ދުނިޔެ

ޕީ.ޓީ.އައިގެ އިސް މެންބަރުން ޕާޓީން ވަކިވަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ޕާކިސްތާން ތަހްރީކް އަލް-އިންސާފް (ޕީ.ޓީ.އައި) ޕާޓީގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ އިސް މެންބަރުން އެ ޕާޓީން ވަކިވާން ފަށައިފިއެވެ. އެ ޕާޓީން މިހާތަނަށް ވަކިވެފައިވާ އިސް މެންބަރުންގެ ތެރޭގައި ގިނައީ ޚާން ހައްޔަރުކުރުމާ ގުޅިގެން ފެށި މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވުމުގެ ތުހުމަތުގައި ހައްޔަރުކުރި މެންބަރުން ކަން ފާހަގަކުރެވެއެވެ.

Ads by WAMCO

މި ކަމާ ގުޅޭ ގޮތުން ޚާން ވިދާޅުވީ، ޕާޓީގެ އިސް މެންބަރުން ވަކިވާން ފަށާފައި ވަނީ ސަރުކާރުން ކުރިމަތި ކުރަމުންދާ ފިއްތުންތަކުގެ ސަބަބުން ކަމުގައެވެ. އަދި، ޕާޓީގެ އިސް މެންބަރުންނަށް ސަރުކާރުން އެކި ގޮތްގޮތުން ބިރުދައްކައި، ފިޔަވަޅުތައް އަޅަމުންދާ ކަމުގައި އޭނާ ތުހުމަތު ކުރެއްވިއެވެ.

މޭ މަހުގެ 9 ވަނަ ދުވަހު އިސްލާމްއާބާދުގެ ހައިކޯޓަށް ވަޑައިގެންނެވުމުން ފުލުހުން ވަނީ ޚާން ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރު ކުރުމާ ގުޅިގެން ޕާކިސްތާނުގެ މަސްރަޙު ހޫނުވެ، އެ ޤައުމުގެ އެކި ކަންކޮޅުތަކުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގިއެވެ. ނަމަވެސް، ޚާން ހައްޔަރުކޮށްފައި ވަނީ ޤާނޫނާ ޚިލާފަށް ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމުން ހައިކޯޓުން ވަނީ ކަފާލާތުގެ ދަށުން އޭނާ މިނިވަންކޮށްފައެވެ.

ޚާން ހައްޔަރު ކުރުމާ ގުޅިގެން އޭނާއަށް ތާޢީދުކުރާ މީހުންނާއި، ޕީ.ޓީ.އައިގެ އެތަކެއް ހާސް މެންބަރުން ވަނީ ވެރިރަށް އިސްލާމްއާބާދުގެ އިތުރުން ބޮޑެތި އެހެން ރަށްތަކުގެ މަގުތަކަށް އެއްވެ މުޒާހާރާކޮށްފައެވެ. އަދި، އޭނާ މިނިވަން ކުރުމަށް ގޮވައިލާ ކުރަމުންދިޔަ މުޒާހަރާތައް ހަމަނުޖެހުންތަކަށް ބަދަލުވެ، މުޒާހަރާގެ ބައިވެރިން ވަނީ މުދަލަށް ގެއްލުންދީފައެވެ. ފުލުހުންނާއި މުޒާހަރާ ކުރާ މީހުންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި 12 ވަރަކަށް މީހުން މަރުވި ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކޮށްފައިވާ ގިނަ މީހުންގެ ތެރޭގައި ޕީ.ޓީ.އައިގެ އިސް މެންބަރުން ހިމެނެއެވެ. ޕީ.ޓީ.އައިއިން ވަކިވެފައިވާ ބައެއް އިސް މެންބަރުންގެ ތެރޭގައި އެ ޕާޓީގެ ތަރުޖަމާނު ފަވާޛް ޗައުދްރީ ހިމެނެއެވެ. އޭނާއަކީ ޚާންގެ ސަރުކާރުގައި އިންފޮމޭޝަން މިނިސްޓަރުގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ. ޕާޓީގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުގައި ހުންނެވި އަސަދު އުމަރު ވެސް ވަނީ އިސްތިޢުފާ ދެއްވާފައެވެ. އޭނާއަކީ ޚާންގެ ސަރުކާރުގައި ފައިނޭންސް މިނިސްޓަރެވެ.

