ރައްޔިތުންގެ ސަލާމަތަށްޓަކައި ކުރާ މަސައްކަތުގައި އިދިކޮޅުގެ އެހީތެރިކަން ލިބޭނެ: އަދުރޭ
ކޮރޯނާ ވައިރަހާ ގުޅިގެން ދިވެހި ރައްޔިތުންގެ ރައްކާތެރިކަމަށް ސަރުކާރުން ކުރާ މަސައްކަތުގައި އިދިކޮޅު ޕީޕީއެމް-ޕިއެންސީގެ އެހީތެރިކަން ލިބޭނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވީ ރާއްޖެއިން ފުރަތަމަ ފަހަރަށް ކޮރޯނާ ވައިރަހަށް ދެ މީހުން ޕޮޒިޓިވް މުވާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ މި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ކުރެއްދޫ އައިލޭންޑް ރިސޯޓުގައި މަސައްކަތް ކުރަމުންދިޔަ ދެ މުވައްޒަފުން ކަމަށެވެ.
ރާއްޖެއިން ދެ މީހެއްގެ ފަރާތުން ކޮރޯނާ ވައިރަސް ފެނިފައިވާތީ ކުރެއްދޫ ރިސޯޓަށް ވަނީ އޮރެންޖް އެލާޓް ނެރެފަ އެވެ. އެ ރަށަށް އަރާ ފޭބުން އޮތީ ހުއްޓުވާފަ އެވެ. މުޅި ރާއްޖެއަށް އޮތީ މިހާރު ޔެލޯ އެލާޓެވެ.
އަދުރޭ ވިދާޅުވީ އިދިކޮޅުން އަބަދުވެސް އިސްކުރަނީ ދީނާއި ގައުމު ކަމަށާއި ރައްޔިތުންގެ ސަލާމަތަށް ކުރާ ކަންކަމުގައި އިދިކޮޅުގެ އެހީ ލިބޭނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.
"ރައްޔިތުންގެ ސަލާމަތަށް ކުރާ މަސައްކަތުގައި މި ދެ ޕާޓީ(ޕީޕީއެން-ޕީއެންސީ) އެހީތެރިކަމާއި ބައިވެރިވުން ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ލޮބުވެތި ދިވެހި ރައްޔިތުންނަށް އަރުވަން. ﷲ ކޮވިޑް-19 ގެ ނުރައްކަލުން އަޅަމެން ސަލާމަތް ކުރައްވާށި. އާމީން." އަދުރޭ ވިދާޅުވިއެވެ.
ވައިރަސް ފެނުމާ ގުޅިގެން ހެލްތު މިނިސްޓަރު އަމީން ވަނީ މި ހާލަތުގައި ރައްޔިތުން ޕެނިކް ނުވެ، ކެތްތެރިކަމާ އެކު މިކަމާ ކުރިމަތިލައި، އެންމެންނަށް ވެސް ލުއިފަސޭހަވާނެ ގޮތަށް އަމަލުތައް ބެހެއްޓުމަށް އިލްތިމާސްކުރައްވާފައެވެ.