ފޮތުގައިވާ ގޮތަށް ޢަމަލު ނުކުރާނަމަ،އެ މީހެއްގެ ދިރިއުޅުން ދަތިވާނެ
ފޮތުގައިވާ ގޮތަށް ޢަމަލު ނުކުރާނަމަ، އެމީހެއްގެ ދިރިއުޅުން ދަތިވާނެކަމަށް އައްޝައިޚް އިލްޔާސް ޙުސައިން ވިދާޅުވެއްޖެއެވެ.
އައްޝައިޚް އިލްޔާސް މިހެން ވިދާޅުވީ 7 ވަނަ އިޙްޔާ ފޯރަމްގައި ތަޤްރީރުކުރައްވަމުންނެވެ. ” أَفَلَا يَتَدَبَّرُونَ الْقُرْآنَ ޤުރުއާނާއިމެދު އެއުރެން ވިސްނާ ފިކުރު ނުކުރަނީ ހެއްޔެވެ.” މި މައުޟޫޢަށް ފޯރަމްގައި ތަޤްރީރުކުރެއްވީ އައްޝައިޚް އިލްޔާސް ޙުސައިން އަދި އައްޝައިޚް އަޡްމަތު ޖަމީލެވެ.
ފޯރަމްގައި ތަޤްރީރު ކުރައްވަމުން ޝައިޚް އިލްޔާސް ވަނީ ރަމަޟާންމަހުގެ 11 ދުވަސް ވޭތުވެގެން ދިޔައިރު ތަޤުވާވެރިވެ، އަދި ތައުބާވުމަށް މަސައްކަތްކުރެވުނީ ކިހާވަރަކަށްތޯ ސުވާލުކުރައްވާފައެވެ.
ކީރިތި ޤުރުއާނަކީ މުޅި އިންސާނިއްޔަތަށް މާތްﷲ ދެއްވި ހަދިޔާއެއްކަމަށާއި އެފޮތް ކިޔަވައި އެ ފޮތުގައިވާ ގޮތަށް ޢަމަލުކުރަންޖެހޭކަމަށް ވިދާޅުވިއެވެ.
ވިސްނާ ފިކުރުކުރުމާއިއެކު ޤުރުއާން ތިލާވަތު ކުރުމަކީ އީމާންކަން އިތުރުވެ، ހިތް ސާފުވާކަމެއްކަމަށް ވިދާޅުވިއެވެ. އަދި ވިސްނާ ފިކުރުކޮށް ޤުރުއާން ތިލާވަތުކުރުމަކީ އިންސާނަކަށް ލިބޭނެ އެންމެ ބޮޑު ފައިދާކަމަށް ވިދާޅުވިއެވެ.
އެ ފޮތަކީ އީމާންކަމުގެ އަހުލުވެރިންނަށް އުފާވެރިކަން ދެއްވާ ފޮތެއްކަމަށާއި މި އުފާވެރިކަން ލިބޭނީ ވިސްނާ ފިކުރުކުރުމާއިއެކު އެ ފޮތުގައިވާ އާޔަތްތައް ކިޔައި، އެގޮތަށް ޢަމަލުކޮށްގެންކަމަށް ވިދާޅުވިއެވެ.
ކީރިތި ޤުރުއާނުގެ ބަރަކާތުން އީމާންތެރިކަން އިތުރުވާކަން ފާހަގަކުރައްވާ މިފަދަ މާތް މައްސަރެއް ނިމިގެންދާއިރު ހިތްތައް އަލިވެ، ދޫ ފަސޭހަވާންޖެހޭކަމަށާއި މިއީ އެކަމަށް އެންމެ ރަނގަޅު ފުރުސަތުކަމަށް ވިދާޅުވިއެވެ.
ދަރިވަރުންނާއި މުޚާތަބްކުރައްވާ ޝައިޚް އިލްޔާސް ވިދާޅުވީ ކީރިތި ޤުރުއާނުގައި އިންސާނާ ޢަމަލުކުރަންޖެހޭ ގޮތާއި ޢަމަލުކުރަން ނުޖެހޭ ކަންތައްތައް ބަޔާންވެގެންވާކަމަށެވެ. އެހެންކަމުން އެފޮތް ވިސްނައިގެން ކިޔަވަން ދަރިވަރުންނަށް އިލްތިމާސްކުރެއްވިއެވެ.
