ޚަބަރު

މިއީ ކަންބޮޑުނުވެ، ސަރުކާރުގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރަންވީ ވަގުތު: ރައީސް

ދެން އެމްވީ ، ދެން އޮންލައިން

މިއީ ރައްޔިތުން ކަންބޮޑުނުވެ، ސަރުކާރުގެ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރެއްވުމުގެ ވަގުތުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އަށް ރާއްޖެއިން ދެ މީހަކު ޕޮޒިޓިވްވިކަން ސަރުކާރުން އިޢުލާނުކުރިތާ މާގިނައިރުތަކެއްނުވެ މުލީއާގޭގައި ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ކުއްލި ޖަލްސާ ފަށްޓަވަމުން ރައީސް ވިދާޅުވީ، ސަރުކާރުން އެންމެ ފުރަތަމަވެސް އަހަންމިއްޔަތުކަން ދިނީ ދެއްވީ ރައްޔިތުންނާ ހަމައަށް މި ޚަބަރު ގެނެސްދެއްވައި، ކަމުގެ ޙަޤީޤަތް ރައްޔިތުންނަށް ސާފުކޮށްދެއްވުމަށް ކަމަށެވެ.

އެގޮތުން މިއީ މިއީ ރައްޔިތުން ކަންބޮޑުނުވެ، ސަރުކާރުގެ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރެއްވުމުގެ ވަގުތުކަމަށާއި އެންމެ ބޮޑު ސަމާލުކަމެއް ދެއްވަނީ މި ބަލިން ރައްޔިތުން ސަލާމަތް ކުރެއްވުމަށް އަޅުއްވަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް ވަގުތުން ވަގުތަށް އެޅުއްވުމަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މި ބައްދަލުވުމާ ގުޅޭގޮތުން ރައީސް އޮފީހުން ބުނީ، ރާއްޖޭގައި ކޮވިޑް-19 އިތުރަށް ފެތުރެމުން ހިނގައިދާނެތީ، މިހާރުން މިހާރަށް ކަންކަން ގެންދާނެ ގޮތްތަކާބެހޭގޮތުންވެސް ވަޒީރުންގެ މެދުގައި މަޝްވަރާ ކުރެވުނު ކަމަށެވެ. އެގޮތުން މިވަގުތަށް އަޅަންޖެހޭ މުހިއްމު ފިޔަވަޅުތަކުގެ ތެރޭގައި ގިނަ މީހުން ބައިވެރިވާ ގޮތަށް ބާއްވާ އެއްވުންތައް މަދުކޮށް، ވީހާވެސް ޚަރަދުތައް ކުޑަކުރުމަށް ހުރިހާ ފަރާތްތަކުން މަސައްކަތް ކުރަންޖެހޭކަން ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

އޭގެއިތުރުން، އިޤްތިޞާދީގޮތުން ދިމާވެދާނެ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ކުރެވިދާނެ ކަންކަމުގެ ލަފާ ހޯއްދަވައި، އެޅުއްވިދާނެ ފިޔަވަޅުތަކާމެދުވެސް މަޝްވަރާ ކުރައްވާފައިވާއިރު، ރައްޔިތުންނަށް ދަތިނުވެ ކާޑުގެ ބާވަތްތަކާއި، ކާބޯތަކެއްޗާއި ބޭސް ލިބޭނެ އިންތިޒާމުތައް ހަމަޖެހިފައިވާކަން ކަށަވަރު ކުރުމާ ގުޅޭ މަޝްވަރާތައްވެސް ވަނީ ކުރައްވާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!