ދުނިޔެ

އާސިއާން-އިންޑިއާ އެކްސަސައިޒްގައި ބައިވެރިވުމަށް އިންޑިއާގެ ކަނޑުގެ ސިފައިންގެ 2 އުޅަނދެއް ސިންގަޕޫރަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އާސިއާން-އިންޑިއާ މެރިޓައިމް އެކްސަސައިޒްގެ އިފްތިތާހީ އެޑިޝަންގައި ބައިވެރިވުމަށް އިންޑިއާ ނޭވީގެ ފްރޮންޓްލައިން ދެ ހަނގުރާމަމަތީ އުޅަނދު ސިންގަޕޫރަށް ގޮސްފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
މި އެކްސަސައިޒްގެ ބަނދަރު ފިޔަވަހި މިމަހުގެ 2 އިން 4 އަށް ޗަންގީ ނޭވަލް ބޭސްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ދެކުނު ޗައިނާ ކަނޑުގައި ކަނޑުގެ ފިޔަވަހި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 7 އިން 8 އަށެވެ.

Ads by Sosun Fihaara

ސައުތު ޗައިނާ ކަނޑުގައި ފާއިތުވި އަހަރުތަކުގައި ޗައިނާއިން ދަނީ އަސްކަރީ ގޮތުން ބޮޑެތި ބާރުތަކެއް ދެމުންނެވެ.

ސިންގަޕޫރަށް އައި އިންޑިއާގެ ކަނޑުގެ ސިފައިންގެ ދެ އުޅަނދަކީ އައިއެންއެސް ސަތުޕޫރާ އާއި އައިއެންއެސް ދިއްލީ އެވެ.

އާސިއާން-އިންޑިއާ މެރިޓައިމް އެކްސަސައިޒް (އޭއައިއެމްއީ-2023) ގެ ސަބަބުން އިންޑިއާގެ ކަނޑުގެ އަސްކަރިއްޔާއާއި އާސިއާންގެ ކަނޑުގެ އަސްކަރިއްޔާތަކަށް އެކަކު އަނެކަކާ ގުޅިގެން މަސައްކަތްކޮށް، ކަނޑުގެ ސަރަހައްދުގައި ހުއްޓުމެއް ނެތި އޮޕަރޭޝަންތައް ހިންގުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ.

އައިއެންއެސް ދިއްލީ އަކީ އިންޑިއާއިން އަމިއްލަ އަށް އުފެއްދި ފުރަތަމަ ގައިޑެޑް މިސައިލް ޑިސްޓްރޯޔަރަށް ވާއިރު އައިއެންއެސް ސަތުޕޫރާ އަކީ އަމިއްލަ އަށް އުފެއްދި ގައިޑެޑް މިސައިލް ސްޓެލްތް ފްރިގޭޓެކެވެ.

މި ދެ އުޅަނދަކީ ވެސް ވިޝާކާޕަޓްނަމްގައި ހުންނަ ނޭވީގެ އީސްޓާން ފްލީޓްގައި ހިމެނޭ ދެ އުޅަނދެވެ.

މި އުޅަނދުތަކުގައި އެންމެ ޒަމާނީ ހަތިޔާރާއި ސެންސަރު ހަރުކޮށްފައި ވެ އެވެ.

މި އުޅަނދުތައް ސިންގަޕޫރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބަނދަރު ޒިޔާރަތުގައި ސިންގަޕޫރުން ބާއްވާ އިންޓަނޭޝަނަލް މެރިޓައިމް ޑިފެންސް އެގްޒިބިޝަން (އައިއެމްޑީއެކްސް-23) އާއި އިންޓަނޭޝަނަލް މެރިޓައިމް ސެކިއުރިޓީ ކޮންފަރެންސް (އައިއެމްއެސްސީ) ގައި ވެސް ބައިވެރިވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!