ދުނިޔެ

ޗައިނާގެ ރައީސް ޝީ ޖިންޕިންގ އަންނަ ހަފުތާގައި ރަޝިޔާއަށް ވަޑައިގަންނަވަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
Russian President Vladimir Putin attends a meeting with Chinese President Xi Jinping in Beijing, China February 4, 2022. Sputnik/Aleksey Druzhinin/Kremlin via REUTERS ATTENTION EDITORS - THIS IMAGE WAS PROVIDED BY A THIRD PARTY.

އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާ ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ހުއްޓާލައި، ސުލްހައިގެ މަގު އިޚުތިޔާރު ކުރުމާ ގުޅޭގޮތުން ވާހަކަތައް ދެއްކެވުމަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގ އަންނަ ހަފުތާގައި ރަޝިޔާއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

Ads by WAMCO

ޝީގެ މިދަތުރުފުޅުގައި، ހަނގުރާމަ ހުއްޓާލުމާ ގުޅޭގޮތުން ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިންއާ ވާހަކަފުޅުދައްކަވާނެއެވެ. ޝީ ރަޝިޔާއަށް ވަޑައިގަންނަވާނީ މާޗް 20ން 22އަށެވެ.

ޝީ މިދަތުރުފުޅު ކުރައްވާކަން ހާމަކުރައްވާފައި މިވަނީ، ޔޫކްރެއިން ހަނގުރާމައަށް ސިޔާސީ ގޮތުން ގެނެވޭނެ ހައްލުތަކާގުޅޭ 12 ޕޮއިންޓްގެ ޕްލޭނެއް ޗައިނާއިން މިދިޔަ މަހު ހާމަކޮށްފައިވަނިކޮށެވެ. އަދި ބުރާސްފަތި ދުވަހު ޗައިނާގެ ސީނިއަރ ޑިޕްލޮމެޓެއް ސުލްހައިގެ ވާހަތަކާ ގުޅޭގޮތުން ޔޫކްރެއިންގެ ފޮރިން މިނިސްޓަރާ ވާހަކަފުޅު ދެއްކެވިފަހުންނެވެ.

ޗައިނާއިން ހާމަކޮށްފައިވާ ޕްލޭންގައި ވަނީ; ރަޝިޔާއާއި ޔޫކްރެއިނުންވެސް ދެ ގައުމުގެ އާންމު ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށް، ދެ ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އިހުތިރާމްކުރުމަށެވެ.

ނަމަވެސް އެމެރިކާއާއި ނޭޓޯއިން ބުނެފައިވަނީ; ރަޝިޔާއާއި ޔޫކްރެއިނާ ދެ ގައުމު ސުލްހަކުރުމަށް މެދުވެރިއަކަށް ޗައިނާއަށް ނުވެވޭނެކަމަށެވެ. އެއީ ރަޝިޔާއިން ޔޫކްރެއިނަށް ދެމުންދާ ހަމަލާތައް ޗައިނާއިން ކުށްވެރިކޮށްފައި ނުވާތީކަމަށެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީގެ ސްޕޯކްސްޕަރސަން، ވެންގ ވެންބިން ވިދާޅުވީ ގާތްގަޑަކަށް ހަތަރު އަހަރުގެ ތެރޭގައި ޝީ ރަޝިޔާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގެ އަމާޒަކީ ސުލްހަ ކަމަށެވެ. މީގެއިތުރުން ދެ ގައުމުގެ ލީޑަރުން ސަރަހައްދީ އަދި ބައިނަލްއަގްވާމީ ބޮޑެތި މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާނެ ކަމަށާއި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާއި، އިގްތިސާދީގޮތުން ދެގައުމު ގުޅިގެން ކުރިއަށްދެވޭނެ ގޮތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާނެކަމަށެވެ.

ޗައިނާގެ ރައީސްގެ ދަތުރުފުޅާ ގުޅިގެން ކްރެމްލިނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ޝީއާއި ޕުޓިން ދެ ގައުމުގެ ގުޅުމާއި, ގުޅުން އިތުރަށް ހަރުދަނާ ކުރެވޭނެ ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާނެ ކަމަށެވެ. މިބަޔާނުގައި ޔޫކްރެއިންގެ އެއްވެސް ވާހަކައެއް ހިމަނާފައެއްނުވެއެވެ.

ބައެއް މީޑިޔާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން، ޝީ ރަޝިޔާއަށް ކުރައްވާ ދަތުރުފުޅަށްފަހު ޔޫކްރެއިންގެ ރައީސް ވޮލޮޑްމިއަރ ޒެލެންސްކީއާ ފޯނުން ގުޅުއްވައި ވާހަކަފުޅުދައްކަވާނެއެވެ. ނަމަވެސް ބެއިޖިންގުން މިކަން އަދި ޔަގީންކޮށެއްނުދެއެވެ.

ޔޫކްރެއިން ހަނގުރާމަ ފެށުނުފަހުން ޗައިނާއިން އަންނަނީ ރަޝިޔާއަށް އިގްތިސާދީގޮތުން ގިނަ ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ޗައިނާއަކީ ރަޝިޔާގެ ތެޔޮ އެންމެ ގިނައިން ގަންނަ ގައުމެވެ. އެއީ ރަޝިޔާއަށް އެންމެ ގިނައިން އާމްދަނީ ލިބޭ ވަސީލަތެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!