އިމްރާން ޚާންގެ ޕާޓީ އުވާލަަން ދަނީ ވިސްނަމުން: ޕާކިސްތާން ޑިފެންސް
ޕާކިސްތާނަށް ހަމަލާ ދިން ކަމަށް ބުނެ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ޕާޓީ މަނާކުރަން ވިސްނަމުންދާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެ އެވެ.
ޕާކިސްތާނުގެ މުޅި ތާރީހުގައި ސީދާ ނުވަތަ ސަރުކާރުތައް ބަލަހައްޓަމުން އަންނަ މަދަނީ ސިޔާސީ ފަރާތްތަކާއި ބާރުގަދަ އަސްކަރިއްޔާއާ ދެމެދު ޒަމާނުއްސުރެ ހިނގަމުން އައި ވާދަވެރިކަމުގެ އެންމެ ފަހުގެ، ނާޒުކު މަރުހަލާގައި ކުރީގެ ކްރިކެޓް ތަރި ވަނީ ޖެހިފަ އެވެ.
އިމްރާންގެ ސަޕޯޓަރުންގެ ބޮޑު މުޒާހަރާތަކެއް އިމްރާނަށް އަމާޒުވެފައިވާއިރު، ނިއުކްލިއާ ހަތިޔާރު ލިބިފައިވާ އެ ގައުމުގެ ހަމަޖެހުމާ މެދު އާ ބިރުވެރިކަމެއް އުފެދިފައި މިވަނީ ފާއިތުވި އަހަރުތަކުގައި އެ ގައުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އިގްތިސާދީ ކާރިސާއާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގަ އެވެ.
ޑިފެންސް މިނިސްޓަރު ޚަވާޖާ އާސިފް މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ އިމްރާންގެ ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި) ޕާޓީން ހަމަލާ ދީފައި ވަނީ "ދައުލަތުގެ އަސާސަށް" ކަމަށާއި އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ޕީޓީއައި މަނާކުރަން ވިސްނަމުންދާ ކަމަށާއި، ޕާޓީ މަނާކުރަން ސަރުކާރުން ނިންމި ނިންމުމަށް މަޖިލީހުން ފައިނަލް އެޕްރޫވަލް ދޭން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕީޓީއައި ޕާޓީގެ ގާނޫނީ ވަކީލް އަލީ ޒަފަރު ވިދާޅުވީ އެފަދަ އެއްވެސް ފިޔަވަޅެއް އެޅިޔަސް އެކަން ކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށެވެ. އޭނާ ވިދާޅުވީ ވަކި ބަޔަކު ކުރާ އަމަލުތަކަށް މުޅި ޕާޓީއެއް ކުށްވެރި ނުކުރެވޭނެ ކަމަށެވެ.
އިމްރާން ބޮޑުވަޒީރުކަމަށް ވަޑައިގެންނެވީ 2018 ވަނަ އަހަރު އަސްކަރިއްޔާގެ ސިއްރު ތާއީދާއެކު ނަމަވެސް އޭރު ދެފަރާތުން ވެސް އެކަން ދޮގުކުރި އެވެ.
ނަމަވެސް ފަހުން އިމްރާން ޖެނެރަލުންނާ ވަކިވެވަޑައިގަތީ ސަލާމަތީ ދާއިރާގެ މުހިންމު ޕްރޮމޯޝަންތަކަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރެއްވި ކަމަށް ފެނި، 2022 ވަނަ އަހަރު ނެގި އިތުބާރު ނެތްކަމުގެ ވޯޓުން ބަލިވުމުން ބޮޑުވަޒީރުކަމުން އިމްރާން ދުރުކުރުމުންނެވެ.
އިމްރާން، 70، އަވަސް އާންމު އިންތިޚާބަކަށް ކެމްޕެއިން ކުރައްވަމުން ގެންދަވާއިރު، އެމަނިކުފާނުގެ ބަދަލުގައި ވެރިކަން ކުރެއްވި ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަނީ މިއަހަރުގެ އޮކްޓޫބަރު މަހުގެ ކުރިން އިންތިޚާބެއް ބޭއްވުމަށް ގޮވާލެއްވުމަށް ދެކޮޅު ހައްދަވާފައެވެ.
އިންތިހާބީ އަހަރެއްގައި އިމްރާން ސިޔާސީ މައިދާނުން ބޭރުކުރުމުގެ ގޮތުން ހަގީގަތާ ހިލާފު އަދި ސިޔާސީ މަގްސަދެއްގައި ކަމަށް ބުނެ އިމްރާންގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ވެސް ދަނީ ކުރެވެމުންނެވެ.