ސަމާ އައިލެންޑް ރިސޯޓުން ދެ ފަތުރުވެރިއަކު ވައިރަހަށް ޓެސްޓުކުރަނީ
ސަމާ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ދެ ފަތުރުވެރިއަކު ކޮރޯނާ ވައިރަހަށް ޓެސްޓުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އެޗްޕީއޭ އިން ބުނީ ސަމާ އައިލަންޑް ރިސޯޓުގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ ފަރަންސޭސިވިލާތުގެ ދެ ފަތުރުވެރިޔަކު ކޮރޯނާ ވައިރަހަށް ޝައްކުކުރެވޭ އަލާމާތްތައް ހުރުމުން މޮނިޓާކުރުމަށާއި ޓެސްޓު ހެދުމަށް އެކަމަށް ކަނޑައެޅިފައިވާ މަރުކަޒަށް ގެނައުމުގެ މަސައްކަތް ކުރިޔަށް ދާ ކަމަށެވެ.
ސަމާ އައިލެންޑަށް މީހުން ނޭރޭ ގޮތަށް މަނާކޮށްފައިވަނީ މިހާރު އަމަލު ކުރަމުންދާ އުސޫލުގެ މަތިންނެވެ. މިހާރު އެޗްޕީއޭއިން އަމަލު ކުރަނީ ކޮރޯނާ ވައިރަހަށް ޝައްކު ކުރެވޭ މީހަކު ފެންނަ ރަށެއް ލޮކްޑައުން ކުރުމެވެ. އެއީ ޝައްކުވާ މީހުންގެ ނަތީޖާ ލިބެންދެނެވެ.
މިހާރު ވެސް ވ. ތިނަދޫ އާއި ކުރެއްދޫ އައިލެންޑް ރިސޯޓް ވަނީ ލޮކްޑައުންކޮށްފަ އެވެ. ތިނަދޫ ލޮކްޑައުން ކުރީ އެ ރަށުގައި ޗުއްޓީ ހޭދަ ކުރަމުންދިޔަ އިޓަލީގެ ޓޫރިސްޓެއްގެ ފަރާތުން ކޮރޯނާ ވައިރަހުގެ އަލާމަތްތައް ފެނިފައިވާތީ އެވެ. އޭނާ މިހާރު ވަނީ ފަރުކޮޅުފުށީގައި ކަރަންޓީނުކޮށްފަ އެވެ. އޭނާގެ ޓެސްޓްތައް ހަދާފައިވާއިރު ނަތީޖާ އަދި ނުލިބެ އެވެ.
ކުރެއްދޫ އައިލެންޑް ރިސޯޓް ލޮކްޑައުން ކޮށްފައިވަނީ އެ ރިސޯޓުގައި ހުރި ޓޫރިސްޓަކު އަނބުރާ އިޓަލީއަށް ދިޔުމަށް ފަހު އޭނާ ކޮރޯނާ ވައިރަހަށް ވަނީ ޕޮޒިޓިވްވެފައިވާތީ އެވެ. އެ ރިސޯޓް ޑޮކްޓަރުގެ ފަރާތުން ވެސް ވަނީ ކޮރޯނާގެ އަލާމަތްތައް ފެނިފަ އެވެ. އެހެންވެ އޭނާ ވެސް މިހާރު ވަނީ ފަރުކޮޅުފުށީގައި ކަރަންޓީނުކޮށްފަ އެވެ.