ދުނިޔެ

ޗައިނާ އެމްބަސީގެ އޮފިޝަލެއް ބޭރުކުރަން ކެނެޑާއިން ނިންމައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކެނެޑާގައި ހުންނަ ޗައިނާގެ އެމްބަސީގައި މަސައްކަތްކުރާ އިސް އޮފިޝަލަކަށް އެ ޤައުމުން ފޭބުމަށް ކެނެޑާ ސަރުކާރުން އަންގައިފިއެވެ. ކެނެޑާ ދޫކޮށް ދިޔުމަށް އެ ޤައުމުގެ ޚާރިޖީ ވުޒާރާއިން އަމުރުކޮށްފައި ވަނީ އޮންޓާރިޔޯ ސްޓޭޓްގެ ޓޮރޮންޓޯގައި ހުންނަ ޗައިނާގެ ޚާރިޖިއްޔާގެ އޮފީހެއްގައި މަސައްކަތް ކުރާ އިސް އޮފިޝަލެއް ކަމުގައިވާ ޜާއޯ ވެއިއަށެވެ. ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި ކެނެޑާ ދޫކޮށް ދިޔުމަށް އެ ޤައުމުން ވަނީ ޜާއޯއަށް އަންގާފައެވެ.

Ads by Sosun Fihaara

ކެނެޑާގެ ޚާރިޖީ ވަޒީރު މެލެނީ ޖޯލީ ވިދާޅުވީ ޜާއޯއަށް ދީފައިވާ ކެނެޑާގައި މަސައްކަތް ކުރުމުގެ ހުއްދަ އަނބުރާ ގެންގޮސްފައިވާ ކަމުގައެވެ. ޜާއޯއަށް ކެނެޑާއިން ފޭބުމަށް އަމުރުކޮށްފައި މި ވަނީ، އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރެއް ކަމުގައިވާ މައިކަލް ޗޮންގަށް ފުރައްސާރަކޮށް، އެ ޤައުމުގެ ދާޚިލީ ކަންކަމަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރުމުގެ ތުހުމަތުގައެވެ.

ޖޯލީ ވިދާޅުވީ، ކެނެޑާގެ ދާޚިލީ ކަންކަމަށް ނުފޫޒު ފޯރުވުގެ ފުރުޞަތު ބޭރު އެއްވެސް ޤައުމަކަށް ނުދެއްވާނެ ކަމުގައެވެ. ޜާއޯ ފުރައްސާކުރަން މަސައްކަތްކޮށްފައިވާ ކެނެޑާގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރަކީ ޗައިނާގެ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ ބޭފުޅެއް ކަމުގައި ކެނެޑާގެ ނޫސްތަކުން ރިޕޯޓުކުރެއެވެ. މި ހާދިސާއާ ގުޅިގެން ދެ ޤައުމުގެ ދެމެދު އޮތް ގުޅުން ވަނީ ހީނަރުވެފައެވެ.

"ޑިމޮކުރަސީ ހިމާޔަތް ކުރަން ކެނެޑާގެ ސަރުކާރުން ދެމިއޮންނާނެ. އެއީ، ކެނެޑާގެ ސަރުކާރުގެ އެންމެ އިސް ވާޖިބު އަދި އަމާޒު،" ޖޯލީ ވިދާޅުވިއެވެ. ކުރިއަށް އޮތް ތަނުގައި ވެސް، ކެނެޑާގެ ދާޚިލީ ކަންކަމަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރާ ބޭރު ޤައުމުތަކުގެ ޚާރިޖިއްޔާގެ މުވައްޒަފުން އެ ޤައުމުން ފޮނުވައިލާނެ ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ.

ޗައިނާއިން ވަނީ އެ ޤައުމުގެ ޚާރިޖިއްޔާގެ މުވައްޒަފެއް ފޮނުވައިލަން ކެނެޑާއިން ނިންމުމާ ގުޅިގެން އެ ކަމަށް ރައްދުދީފައެވެ. ޗައިނާގެ ޚާރިޖީ ވުޒާރާއިން ބުނީ، ކެނެޑާގެ ސަރުކާރުން ގަސްދުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުންތައް ކިލަނބުކުރަން މަސައްކަތް ކުރަމުންދާ ކަމުގައެވެ. އަދި، މިއީ ބަލައިގެނޭނެ އަމަލެއް ނޫން ކަމުގައި ވެސް ޗައިނާއިން ބުންޏެވެ.

"ކެނެޑާގެ އަމަލުތަކާ ބައްދަލު ރައްދެއް ޗައިނާއިން ދޭނަން. އަދި، ޗައިނާގެ ފިޔަވަޅުތަކުގެ ފުރިހަމަ ޒިންމާ އުފުލަން ޖެހޭނީ ކެނެޑާއިން،" ކެނެޑާގައި ހުންނަ ޗައިނާގެ އެމްބަސީން ނެރުނު ބަޔާނެއްގައި އެ ޤައުމުން ބުންޏެވެ. މި ކަމާ ގުޅިގެން ޗައިނާއިން ވަނީ ރަސްމީކޮށް ޝަކުވާ ވެސް ހުށަހަޅާފައެވެ. އަދި، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުންތައް ހީނަރުވުމުގެ ކުރިން އެ ފަދަ އަމަލުތައް ހުއްޓައިލުމަށް ކެނެޑާގެ ސަރުކާރަށް ގޮވައިލާފައެވެ.

މި ހާދިސާ ހިނގާފައި މި ވަނީ، ކެނެޑާގައި 2019 ވަނަ އަހަރާއި 2021 ވަނަ އަހަރު ބޭއްވި އިންތިޚާބުތަކަށް ނުފޫޒު ފޯރުވަން ޗައިނާއިން މަސައްކަތް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވެމުންދާ ދަނޑިވަޅެއްގައެވެ. އަދި، އެ ކަމާ ގުޅިގެން ޗައިނާގެ ސަރުކާރާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ބޮޑުވަޒީރު ޖަސްޓިން ޓްރިޑޯއަށް ބާރުއަޅަމުންދާ ދަނޑިވަޅެއްގައެވެ.

ޗައިނާގެ ކުންފުންޏެއް ކަމުގައިވާ ހްވާވޭގެ އިސް އޮފިޝަލެއް ކެނެޑާއިން 2018 ވަނަ އަހަރު ހައްޔަރު ކުރުމާ ގުޅިގެން ވެސް ދެ ޤައުމުގެ ދެމެދުގައި ވަނީ ނުތަނަވަސް ކަން އުފެދިފައެވެ. އަދި، އެ ކަމުގެ ރައްދުގައި ޗައިނާއިން ވަނީ ކެނެޑާ ސަރުކާރުގެ އިސް ދެ އޮފިޝަލެއް ވެސް ހިފަހައްޓާފައެވެ. އެ ތިން މީހުން ވެސް ފަހުން ވަނީ މިނިވަންކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!