މުޒާހަރާތަކާ ގުޅިގެން ޕާކިސްތާނުގައި އާންމުންގެ 16 މީހެއްގެ މައްޗަށް އަސްކަރީ ޝަރީއަތެއް
ޕާކިސްތާނުގެ އިރުމަތީގެ ސިޓީއެއް ކަމަށްވާ ލާހޯރުގެ ކޯޓަކުން ވަނީ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ހައްޔަރުކުރުމާ ގުޅިގެން މި މަހު ހިންގި ހަމަނުޖެހުންތަކުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ އާންމުންގެ 16 މީހެއްގެ މައްޗަށް ޝަރީއަތް ހިންގުމަށް އަސްކަރިއްޔާއާ ހަވާލުކޮށްފަ އެވެ.
އަސްކަރިއްޔާއިން ބުނީ ބުރާސްފަތި ދުވަހު ހަވާލުކުރި މީހުންގެ ޝަރީއަތް އެ ގައުމުގެ ކޯޓުތަކުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި އެ ޝަރީއަތްތައް މައިގަނޑު ގޮތެއްގައި ބޭނުންކުރަނީ ދައުލަތުގެ ދުޝްމަނުންގެ މައްޗަށް ޝަރީއަތް ކުރުމަށް ކަމަށެވެ.
އިމްރާން ހައްޔަރުކުރީ މި މަހުގެ ނުވަ ވަނަ ދުވަހު އެވެ. އޭނާގެ ސަޕޯޓަރުން ވަނީ ސިޓީތަކުގައި ހަމަނުޖެހުން ހިންގައި، އިމާރާތްތަކުގައި އަލިފާން ރޯކޮށް، މަގުތައް ބަންދުކޮށް، އަސްކަރީ ތަންތަނުގެ ބޭރުގައި ފުލުހުންނާ ކުރިމަތިލުންތަކެއް ހިންގައި، ނުވަ މީހަކު މަރުވެފަ އެވެ.
އިމްރާން ހައްޔަރުކުރީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާ އެކު ތިން ދުވަސް ވަންދެން އޭނާ ވަނީ ބަންދުން މިނިވަންވެފަ އެވެ.
ކުރީގެ ގައުމީ ކްރިކެޓް ކެޕްޓަން އަކީ ޕާކިސްތާނުގެ މުޅި ތާރީހުގައި ސީދާ ނުވަތަ ސަރުކާރުތައް ބަލަހައްޓަމުން އަންނަ މަދަނީ ސިޔާސީ ފަރާތްތަކާއި ބާރުގަދަ އަސްކަރިއްޔާއާ ދެމެދު ޒަމާނުއްސުރެ ހިނގަމުން އައި ވާދަވެރިކަމުގެ އެންމެ ފަހުގެ، ނާޒުކު މަރުހަލާގެ ތެރެއަށް ވަދެފައިވާ ކުޅުންތެރިއެކެވެ.
އިންސާނީ ހައްގުތަކާ ބެހޭ މޮނިޓަރުން ބުނީ އިމްރާން ހައްޔަރުކުރުމާ ގުޅިގެން މަގުމަތީގައި ހިނގި ހަމަނުޖެހުންތައް އެތައް ދުވަހެއް ވަންދެން ހިނގި ފަހުން، އިމްރާންގެ ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި) ޕާޓީއަށް ތާއީދުކުރާ އެތައް ހާސް ބަޔަކު ކަމާބެހޭ ފަރާތްތަކުން ހިފަހައްޓާފައިވާ ކަމަށެވެ.
އެމްނެސްޓީ އިންޓަނޭޝަނަލް އިން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިދިކޮޅު ގިނަ ލީޑަރުންތަކެއް އާބިޓްރަރީކޮށް ހައްޔަރުކުރުމާ ގުޅިގެން އިމްރާންގެ ސަޕޯޓަރުންގެ މައްޗަށް ބިރުވެރިކަމުގެ ފިނިކަމެއް އުފެދިފައިވާ ކަމަށެވެ.
އެމްނެސްޓީން އެހެން ޖަމިއްޔާތަކާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސިޔާސީ އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ކަމާބެހޭ ފަރާތްތަކުން ފިޔަވަޅު އެޅުން ހުއްޓާލަން ޖެހޭ ކަމަށެވެ.