ކުޑަކުޑަ ދަތުރެއްތަ؟ - ދާންވީ ކުޑަގިރިއަށް!

ރޯދަ ފެށެން ދެން ދުވަހެއް ނެތެވެ. އެކަން އިހްސާސް ކުރެވުނީ ދާން ޖެހޭ މާހެފުންތައް ގިނަ ކަމުންނެވެ. އޮފީސް މާހެފުމާއި ދެ ފަރާތު އާއިލީ މާހެފުމުން ގޮސް ކޮންމެ ދެމީހެއް އެއްވާއިރަށް އެވީ ހަމަ މާހަފާށެވެ.
އަހަރެމެން މީގެ ކުރިން އާއިލީ މާހެފުމަކަށް ވިއްޔާ ދަނީ ވިލިނގިއްޔަށެވެ. އެކަމަކު ވިލިނގިލީގައި އެރިލާނެ ރީތި މޫދެއް ނެތުމުން ހިތްގައިމު "ބީޗް ވައިބެއް" ނުލިބޭތާ ދުވަސް ގަނޑެއް ވެއްޖެއެވެ.
އެހެންވެ މިފަހަރު މާހަފަން މި ދިޔައީ ކުޑަގިރިއަށެވެ. ހިތްގައިމެވެ. އާއިލީ ވަގުތު ކޮޅަކަށް ނުވަތަ ރައްޓެހިންނާއެކު ކުޑަ ދަތުރެއް ދާން ވިސްނާނަމަ ދާންވީ ކުޑަގިރިއަށެވެ. ސަބަބުތައް ވެސް މި ކިޔައިދެނީއެވެ.
ކުޑަ ކުޑަ ހަމަ ވަރަށް ކުޑަ ގިރިއެއް!
ރަށުގެ ނަން ތަމްސީލް ކުރާހެން ރަށް ވެސް ހަމަ ކުޑައެވެ. ފާލަމުން ފޭބުނު އިރު ރަށުގެ އަނެއް ކޮޅުގައި ކުޅެން ތިބި ކޮއްކޮމެން ފެނިއްޖެއެވެ. އެއީ ވެސް ލިބުނު ފަސޭހައެކެވެ. ހިނގަން އުނދަގޫ ފަރާތްތަކަށް ހަމަ މި ރަށް ބަރާބަރެވެ.

ފޮޓޯ: ދެން.އެމް.ވީ
ހިލޭ ބައިސްކަލު ވެސް ލިބެން ހުރެއެވެ. އެރަށަށް ގޮސް ބައިސްކަލު ބުރެއް ޖަހާލައްޗެވެ.
ޖެޓް ސްކީ ބުރެއް!
ރަށަށް ލަފާއިރު އެއޮތީ ރިސެޕްޝަނެވެ. ގޮސް ހަމަ ވޯޓާ ސްޕޯޓްސް އާ ބެހޭ މަޢުލޫމާތު ވެސް ސާފު ކުރަންވީއެވެ. ރަށުގެ އެއް އަރިމައްޗަށް ވާ ކަހަލަ ގޮތަކަށް މޫދު ކުޅިވަރުގެ އެކި ހަރަކާތްތައް އޮވެއެވެ.
އެކަމަކު ޖެޓް ސްކީ ދުއްވާލެވޭނީ ލާރިއަށް ކަމަށްވުމުން، ދަތުރުގެ ބައިވެރިން ބަހާލައިގެން މިކަން ކުރެވިދާނެއެވެ. ގަޑިއިރަކަށް އިންނަ ޖެޓް ސްކީ ޕެކޭޖް ނަގައިގެން ވެސް އެ އުފަލުގައި ހުރިހާ އެންމެނަށް ބައިވެރިވެވޭނެއެވެ.

ފޮޓޯ: ދެން.އެމްވީ
އެކި ވަރުގެ އަށިތައް – ކައްކަކާފައި ހަމަ ކާންވީ!
ދަތުރު ދާ މީހުންގެ ނިސްބަތަށް ބަލައިގެން، އައްޓެއް ކުއްޔަށް ނަގައިގެން މީރު އެއްޗެއް ކައްކާލެވޭނެއެވެ. ނޫނީ ކާއެއްޗެހި ގޭން ހިފައިގެން ގޮސް ވެސް ކާން ވީއެވެ. ފެން ހިލޭ ލިބެން ހުންނައިރު، ބާބަކިއު ވެސް ހަދާލެވެން ހުރެއެވެ.
ގައިމުވެސް މާލެ އޭރިއާއިން އެންމެ ހިތްފަސޭހަ ބާބަކިއު އެއް ހަދާލަން ލިބޭނެ އެއް މަންޒިލަކީ މިއީއެވެ.
ނަލަ މިސްކިތެއް!
ދަތުރު މަތީ އުޅުނަސް ނަމާދު ތަކަށް ރައްކާތެރި ވައްޗެވެ. ޖަމާޢަތުގައި ނަމާދު ކޮށްލަން މިސްކިތަށް ދެވޭނެއެވެ. ހުކުރު ގަޑީގައި އެ މިސްކިތުގައި ހުކުރު ކުރުމުން، ހުކުރު ޚުތާބާ ވެސް އަޑު އަހާލަން ލިބުނެވެ. ރަށް ކުޑަ ކަމުން މިސްކިތާއި މާ ކައިރި ނޫން ހިސާބު ތަކުގައި ތިބި އަންހެން ވެރިންނަށް ވެސް ނުލާހިކު ސާފުކޮށް ހުކުރު ޚުތުބާގެ އަޑު އިވުނެވެ.

