ޚަބަރު

ޑޮކްޓަރުންގެ އިލްތިމާސް: އެއްބައިވަންތަކަން އިސްކޮށް، ޑޮކްޓަރުންގެ އިރުޝާދުތައް އަޑު އައްސަވާ

ދެން އެމްވީ ، ދެން އޮންލައިން

މިވަގުތަކީ ހުރިހާ ރައްޔިތުން ވެސް އެއްބައިވަންތަކަން އިސްކޮށް ޑޮކްޓަރުންގެ އިރުޝާދުތައް އަޑު އަހަންވީ ވަގުތު ކަމަށް ރާއްޖޭގެ މަޝްހޫރު ބައެއް ޑޮކްޓަރުން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ދުނިޔޭގެ ގިނަ އަދަދެއްގެ ގައުމުތަކުގައި ފެތުރެމުންދާ ކޮވިޑް-19 ރާއްޖެއިންވެސް ފެނިފައިވާކަމަށް މިއަދު ސަރުކާރުން ވަނީ ބުނެފައެވެ. އެ ވައިރަހަށް ޕޮޒިޓިވްވީ ޅ. އަތޮޅު ކުރެއްދޫ ރިސޯޓުގައި މަސައްކަތް ކުރާ ދެ މުވައްޒަފެކެވެ.

މިކަމާ ގުޅިގެން ވަރިހަށް ރައްޔިތުން ހޭލުންތެރިކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އައިޖީއެމްއެޗްގެ ޑޮކްޑަރު، ޑރ. މުޙައްމަދު އަލީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިވަގުތަކީ ހަމަޖެހި ޑޮކްޓަރުންނަށް އިތުބާރުކުރަންވީ ވަގުތު ކަމަށާއި ޑޮކްޓަރުން ރައްޔިތުންނަށް ދެރަގޮތެއް ވިޔަކަ ނުދޭނެ ކަމަށެވެ.

މިއީ އަހަރެމެން ތައްޔާރުވަމުން އައި ވަގުތު. މިވަގުތު އެއްބައިވަންތަކަން ދައްކާ، އިސްލާމްދީނުގެ މާތްވި އުސޫލުތަކުގައި ހިފަހައްޓާ، ސައްޙަ މަޢުލޫމާތު ހިއްސާ ކުރޭ! އެކަކު އަނެކަކަށް ސާފުތާހިރުވުމަށް ހަނދާންކޮށްދީ، ކުޅު ޖެހުން ހުއްޓުވާ!" ޑރ. މުޙައްމަދު އަލީ ވިދާޅުވިއެވެ.

އޭޑީކޭގެ ޑޮކްޓަރު، ޑރ. އަބްދުﷲ ނިޔާފް ވެސް ވަނީ އެކަކު އަނެކަކަށް އަޅާލައި ބަލިން ރައްކާތެރިވުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރުމަށް ގޮވާލައްވާފައެވެ.

"އެކަކު އަނެކަކަށް އަޅާލައި، ކޮންމެ އިންސާނަކު އަނެއް އިންސާނަކަށް، ބިދޭސީންނަށް ވެސް މިދިޔަ ހަފްތާ ތަކުގައި ލިބުނު ރަނގަޅު މަޢުލޫމާތުގެ ބޭނުން ހިފާ، އެޗްޕީއޭ، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް، ހެލްތު މިނިސްޓްރީ އިން ދެއްވާ މެސެޖުތަކާއި މަޢުލޫމާތުތަކަށް ސަމާލުކަން ދެއްވާ! އެއްބައިވެ، ބަސްއަހާ، ސާފުތާހިރުކަމަށް އިސްކަންދީ، އިންޝާﷲ." ޑރ. ނިޔާފް ވިދާޅުވިއެވެ.

ހެލްތް މިނިސްޓަރު އަބްދުﷲ އަމީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ކޮރޯނާއަށް ޕޮޒިޓިވްވި، ޓޫރިސްޓް ކޮންޓެކްޓްވި އެންމެން ހޯދައި ބަލަން ޖެހޭ ބެލުންތައް ބަލަމުންދާ ކަމަށެވެ. އެ ޓޫރިސްޓް ބައްދަލުވި މީހުންގެ ތެރެއިން ކޮރޯނާގެ އަލާމާތްތައް ފެންނަ މީހުން ޓެސްޓް ކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ރާއްޖެއިން ދެ ކޭސް ފޭނުމާ އެކު ރާއްޖޭގެ ހާލަތު ޔެލޯ އެލާޓަށް ބަދަލުވެފައިވާ ކަމަށެވެ. އަދި ކުރެއްދޫ ރިސޯޓްގެ ހާލަތު އޮރެންޖުގައި އޮތް ކަމަށާއި އެ ރަށަށް މީހުން އަރައިފޭބުން މަނާވާނެ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!