔާސީ ބޭނުމެއްގައި ހައްޔަރު ކުރާ ކަމަށް އިމްރާން ވިދާޅުވާ އަނެއް ސަބަބަކީ، ކުރިއަށް އޮތް އާންމު އިންތިހާބުގައި އޭނާ ވާދަ ކުރެއްވިޔަ ނުދިނުމެވެ. ނަމަވެސް އޭނާ ވިދާޅުވީ، އޭނާ އަށް ވާދަ ނުކުރެެއްވުނު ނަމަވެސް އޭނާގެ ޕާޓީން ވާދަ ކޮށް ބޮޑުތަނުން އިންތިހާބު ކާމިޔާބު ކުރާނެ ކަމަށެވެ.

ޕާކިސްތާންގެ ސިޔާސީ މަސްރަހު ފެންނަ ގޮތުން، ވެރިކަމުން އިމްރާން ދުރުކުރި ފަހުން އޭނާގެ މަގުބޫލުކަން ވަނީ ބޮޑުވެފައެވެ. ވެރިކަމުން އޭނާ ދުރުކުރީ މިދިޔަ އަހަރުގެ އެޕްރީލްގައެވެ. އެއަށް ފަހު މިހާރުގެ ބޮޑުވަޒީރު ޝޭހްބާޒް ޝަރީފްގެ ސަރުކާރަށް ޕްރެޝާ ކުރުމާއި އިންތިހާބު އަވަސް ކުރުމަށް ގޮވާލައި އިމްރާންގެ ޕާޓީން ބޮޑެތި މުޒާހަރާތަކާއި ހިނގާލުންތައް ދަނީ ބާއްވަމުންނެވެ. ބައެއް ފަހަރު ހަމަނުޖެހުންތައް ހިނގި ނަމަވެސް ޕާކިސްތާންގެ ބޮޑެތި ހުރިހާ ސިޓީއެއްގެ މެޖޯރިޓީ އޭނާ އަށް އޮތް ކަމަށް މުރާސިލުން ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!