ޚަބަރު

ވައިރަހާ ގުޅިގެން ޕީޕީއެމްގެ ކެމްޕޭން ދަތުރުތައް މެދުކަނޑާލައިފި

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖޭގައި ކޮރޯނާ ވައިރަހުގެ ބިރު ބޮޑުވުމާ ގުޅިގެން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކައުންސިލް އިންތިހާބަށް އަތޮޅުތެރޭގެ ރަށްތަކަށް ކުރަމުން ގެންދާ ކެމްޕޭން ދަތުރުތައް މެދުކަނޑާލަން ނިންމައިފި އެވެ.

Ads by Sosun Fihaara

އިދިކޮޅު ކޯލިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ކޮރޯނާ ވައިރަހާ ގުޅިގެން ރައްޔިތުންގެ ސަލާމަތާ ރައްކާތެރި ކަމަށް ހުރިހާ ފިޔަވަޅެއް އެޅުމަށާއި ހާމަކަން ބޮޑު ގޮތެއްގައި މި ބައްޔާ ގުޅޭ މައުލޫމާތާއި ރާއްޖޭގެ ހާލަތު ރައްޔިތުންނަށް އޮޅުން ފިލުވައި ދިނުމަށް އެ ކޯލިޝަނުން ސަރުކާރަށް ގޮވާލާ ކަމަށެވެ.

މީގެ އިތުރުން ކޮވިޑް-19 ގެ ބިރުވެރިކަން މުޅި ދުނިޔެއަށް ވެސް ފެތުރިފައިވާ މި ދަނޑިވަޅުގައި ރާއްޖޭގެ ހާލަތަށް ރިއާޔަތްކޮށް، އަތޮޅުތަކުގައި ހަރަކާތްތެރިވަމުންދާ އެ ކޯލިޝަންގެ ލީޑާޝިޕްގެ ޓީމުތައް ދަތުރުތައް ކުރުކޮށްލުމަށް ފަހު އެނބުރި މާލެ އައުމަށް ހަމަޖެހިފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕްގެ ބޭފުޅުން ޓީމުތަކަށް ބެހިގެން އިއްޔެ ވަނީ ރ. އަތޮޅާއި ޅ. އަތޮޅުގައި ކެމްޕޭން ކުރައްވާފަ އެވެ. މި ގޮތުން ރޭގެ ވަގުތެއްގައި ޅ. ނައިފަރުގައި އެ ކޯލިޝަންގެ ބޮޑު ޖަލްސާއެއް ބޭއްވި އެވެ.

އެ ދަތުރުތައް މެދުކަނޑާލަން ނިންމީ، ރާއްޖެ ފަދަ ކުޑަ ގައުމެއްގައި މި ބަލި ފެތުރިއްޖެ ނަމަ ރައްޔިތުންނަށް ކުރިމަތި ވާނެ ދަތިތަކާއި ގެއްލުން ބޮޑު ވާނެ ކަމަށް އެ ކޯލިޝަނަށް ގަބޫލު ކުރެވޭތީ ކަމަށް ބުންޏެވެ. އަދި ގައުމީ މަސްލަތު އިސްކޮށް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށް އަބަދުވެސް އިސްކަން ދޭނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ކޮރޯނާއަށް ޝައްކު ކުރެވޭ މީހުން ފެނިގެން މިހާރު ވެސް ވ. ތިނަދޫ އާއި ކުރެއްދޫ އައިލެންޑް ރިސޯޓް އާއި ސަމާ އައިލެންޑް ރިސޯޓް ވަނީ ލޮކްޑައުންކޮށް މީހުން އަރާ ފޭބުން މަނާކޮށްފަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!