ކޮރޯނާ ވައިރަސް އަކީ ލެބޯޓަރީއެއްގައި އުފެއްދި އެއްޗެއް!
މިހާރު ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19، އަކީ ޤުދުރަތީ ގޮތުން އުފެދުނު އެއްޗެއް ނޫން ކަމަށާއި އެއީ ލެބޯޓަރީއެއްގައި ބަޔަކު އުފެއްދި އެއްޗެއް ކަމަށް އެމެރިކާގެ ކުރީގެ ކައުންޓާރ ޓެރަރިޒަމް ސްޕެޝަލިސްޓް އަދި ކުރީގެ ސީއައިއޭ މިލިޓަރީ އިންޓެލިޖެންސް އޮފިސަރެއް ކަމަށްވާ ފިލިޕް ގިރަލްޑީ ބުނެފިއެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރ މަހު ޗައިނާގައި އައުޓްބްރޭކްވި ނޮވެލް ކޮރޯނާގެ ސަބަބުން މިހާތަނަށް 90،000 އަށްވުރެ ގިނަ މީހުންނަށް މިބަލި ޖެހިއްޖެ ކަމަށާއި އޭގެ ތެރެއިން 3،000 އަށްވުރެ ގިނަ މީހުން މިބަލީގައި މަރުވެއްޖެކަމަށް ރިޕޯޓުތަކުން ދައްކައެވެ. މަރުވި މީހުންގެ ތެރޭގައި ގިނައީ ޗައިނާއަށް ނިސްބަތްވާ މީހުންނެވެ.
އިރާން އަށް ބަލާއިރު، އެޤައުމުގައި މިބަލި ޖެހިގެން މަރުވެފައިވާ ކަމަށް އަދި މިހާތަނަށް ރިޕޯޓު ކޮށްފައިވަނީ 107 މީހުންނަށް ކަމަށް އެޤައުމުގެ ހެލްތު މިނިސްޓްރީގެ ތަރުޖަމާނު ކިއަނޫޝް ޖަހަންޕޫ މިދިޔަ ބުރާސްފަތި ދުވަހު ބުނެފައިވެއެވެ.
ކޮރޯނާ ވައިރަސް އާއި ގުޅޭގޮތުން ފިލިޕް ބުނެފައިވަނީ މިއީ ޤުދުރަތީ ގޮތުން އުފެދުނު ވައިރަހެއް ނޫން ކަމަށާއި މިއީ ހަނގުރާމަމަތީގައި ބޭނުން ކުރަން ލެބޯޓަރީއެއްގައި ބަޔަކު އުފައްދާފައިވާ ވައިރަހެއްކަމަށް ވަރަށް ބޮޑަށް ޝައްކު ކުރެވޭ ކަމަށެވެ.
"ވަރަށް ގިނަ ރިޕޯޓުތަކުން ހާމަވެފައި އެބަހުރި، މިވައިރަހުގައި އެޗްއައިވީ އާއި ގުޅުންހުރި މާއްދާތަކެއް ވެސް އެކުލެވޭކަމަށް. އެފަދަ މާއްދާތަކެއް ޤުދުރަތީގޮތަކުން ނުއުފެދޭނެ. މިއީ ބަޔަކު އުފައްދާފައިވާ ވައިރަހެއް ކަމަށްވާނަމަ ބޮޑަށް ބެލެވެނީ ވުހާން އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީ ލެބުން ހެދުނު ގޯހަކުން، އެވައިރަސް ޖަނަވާރުންނަށާއި އިންސާނުންގެ ބަޔަށް ފެތުރެން ފަށާފައިވާކަމަށް. އެފަދަ ލެބޯޓަރީތަކުގައި މަސައްކަތް ކުރާ ޓެކްނިޝަނުންނަށް އެނގޭ އެހެންހަދާ އެކްސްޕެރިމެންޓުތައް ވަރަށް ފަސޭހައިން ލީކުވާކަން ވެސް" ސްޓްރެޓެޖިކް ކަލްޗާ ފައުންޑޭޝަނުން މިދިޔަ ބުރާސްފަތި ދުވަހު ޝާއިއުކުރި އާޓިކަލް އެއްގައި ފިލިޕް ލިޔެފައިވެއެވެ.
މީގެއިތުރުން ފިލިޕް ބުނެފައިވަނީ، ކޮރޯނާ ވައިރަސް އުފެދުމާއި ބެހޭގޮތުން އެހެން ތިއަރީއެއްވެސް ފެންމަތިވެފައިވާ ކަމަށެވެ. އެގޮތުން ޗައިނާގެ ސަބަބުން އެމެރިކާގެ ޤައުމީ ސަލާމަތާއި އިޤްތިޞާދަށް ގޮންޖެހުންތަކަކާއި ކުރިމަތިވަމުން އަންނަ ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެޑްމިނިސްޓްރޭޝަނުން ބުނަމުން އަންނަކަން ފިލިޕް ފާހަގަ ކޮށްފައިވެއެވެ. އެހެންކަމުން ކޮރޯނާ ވައިރަސް އުފައްދާ ފެތުރެން ދޫކޮށްލީ ވޮޝިންގޓަނުން ކަމަށްވުން އެކަށީގެންވާ ކަމަށް ވެސް ފިލިޕް ބުނެފައިވެއެވެ. އެއީ ބީޖިންގެ ކުރިއަރަމުން އައި އިޤްތިޞާދު ކުޑަކޮށް ދަށަށް ދުއްވާލުމަށް އެމެރިކާއިން ކުރި ކަމެއް ކަމުގައި ވެސް އޭނާ ބުނެފައިވެއެވެ.
އެމެރިކާއިން އެފަދަ ވިޔާނުދާކަމެއް ކޮށްފާނެކަމުގެ ހެއްކެއް އަދި ލިބިފައިނެތް ނަމަވެސް، އެފަދަ ކަމެއް އެމެރިކާއިން ނުކޮށްފާނެ ކަމަށް ޤަބޫލު ނުކުރެވޭ ކަމަށް ވެސް ފިލިޕް ބުނެފައިވެއެވެ.