ޖިންސީ ގޯނާ ލިބުނު އަންހެނުންގެ ވާހަކަ ހޯދަން ފުލުހުން ރާހޫލްގެ ގެއަށް
ކަޝްމީރުގައި އިންޑިއާ އިން ކޮންޓްރޯލް ކުރާ ސަރަހައްދުގައި ދިރިއުޅޭ އަންހެނުންނަށް ޖިންސީ ގޯނާ ކުރިމަތިވެފައި ވާ ކަމަށް، އެގައުމުގެ އިދިކޮޅު ޕާޓީ، ކޮންގްރެސްގެ ލީޑަރު ރާހޫލް ގާނދީ ވިދާޅުވި މައްސަލައިގައި މައުލޫމާތު ސާފު ކުރަން ފުލުހުން އެގެއަށް ގޮސްފިއެވެ.
ގޭގެއަށް ވަނުމުގެ އަމުރެއް ހިފައިގެން ފުލުހުން އެ ގެއަށް ގޮސް 2 ގަޑިއިރު ތިބި ކަމަށާއި ފުލުހުން އެދެނީ، އެ އަނިޔާ ލިބުނު މީހުންގެ މައުލޫމާތު ކަމަށް އިދާރާތަކުން ބުނެއެވެ.
އިދިކޮޅު ލީޑަރު އެފަދަ ވާހަކައެއް ދެއްކެވުމުން އެކަމުގައި އަނިލާ ލިބުނު މީހުން ދެނެގަންނަން ބޭނުންވަނީ، ތަހުގީގު ހިންގާ ކުށްވެރިވާ ފަރާތްތަކަށް އަދަބު ދޭން ކަމަށް ވެސް އިދާރާތަކުން ބުނެއެވެ.
މި ކަމާ ގުޅިގެން ރާހޫލްގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނީ، ފުލުހުން އެކަން ކުރަނީ، ވެރިކަން ކުރާ ބީޖޭޕީގެ ސަރުކާރުން ޑިމޮކްރަސީ ނައްތާލައި އަދި ދާދިފަހުން ފެންމަތިވި ބިލިއަނރު ގޯތަމް އަދާނީގެ ކޮރަޕްޝަނާ ގުޅޭ ގޮތުން ރާހޫލް ވާހަކަ ދައްކަވާތީ ކަމަށް ބެލެވޭ ކަމަށެވެ. އަދި އެވާހަކަ ނުހުއްޓާނެ ކަމަށާއި ބީޖޭޕީ ސަރުކާރުން ޖަވާބު ދޭންދެން އެވާހަކަ ދައްކާނެ ކަމަށް ބުނެފައި ވެއެވެ.
އިންޑިއާގެ ފުލުހުން ރާހޫލްގެ ގެއަށް ދިޔައިރު ދާދި ފަހުން ރާހޫލް އިނގިރޭސިވިލާތަށް ކުރެއްވި ދަތުރެއްގައި ބީޖޭޕީން ޑިމޮކްރަސީގެ އުސޫލުތައް މުގުރާ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައި ވާ މައްސަލަވެސް އިންޑިއާގައި ވަނީ ބޮޑުވެފައެވެ. އެ މައްސަލައިގައިވެސް ރާހޫލް އަށް ފިޔަވަޅު އެޅުމުގެ އަޑުތައް ބީޖޭޕީގެ ސަޕޯޓަރުންގެ މެދުގައި ގަދަވެފައި ވަނިކޮށް ކަޝްމީރުގައި ހިނގިކަމަށް ރާހޫލް ވިދާޅުވާ ހާދިސާއާ ގުޅިގެން އޭނާގެ ފަރާތުން މައުލޫމާތު ސާފުކުރުމުގެ މަސައްކަތް ކުރަން ފެށުމުން ސިޔާސީ މަޝްރަހް ވަނީ އިތުރަށް ހަލަބޮލިވެފައެވެ.
މައުލޫމާތު ހޯދަން ފުލުހުން އެދިފައިވާ މައްސަލައިގައި ރާހޫލްގެ ފަރާތުން ބުނެފައި ވަނީ 10 ދުވަސް ތެރޭގައި ތަފްސީލު ޖަވާބު ދެއްވާނެ ކަމަށެވެ.