ޚަބަރު

ވައިރަހަށް ޕޮޒިޓިވްވި ދެ މީހުންގެ ހާލު ވެސް ރަނގަޅު

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖެއިން ކޮރޯނާވައިރަހަށް ޕޮޒިޓިވްވި ދެ މީހުންގެ ހާލު މިވަގުތު ރަނގަޅު ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

Ads by STELCO

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ މި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ކުރެއްދޫ އައިލޭންޑް ރިސޯޓުގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީ ދެ މުވައްޒަފުން ކަމަށެވެ. އަދި އެ ދެ މީހުންނަށް ވެސް މިހާރު އަންނަނީ ފަރުކޮޅުފުށީގައި ގާއިމުކޮށްފައިވާ ކަރަންޓީނު މަރުކަޒުގައި ފަރުވާދެމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި އައިޖީއެމްއެޗްގެ ޑޮކްޓަރު ވިދާޅުވީ އެ ދެ މީހުންގެ ހާލަތުވެސް މިވަގުތު ރަނގަޅު ކަމަށާއި ނަމަވެސް މިކަހަލަ ކަންކަމުގައި ކުރިއަށް އޮތް ތަނުގައި ވާނެ ގޮތް ބުނެދޭން ނޭނގޭނެ ކަމަށެވެ.

"އެކަމަކު މިހާރު ހަމަ ރަނގަޅު، އެއްވެސް ކަހަލަ ކޮމްޕްލިކޭޝަނެއް އަދި ނެތް" އޭނާ ވިދާޅުވިއެވެ.

މިއީ ރާއްޖެ އިން މި ވައިރަހަށް ޕޮޒިޓިވް ފުރަތަމަ ދެ މީހުންނެވެ. މިއާއެކު ކުރެއްދޫ ރިސޯޓަށް ވަނީ އޮރެންޖް އެލާޓް ނެރެފަ އެވެ. އަދި މުޅި ރާއްޖެއަށް މިހާރު އޮތީ ޔެލޯ އެލާޓުގައެވެ.

އޮރެންޖެ އެލާޓް ނެރެނީ ރާއްޖެއިން ބޭރުން ބަލިޖެހުނު މީހާގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރޭ ހާލަތްތަކުގަ އެވެ. އަދި ޔެލޯ އެލާޓް ނެރެނީ ރާއްޖެއިން ބޭރުން ބަލިޖެހިފައިވާ މީހަކު ރާއްޖެ އަންނަ ހާލަތުގަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!