ނިއުކްލިއާ ސަބްމެރިން ވިއްކުމަށް އޯކަސް އެއްބަސްވެއްޖެ

އެމެރިކާ އާއި އޮސްޓްރޭލިޔާ އަދި އިނގިރޭސި ވިލާތް ބައިވެރިވެގެން އުފައްދާފައިވާ އިއްތިހާދު، އޯކަސްގެ އެއްބަސްވުމާ އެއްގޮތަށް، އެމެރިކާ އިން އޮސްޓްރޭލިޔާ އަށް ތިން ނިއުކްލިއާ ސަބްމެރިން ވިއްކުމަށް އެއްބަސްވެ އެކަން އިއްޔެ އިއުލާން ކޮށްފި އެވެ.
އެމެރިކާގެ ސެން ޑިއޭގޯގައި އިއްޔެ ބޭއްވި މި ތިން ގައުމުގެ އެންމެ އިސް ވެރިންގެ ބައްދަލުވުމަށް ފަހު އާންމުކުރި ގުޅިފައިވާ ބަޔާނުގައިވާ ގޮތުން، އެމެރިކާގައި އުފައްދާފައިވާ ވާޖީނިއާ ގިންތީގެ ތިން ނިއުކްލިއާ ސަބްމެރިން، އޮސްޓްރޭލިޔާ އަށް ގަންނާނެ އެވެ. އަދި އޮސްޓްރޭލިޔާ ބޭނުން ނަމަ، ހަމަ މި ގިންތީގެ އިތުރު ދެ ސަބްމެރިން ގަތުމުގެ ފުރުސަތު އެ ގައުމަށް އޮންނާނެ އެވެ.
މީގެ ދޮޅު އަހަރު ކުރިން ތިން ގައުމުން ގާއިމުކުރި މި އިއްތިހާދުގެ ފަރާތުން، "މިނިވަން ހުޅުވިފައިވާ" އިންޑޯ-ޕެސިފިކް ސަރަހައްދެއް ގާއިމުކުރުމަށް ކުރާ މަސައްކަތުގެ ދަށުން އަސްކަރީ ގުޅުން އިތުރަށް ބަދަހިކުރާނެ އެވެ. ބޭނުމަކީ، އެ ސަރަހައްދުގައި ފުޅާވަމުން އަންނަ ޗައިނާގެ އަސްކަރީ ނުފޫޒާ ދެކޮޅަށް ގުޅިގެން މަސައްކަތް ކުރުމެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑެން އާއި އިނގިރޭސި ބޮޑުވަޒީރު ރިޝީ ސުނަކް އަދި އޮސްޓްރޭލިޔާގެ ބޮޑުވަޒީރު އެންތަނީ އަލްބަނޭޒް ބޭއްވި ބައްދަލުކުރެއްވުމަށް ފަހު، ތިން ބޭފުޅުން އެކުގައި އާންމުކުރެއްވި ބަޔާނުގައިވާ ގޮތުން އިތުރު އެހެން ދާއިރާތަކުން ވެސް ތިން ގައުމުގެ ގުޅުން ބަދަހިކުރާނެ އެވެ. އޭގެ ތެރޭގައި އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާ އާއި އަޑަށް ވުރެ ބާރަށް ދަތުރުކުރާ ހަތިޔާރު އުފެއްދުމުގެ ދާއިރާ އާއި ޒަމާނީ ޓެކްނޮލޮޖީގެ ދާއިރާ އިން އެއްބާރުލުން ހިމެނެ އެވެ.