ޚަބަރު

ކޮވިޑް-19: ސަމާ އިލެންޑަށް އަރައި ފޭބުން ވަގުތީ ގޮތުން މަނާކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ސަމާ އައިލެންޑްގައި ތިބި، ފްރާންސްގެ ދެ ޓޫރިސްޓެއްގެ ގައިއިން، ކޮވިޑް-19 އަށް ޝައްކުރެވޭ އަލާމާތްތަކެއް ފެނުމާ ގުޅިގެން އެ ދެ މީހުން ކަރަންޓީނުކުރުމުގެ މަސައްކަތް ފަށައި، އެ ރިސޯޓަށް އަރައި ފޭބުން ވަގުތީ ގޮތުން މަނާކޮށްފި އެވެ.

Ads by Sosun Fihaara

މިކަމާއި ގުޅޭގޮތުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ ކޮވިޑް-19 އަށް ޝައްކުރެވޭ އަލާމާތްތައް ފެނުމުން އެމީހުން މޮނިޓާ ކުރުމަށާއި ޓެސްޓްކުރުމަށް ކަނޑައަޅާފައިވާ މަރުކަޒަށް ގެންދަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެ ދެ މީހުން ތިބި ރިސޯޓްކަަމަށްވާ ސަމާ އައިލެންޑަށް އަރައިފޭބުން ވަގުތީ ގޮތުން މަނާކުރީ އެއީ އެ ހާލަތުގައި އަމަލުކުރަން އޮންނަ އުސޫލުކަމަށް ވާތީ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.

މިހާރު ވެސް ވ. ތިނަދޫ އާއި ކުރެއްދޫ އައިލެންޑް ރިސޯޓް ވަނީ ލޮކްޑައުންކޮށްފަ އެވެ. ތިނަދޫ ލޮކްޑައުން ކުރީ އެ ރަށުގައި ޗުއްޓީ ހޭދަ ކުރަމުންދިޔަ އިޓަލީގެ ޓޫރިސްޓެއްގެ ފަރާތުން ކޮރޯނާ ވައިރަހުގެ އަލާމަތްތައް ފެނިފައިވާތީ އެވެ. އޭނާ މިހާރު ވަނީ ފަރުކޮޅުފުށީގައި ކަރަންޓީނުކޮށްފަ އެވެ. އޭނާގެ ޓެސްޓްތައް ހަދާފައިވާއިރު ނަތީޖާ އަދި ނުލިބެ އެވެ.

ކުރެއްދޫ އައިލެންޑް ރިސޯޓް ލޮކްޑައުން ކޮށްފައިވަނީ އެ ރިސޯޓުގައި ހުރި ޓޫރިސްޓަކު އަނބުރާ އިޓަލީއަށް ދިޔުމަށް ފަހު އޭނާ ކޮރޯނާ ވައިރަހަށް ވަނީ ޕޮޒިޓިވްވެފައިވާތީ އެވެ. އެ ރިސޯޓް ޑޮކްޓަރުގެ ފަރާތުން ވެސް ވަނީ ކޮރޯނާގެ އަލާމަތްތައް ފެނިފަ އެވެ. އެހެންވެ އޭނާ ވެސް މިހާރު ވަނީ ފަރުކޮޅުފުށީގައި ކަރަންޓީނުކޮށްފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!