ފޮޓޯ: އިބްތިހާލް
އޭރު ޖެހެމުންދިޔަ ނަލަ ވައިރޯޅި ވެސް ދިޔައީ އެ ހިސާބުގައި ތިބި އެންމެންގެ މޫނުގައި ފިރުމަމުންނެވެ. – ހަމަ ވަރަށް ރާއްޖެ ތެރޭ ފީލްއެކެވެ.
ރެސްޓޯރެންޓާއި ބުރުޒު ކޭޓަރިންގ ގެ ބުފޭ!
ދަތުރު ގޮސް އުޅުމުގައި ކައްކަން ބޭނުން ނުވާނެ މީހުންނަށް މިއީ އުފާވެރި ޚަބަރެކެވެ. ތި ލިބޭ މަދު ވަގުތު ކޮޅުގައި ކެއްކުމާ މެދު ހާސް ނުވެ ރެސްޓޯރެންޓަށް ވަދެ ކާލައިގެން ނޫނީ ބުރުޒުގެ ބުފޭއިން ކާލައިގެން ވެސް ހަމަ މޫދަށް އެރެން ވީއެވެ. އެކަމަކު މިގޮތް ޖީބަށް ބަރުވާނެކަން ވެސް ހަނދާން ކޮށްދެމެވެ.
ކޮފީއަކަށް އަރާލަން ބޭނުން ފަރާތްތަކަށް ކުޑަގިރީގެ މި ރެސްޓޯރެންޓް ހަމަ ވަރަށް ފައްކަލެވެ. ހުޅުމާލެ ބީޗް ފްރޮންޓުގައި އިނދެ ކޮފީއެއް ބޯލުމަށްވުރެ މި ރެސްޓޯރެންޓުން ކޮފީއެއް ބޯލަން މާ ސަޅިއެވެ. އެއީ ސާފު ވަޔާ ކުރިމަތިން ފެންނަ ރީތި މޫދު ވިއުގެ ސަބަބުން ހައްޓަށް ހަމަ ޖެހުން ގެނެސްދޭތީއެވެ.
ވޮލީ މެޗެއްތަ؟ ނޫނީ ބާސްކެޓް ތަ؟
ބޭނުން ކުޅިވަރެއް ކުޅެން ހަމަ ކުޅެންވީއެވެ. ޖާގަ ދަތި ނުވާނެހެން ދެ ކުޅިވަރަށް ވެސް ކޯޓުތައް ހަދައިދީފައި އެބަ ހުއްޓެވެ.

ފޮޓޯ: ދެން.އެމްވީ
ދަތުރުގެ ބައިވެރިން ދެބަޔަށް ބެހިލައިގެން ކުޑަ ވޮލީ މެޗެއް ވެސް ކުޅެލާށެވެ. މާލޭގެ ހަލަބޮލިކަމާއި ހާސްކަމުން ސިކުނޑިއަށް ރެސްޓެއް ލިބޭނެއެވެ.
ތެދަށް ބުނަންޏާ، ކުޑަގިރީގެ ތަޖުރިބާ އަކީ ވިލިނގިއްޔާއި އާޓިފިޝިއަލް އަދި ރަސްފަންނާއި ހުޅުމާލެ ބީޗް އަދި ފޭސް 2 ގެ ވެސް މިކްސް-އަޕެކެވެ. ކަނޑުމަގުން ކުރާ ދަތުރު ކުޑަކޮށް ދިގަސް، ކުޑަގިރީގައި އުޅޭއިރު މާލެ މަތިން ހަނދާނެއްވެސް ނުހުރެއެވެ. އެހާވެސް ރާއްޖެ ތެރޭ ފީލް ކުރެވުނެވެ.
މާލެ ކައިރިން "ރާއްޖެ ތެރޭގެ ޕިކްނިކް ފީލް" ކޮށްލަން ބޭނުމިއްޔާ ޗުއްޓީއަކާ ދިމާކޮށް ކުޑަގިރިއަށް ދަތުރެއް ރާވާށެވެ.
ވަރައް ހިއްގާމު ލިޔުމެއް.ވަރައް ސަޅި.