ދުނިޔެ

އިމްރާން ޚާން ހައްޔަރުކުރަން ނެރުނު ކޯޓު އަމުރު ބާޠިލުކުރަން ދެކޮޅު ހަދައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ހައްޔަރުކުރަން ނެރެފައިވާ ކޯޓު އަމުރު ބާޠިލުކުރަން އެ ޤައުމުގެ ކޯޓުން ދެކޮޅުހަދައިފިއެވެ. 70 އަހަރުގެ ޚާން ހައްޔަރުކުރަން ކޯޓު އަމުރެއް ނެރުނު ހިސާބުން ފެށިގެން ފުލުހުން ވަނީ އެ އަމުރު ތަންފީޒުކުރަން މަސައްކަތް ފަށާފައެވެ. ނަމަވެސް، ޚާނަށް ތާޢީދުކުރާ މީހުން ވަނީ ފުލުހުންނަށް ހުރަސް އަޅައި، އެ ކަން ހުއްޓުވާފައެވެ.

Ads by Sosun Fihaara

ޚާން ހުންނެވީ ޕާކިސްތާނުގެ އިރުމަތީގައިވާ ލާހޯރުގައި ހުންނަ އޭނާގެ ގެކޮޅުގައެވެ. އަދި، އޭނާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް، އޭނާއަށް ތާޢީދުކުރާ މީހުން ވަނީ އޭނާގެ ގެކޮޅު ކައިރިއަށް އެއްވެފައެވެ. އެ މީހުން ދަނީ، ޚާންގެ ގެކޮޅު ކައިރީގައި ފޯރިމަރަމުންނެވެ. އަދި، ފުލުހުންނަށް ގެކޮޅާ ކައިރިއަށް ނުދެވޭ ގޮތަށް އެ ސަރަޙައްދު ވަނީ ބަންދުކޮށްފައެވެ.

ޚާން ހައްޔަރުކުރަން ފުލުހުން މަސައްކަތް ކުރުމުން، އޭނާއަށް ތާޢީދުކުރާ މީހުން ވަނީ ހަމަނުޖެހުން ހިންގައި، ފުލުހުންނަށް ހަމަލާދީފައެވެ. މި ހަމަނުޖެހުންތަކުގައި ގިނަ ޢަދަދެއްގެ ބަޔަކަށް އަނިޔާވިއެވެ. ޚާންގެ ޤާނޫނީ ވަކީލުންގެ ޓީމުން ބުނީ، ޚާން ހައްޔަރުކުރުމަށް ނެރެފައިވާ ކޯޓު އަމުރު ބާޠިލުކޮށްދިނުމަށް އެދި ހުށަހެޅި މައްސަލަ ބޭރުކޮށްލާފައިވާ ކަމަށެވެ. އަދި، އެ އަމުރު ބާޠިލުކުރަން ކޯޓުން ދެކޮޅު ހަދާފައިވާ ކަމުގައެވެ.

ލާހޯރުގެ ޒަމާން ޕާކުގައި ފުލުހުންނާއި ޢާންމުންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި ފުލުހުންގެ 65 މީހުންނަށް އަނިޔާވިއެވެ. އަދި، ފުލުހުން ވަނީ ޢާންމުންނާ ދެކޮޅަށް ބާރުގެ ބޭނުންކޮށް، ކަރުނަ ގޭސް ޖަހާފައެވެ. ފުލުހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޕާކިސްތާނުގެ އަސްކަރިއްޔާގެ ސިފައިން ވެސް ހަރަކާތްތެރިވިއެވެ.

ޚާން ވިދާޅުވަނީ، އޭނާ ފުލުހުންގެ ހައްޔަރަށް ގެންގޮސްފި ނަމަ، އޭނާގެ ފުރާނައަށް ނުރައްކާ ކުރުމުގެ ފުރުޞަތު އޮތް ކަމުގައެވެ. އަދި، ޕާކިސްތާނުގައި މި ވަގުތު ހިންގަމުންދަނީ ޖަންގަލީގެ ޤާނޫނު ކަމަށް ވިދާޅުވެ، އޭނާ ވަނީ ޕާކިސްތާނުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ކަމުގެ މަޤާމުން ޚާން ވަކިކޮށްފައި ވަނީ، ހުސްވި 2022 ވަނަ އަހަރު އޭނާއާ ދެކޮޅަށް ނެގި އިތުބާރު ނެތްކަމުގެ ވޯޓަކަށް ފަހުއެވެ. އަދި، އެއަށްފަހު ޕާކިސްތާނުގެ ސަރުކާރުން ވަނީ އޭނާއާ ދެކޮޅަށް ގިނަ ޢަދަދެއްގެ ދަޢުވާތަކެއް އުފުލާފައެވެ. ނަމަވެސް، އޭނާ މަސައްކަތް ކުރައްވަމުން ގެންދަވަނީ، އިންތިޚާބު އަވަސްކޮށް، އަލުން ވެރިކަމަށް ވަޑައިގަންނަވާށެވެ.

ޚާން ހައްޔަރުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރަން އަމުރުކޮށްފައި ވަނީ އެ ޤައުމުގެ އިންތިޚާބާ ބެހޭ ކޮމިޝަނުން އޭނާއާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައެއްގައެވެ. އޭނާގެ މައްޗަށް އުފުލާފައި ވަނީ، ވެރިކަމުގައި ހުންނެވިއިރު އެކި ޤައުމުތަކުން ހަދިޔާގެ ގޮތުގައި ލިބިފައިވާ އަގުބޮޑެތި ތަކެތި، ރަޖިސްޓަރީ ނުކޮށް، އެ ތަކެތި ވިއްކައިގެން ވިޔަފާރީގެ ނަފާ ހޯއްދެވުމުގެ ދަޢުވާއެވެ. ނަމަވެސް، މި ދަޢުވާއަށް ޚާން އިންކާރު ކުރައްވައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!