ޕާޓީގެ ނައިބު ރައީސްގެ މަގާމު ފުރުއްވާ ޝީރީން މަޒާރީ ވެސް ވަނީ ޕާޓީ ދޫކުރައްވާފައެވެ. މި ތިން ބޭފުޅުން ވެސް ޕާޓީން ވަކިވެފައިވާ ކަން އިޢުލާނުކޮށްފައި ވަނީ، ފުލުހުންގެ ހައްޔަރުން މިނިވަން ކުރުމުގެ ފަހުންނެވެ. އެ މީހުން ހައްޔަރުކޮށްފައި ވަނީ ހަމަނުޖެހުންތައް ރާވައި، ހަމަނުޖެހުން ހިންގުމަށް ހިތްވަރުދިނުމުގެ ތުހުމަތުގައެވެ.

ޕާޓީން އިސްތިޢުފާ ދެއްވާފައިވާ ކަން އިޢުލާނު ކުރައްވަމުން ޗައުދްރީ ވަނީ ހަމަނުޖެހުންތައް ކުށްވެރި ކުރައްވާފައެވެ. އަދި، ސިޔާސީ މައިދާނުން ދުރަށްޖެހިލަން ބޭނުން ކަމުގައި އޭނާ ވިދާޅުވިއެވެ. އިސްތިޢުފާ ދެއްވާފައިވާ ކަން އިޢުލާނު ކުރައްވައި ވާހަކަފުޅު ދައްކަވަމުން އުމަރު ވިދާޅުވީ، ޕާޓީން ވަކިވާން ނިންމާފައި ވަނީ ސަރުކާރުގެ އެއްވެސް ފިއްތުންތަކެއް އޮވެގެން ނޫން ކަމުގައެވެ.

"ޕާޓީގެ އިސް މެންބަރުންނާ ދެކޮޅަށް ސަރުކާރުން ވަނީ ވަރަށް ތަފާތު އުކުޅެއް ބޭނުންކުރަން ފަށާފައި. މިއީ ޕާކިސްތާނުގެ ތާރީޚުގައި ވެސް ފެނިފައި ނުވާ ފަދަ ކަމެއް. ހައްޔަރު ކުރާ ކޮންމެ މީހަކީ ޕީ.ޓީ.އައިގެ މެންބަރެއް ކަމަށް އެއްބަސްވެއްޖެ ނަމަ، އެ މީހަކަށް ބިރުދައްކައި، އެ މީހުންނަށް އަނިޔާކުރުމުގެ މަސައްކަތް ފެށޭ. ދޫކޮށްލަނީ ޕީ.ޓީ.އައިއިން ވަކިވާން އެއްބަސްވާ މީހުން،" ޚާން ވިދާޅުވިއެވެ.

ޕާޓީގެ ލީޑަރޝިޕްގައި ހިމެނޭ ގިނަ މެންބަރުން މި ވަގުތު ތިބީ ފުލުހުންގެ ހައްޔަރުގައި ކަމަށް ވެސް ޚާން ވިދާޅުވިއެވެ. "ޕާޓީގެ ހުރިހާ އިސް މެންބަރުންތައް ހައްޔަރުކޮށްފި. ޕާޓީގެ ކަމަކާ ގުޅާނެ ބޭފުޅެއް ވެސް އަޅުގަނޑަކަށް މިހާރު ނޭނގޭ،" ޚާން ވިދާޅުވިއެވެ.

ޕާކިސްތާނުގެ އިދިކޮޅު ޕާޓީތަކާ ދެކޮޅަށް، ޚާއްޞަކޮށް ޕީ.ޓީ.އައިގެ މެންބަރުންނާ ދެކޮޅަށް އެ ޤައުމުގެ ސަރުކާރުން ބިރުދެއްކުމުގެ އަމަލުތައް ހިންގުމުގެ އިތުރުން ޤާނޫނާ ޚިލާފަށް އެ މީހުން ހައްޔަރު ކުރަމުންދާ ކަމުގައި އެމްނެސްޓީ އިންޓަރނޭޝަނަލުން ވެސް ވަނީ ތުހުމަތުކޮށްފައެވެ. އަދި، ޓެރެރިޒަމް ހުއްޓުވުމުގެ ނަމުގައި އެ ފަދަ އަމަލުތައް ހިންގުން ހުއްޓައިލުމަށް އެމްނެސްޓީން ވަނީ ގޮވައިލާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!