ޚަބަރު

ވައިރަހާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކުރަން ރައީސް އަންގަވައިފި

ދެން އެމްވީ ، ދެން އޮންލައިން

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 ބަލިން ރައްކާތެރިވުމުގެ ގޮތުން ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ކަމާބެހޭ އިދާރާތަކަށް އިރުޝާދު ދެއްވައިފިއެވެ.

Ads by STELCO

މިކަމާއި ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ކެބިނެޓުގެ ބައެއް ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ކަމާއިބެހޭ އިދާރާތަކުގެ އިސްވެރީންގެ އިތުރުން ޞިއްޙީ ދާއިރާގެ ތަޖުރިބާކާރުންނާއި ރައީސް ވަނީ ރޭ މުލީއާގޭގައި ބައްދަލުކުރައްވާފައެވެ.

ރައީސް އޮފީހުން ބުނީ މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ވަނީ، އިޓަލީން ފުރައިގެން ނުވަތަ އެ ޤައުމުގައި ޓްރާންސިޓްކޮށްފައި އަންނަ އެއްވެސް ދަތުރުވެރިއަކު، އަދި ފާއިތުވި 14 ދުވަހުގެ ތެރޭގައި އެ ޤައުމަށް ޒިޔާރަތްކޮށްފައިވާ އެއްވެސް ދަތުރުވެރިއަކު ރާއްޖެ އެތެރެވުން ވަގުތީ ގޮތުން މަނާކުރަން، ކަމާބެހޭ އިދާރާތަކުގެ ލަފާގެ މަތިން، ނިންމަވާފައި ކަމަށެވެ. މިގޮތަށް އަމަލުކުރަން ނިންމަވާފައިވަނީ، މިރޭ 00:00 އިން ފެށިގެންނެވެ.

މީގެ އިތުރުންވެސް، ކޯވިޑް-19 ބަލިން ރައްކާތެރިވުމުގެ ގޮތުން ކަމާބެހޭ އިދާރާތަކުން އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން ރައީސް ރޭގެ ބައްދަލުވުމުގައި މަޝްވަރާ ކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވަނީ، މި ބައްޔާއިގުޅޭ ހުރިހާ ކަމަކަށްވެސް ސަރުކާރުގެ ވުޒާރާތަކާއި އެހެނިހެން އިދާރާތަކުން ވަރަށް ބޮޑަށް ފާރަވެރިވެ، އެ ކަންކަން ވަރަށް ގާތުން ބައްލަވަމުން ގެންދެވުމަށް އިރުޝާދު ދެއްވާފައެވެ.

މީގެ އިތުރުން، ދިވެހި ހުރިހާ ރައްޔިތުންނާއި، ރާއްޖޭގައި ދިރިއުޅޭ އެހެން ޤައުމުތަކުގެ މީހުންނާއި، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެއްވުމުގެ ގޮތުން ކުރެވެންހުރި ހުރިހާ ކަމަކަށް އިސްކަންދެއްވައި، އަޅާފައިވާ ފިޔަވަޅުތައް އެ ގޮތުގައި ކުރިއަށް ގެންދިއުމާއި މޮނިޓަރކުރުމުގެ ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އެދިވަޑައިގަންނަވައި، އެމަނިކުފާނު ވަނީ ކަމާބެހޭ އިދާރާތަކުގެ އިސްވެރީންނަށް އިރުޝާދު ދެއްވާފައެވެ.

އަދި، މި ބައްޔާއިގުޅޭ ކަންކަމުގެ ޞައްޙަ މަޢުލޫމާތު ވަގުތުން ވަގުތަށް ރައްޔިތުންނާއި ޙިއްޞާ ކުރުމާއި، މި ބަލިން ރައްކާތެރިވުމުގެ ގޮތުން ފަރުދީ ގޮތުން ކުރެވިދާނެ ކަންތައްތަކުގެ މަޢުލޫމާތު ރައްޔިތުންނާއި ޙިއްޞާ ކުރައްވަމުން ގެންދެވުމަށްވެސް މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!