ޚަބަރު

އިންތިހާބުގައި އަމިއްލައަށް ވާދަކުރާ އެމްޑީޕީގެ މެމްބަރުން ޕާޓީން ވަކިކުރަން ނިންމައިފި

ދެން އެމްވީ ، ދެން އޮންލައިން

ކައުންސިލް އިންތިހާބުގައި ކުރިމަތިލާނެ ކެންޑިޑޭޓުން ހޮވުމަށް އެމްޑީޕީން ބޭއްވި ޕްރައިމަރީން ނާކާމިޔާބުވުމުން، އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި އިންތިހާބުގައި ވާދަކުރާ އެ ޕާޓީގެ މެމްބަރުން ޕާޓީން ވަކިކުރަން ނިންމައިފިއެވެ.

Ads by Hajj Corporation

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ލޯކަލް ކައުންސިލް އިންތިހާބުގެ ޕްރައިމެރީން ބަލިވި އެ ޕާޓީގެ މެމްބަރުން، އަމިއްލަ ކެންޑިޑޭޓުންގެ ގޮތުގައި އިންތިހާބުގައި ވާދަކުރާ ނަމަ، ޕާޓީގެ މެމްބަރު ކަމުން ވަކި ކުރަން ނިންމާފައިވާ ކަމަށެވެ.

އެގޮތަށް ނިންމާފައި ވަނީ އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން މިއަދު އެވެ.

އެމްޑީޕީން ބުނީ އެ ޕާޓީގެ މެމްބަރުން އަމިއްލަ ކެންޑިޑޭޓުންގެ ގޮތުގައި އިންތިހާބުތަކުގައި ވާދަކުރުމަކީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފު އަމަލެއް ކަމަށެވެ.

ބައެއް ފަރާތްތަކުން އަސާސީ ގަވާއިދާ ހިލާފަށް އަމަލު ކުރަމުންދާ ކަމުގެ ޝަކުވާ ލިބުމާ ގުޅިގެން، ފިޔަވަޅު އަޅާ ކޮމިޓީން ގޮތެއް ނިންމުމުގެ ކުރިން ވަނީ އެ ޝަކުވާތައް ބަލާފަ އެވެ.

ކައުންސިލު އިންތިހާބުގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ކެންޑިޑޭޓުންގެ ތެރެއިން ވެސް އެގޮތަށް އަމަލުކޮށްފައިވާ ފަރާތްތައް ޕާޓީން ވަކިކުރަން ވަނީ ނިންމާފަ އެވެ.

މިހާރު ވެސް އެމްޑީޕީއަށް ވަނީ މުޅި ރާއްޖެއިން 13 ކައުންސިލް ގޮނޑި އާއި 39 އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ގޮނޑި ކަށަވަރުވެފަ އެވެ.

އަންނަ އޭޕްރިލް 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި 337 އަންހެން ކެންޑިޑޭޓުން ވާދަކުރެ އެވެ. މިއީ އެ ޕާޓީގެ ޖުމްލަ 877 ކެންޑިޑޭޓުންގެ ތެރެއިން 38 އިންސައްތަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!