ޤުރުއާން ދިރާސާކޮށް ޤުރުއާން ތިލާވަތުކުރުމަށް ރަސޫލާ އަންގަވާފައިވާކަމަށް ވިދާޅުވެ، ދިރިއުޅުމާއިގެން ކުރިއަށް ދިޔަނަމަވެސް ފޮތުގައިވާ ގޮތަށް ޢަމަލު ނުކުރާނަމަ އެމީހެއްގެ ދިރިއުޅުން ދަތިވާނެކަމަށް ވިދާޅުވިއެވެ.
އެހެންކަމުން މި ފޮތަށް ހަޤީޤީ މާނައިގައި އެނބުރި ރުޖޫޢަވާން ޖެހޭކަމަށްވެސް ޝައިޚް އިލްޔާސް ވިދާޅުވިއެވެ.
ޖަމީލު ވަނީ ކީރިތި ޤުރުއާނުގެ މާތްކަމަށް ބައްލަވާލައްވާފައެވެ.
އެގޮތުން އެ ފޮތަކީ އަބަދުވެސް ކިޔަވައި، އާޔަތްތަކަށް ވިސްނައި ފިކުރުކުރުމަށް މާތްﷲ ތާޢާލާ އަންގަވާފައިވާ ފޮތެއްކަމަށް ވިދާޅުވިއެވެ. މިއީ ބަލިތަކަށްވާ ޝިފާއެއްކަމަށާއި މާތްﷲ ހަތް އުޑުމަތިން ބާވައިލެއްވި މަތިވެރި ފޮތެއްކަމަށް ވިދާޅުވިއެވެ.
ފޯރަމްގެ މައުޟޫޢަށް ބައްލަވަމުން ”ޤުރުއާނާއިމެދު އެއުރެން ވިސްނާ ފިކުރު ނުކުރަނީ ހެއްޔެވެ.” މިފަދައިން މާތް ﷲ ޤުރުއާންގައި އަންގަވާފައިވާއިރު މި އާޔަތްތަކުން ގޮވާލަނީ ކޮންކަމަށްތޯ ޝައިޚް ވަނީ ސުވާލުކުރައްވާފައެވެ. ތަފާތު އާޔަތްތަކާއި ތަފާތު ޢިބާރާތްތަކުން މާތް ﷲ ކީރިތި ޤުރުއާނުގައި މިފަދައިން ސުވާލު ތަކުރާރުކުރެއްވުން އެއީ އިންސާނާ ވިސްނަން ޖެހޭ ކަމެއްކަމަށް ވިދާޅުވިއެވެ. އަދި ކީރިތި ޤުރުއާނަކީ އެ ފޮތް އެއްކޮޅުން އަނެއްކޮޅަށް ކިޔާލުމަށްފަހު ދޫކޮށްލަންޖެހޭ ފޮތެއް ނޫންކަމަށް ވިދާޅުވިއެވެ.
ކީރިތި ޤުރުއާނާމެދު ވިސްނައި ފިކުރުކުރުމަކީ މާތް ﷲ އެކަމަށް ޘަވާބާއި ދަރުމަ ދެއްވާނެކަމެއްކަމަށާއި ވިސްނާ ފިކުރުކުރާ މީހަކަށް މާތްﷲ ވޮޑިގެންވާކަމުގެ ހެކިތައް ފެންނާނެކަމަށް ވިދާޅުވިއެވެ.
ޝައިޚްވަނީ މާތް ﷲ އިންސާނާއަށް ވިސްނާ ފިކުރުކުރުމަށް އަންގަވާފައިވާ ބައެއް އާޔަތްތަކުގެ ތަފްސީލަށް، މި ޒަމާނުގެ ސައިންސްގެ އަލީގައި ހޯދިފައިވާ ކަންތައްތަކުން މިސާލު ދައްކަވައި ބައްލަވާލައްވާފައެވެ.
ޢިލިޔާސަށް ދިމާވެގެން ތިއުޅެނީ އެހެން
ފޮތުގަ އޮތްގޮތަ ސޭޙު އިލިޔާސް އެއުޅޫވަނީ އޯ އެމަނިކުފާނުން އެކިފަހަރު އެކިފަރާތްތަކައް ސަޕޯޓްކޮއްގެން
އެކިޕާޓީ ތަކުން އެވަރައްލާރި ނަންގަވައިގެން އެއުޅުވަނީ މިހާރުމިއޮތީ އަނެއްކަ އެބޭފުގެ ސީޒަން ކައިރިވެފަ އެކިސީޒަން ތަކުގަ އެކިބޭފުޅުންނައްސަޕޯޓުކޮއްއެއުނީ ފޮތުގައޮޔް ގޮތައްބާ