އިންޑިއާގެ ގާނޫނުހަދާ މަޖިލިހުގެ އާ އިމާރާތް ހުޅުވައިފި
އިންޑިއާގައި އިމާރާތްކުރި އެގައުމުގެ ގާނޫނުހަދާ މަޖިލިހުގެ އާ އިމާރާތް ބޮޑުވަޒީރު ނަރެންދުރަ މޯޑީ ހުޅުއްވައިދެއްވައިފިއެވެ.
އިމާރާތް ހުޅުއްވާ ދެއްވުމަށް ބޭއްވުނު ހަފްލާ އިދިކޮޅު ފަރާތްތަކުން ވަނީ ބޮއިކޮޓް ކޮށްފައެވެ. އިދިކޮޅު ޕާޓީތަކުން ބުނެފައިވަނީ އެ ޕާޓީތަކުން ބޭނުންވަނީ އާ އިމާރާތް މޯޑީގެ ބަދަލުގައި އިންޑިއާގެ ރައީސް ހުޅުއްވައި ދެއްވުމަށް ކަމުގައެވެ.
އާ އިމާރާތް ހުޅުވުމަށް ބޭއްވުނު ރަސްމިއްޔާތު ބާއްވަމުން ދަނިކޮށް، މުޒާހިރާ ކުރި ފަރާތްތަކުން މަޖިލިސް އިމާރާތް ހުރި ސަރަހައްދަށް ދާން މަސައްކަތް ކުރުމުން އޭގެ ތެރެއިން އިންޑިއާގެ މަޝްހޫރު ބައެއް ރެސްލިން ކުޅުންތެރިން ވަނީ ހައްޔަރު ކޮށްފައެވެ.
އިންޑިއާގެ ގާނޫނުހަދާ މަޖިހުގެ އާއިމާރާތް ހުޅުވުމާއެކު، އިނގިރޭސިންގެ އިސްތިއުމާރުގެ ދުވަސްވަރުއްސުރެ ބޭނުން ކުރެވެމުން އައި އިމާރާތުގެ ބަދަލުގައި ދެން އެގައުމުގެ ގާނޫނުހަދާ މަޖިލީހުން ބޭނުން ކުރަމުންދާނީ އަލަށް ހުޅުނު މި އިމާރާތެވެ.
މިއިމާރާތް ހުޅުއްވާ ދެއްވުމުގެ ގޮތުން މޯޑީ ވަނީ އިމާރާތުގެ ލޯގޯ އިފްތިތާހު ކޮށްދެއްވާ، އަދި އެއްވެ ތިބި މީހުންނާ މުޚާތަބުކޮށް ވާހަކަ ދައްކަވާފައެވެ.
"މިއީ ހަމައެކަނި އިމާރާތެއް ނޫން. މި އިމާރާތް ރަމްޒު ކޮށްދެނީ 1.4 ބިލިއަން މީހުންގެ އުއްމީދު. މިއީ އަހަރެމެން ޑިމޮކްރަސީގެ ފައްޅި، އަދި މި އިމާރާތުން ދުނިޔެއަށް ފޯރުކޮށްދޭ މެސެޖަކީ އިންޑިއާގެ ސާބިތުކަން،" މޯޑީ ވިދާޅުވެފައި ވެއެވެ.
އިންޑިއާގެ އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ލީޑަރު ރާހޫލް ގާނދީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، މި އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތު މޯޑީ ބައްވާފައިވަނީ ރަސްކަލަކު ތަޚުތުގައި ވެޑުވުމަށް ބާއްވާ ރަސްމިއްޔާތެއް ފަދައިން ކަމުގައެވެ.
މި އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތު، މައި އިދިކޮޅު ޕާޓީ ކޮންގްރެސް ޕާޓީ ހިމެނޭގޮތުން 19 ޕާޓީއަކުން ވަނީ ބޮއިކޮޓް ކޮށްފައެވެ. ބީޖޭޕީން ބުނެފައިވަނީ އިދިކޮޅު ޕާޓީތަކުން މި ރަސްމިއްޔާތު ބޮއިކޮޓް ކުރުމުން ދޭހަކޮށްދެނީ އެޕާޓީތަކުން އިންޑިއާގެ ޑިމޮކްރަސީއަށް އެއްވެސް އިހުތިރާމެއް ނުކުރާކަން ކަމުގައެވެ.