ތާލިބާނުންނާއި އީރާން ސިފައިންނާ ދެމެދު ކުރިމަތިލުންތަކެއް
އީރާނާއި އަފްޣާނިސްތާން ގުޅޭ ބޯޑަރު ސަރަހައްދުގައި ހަމަނުޖެހުން އިތުރުވެ ތާލިބާނުން އީރާން ސިފައިންނަށް ހަމަލާދީފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ތާލިބާނުން ދިން ހަމަލާތަކުގައި އީރާންގެ ބޯޑަރު ބަލައްޓާ ދެ ގާޑަކު ވަނީ މަރުވެފަ އެވެ.
އީރާނާ ކުރިމަތިލުމަށް ތާލިބާނުން ބަރުހަތިޔާރު، ދެ ގައުމުގެ ބޯޑަރު ސަރަހައްދަށް ޖަމާކުރާ މަންޒަރު އިންޓަނެޓުގައި ހުރި ވީޑިއޯ ކްލިޕަތަކުން ފެނެ އެވެ. މިއީ ދެ ގައުމުގެ ދެމެދުގައި ނުތަނަވަސްކަން އިތުރުވެދާނެ ހާލަތެއް ކަމަށް ޚަބަރުތައް ބުނެ އެވެ.
އީރާން ސިފައިން ބުނާ ގޮތުން ހަމަލާތައް ފުރަތަމަ ފެށީ ތާލިބާނުންނެވެ. ތާލިބާނުން ބުނަނީ ހަމަލާތައް ފެށީ އީރާންގެ ބޯޑަރު ގާޑުން ކަމަށެވެ. އަދި ކޮންމެ ކޮޅަކުން މީހަކު މަރުވެ އެތައް ބަޔަކަށް އަނިޔާވެފައިވާ ކަމަށްވެސް ތާލިބާނުން ބުނެ އެވެ.
އީރާންގެ ބޯޑަރު ގާނުންނާއި ތާލިބާނުން -- ބޮލޮޗިސްތާން ސަރަހައްދުގައި ދިރިއުޅޭ އަފްޣާން ރައްުޔިތުން ދޭތެރެ ދޭތެރެއިން އަރާރުންވެ ހަމަލާ ބަދަލުކުރެ އެވެ. މައިގަނޑު ގޮތެއްގައި ދެބައި މީހުން ތަޅާފޮޅަނީ ފެނުގެ މައްސަލާގަ އެވެ.
މި ދެބައިގަޑުގެ ދެމެދުގައި ޚިލާފު އުފެދިފައި އޮންނަ ހަލްމަންދު ކޯރަކީ، އަފްޣާންގެ ހަލްމަންދު އަވަށުގައި ބޮޑުބައި އޮންނަ އަދި ވަރަށް ދުރަށް ދުވެފައި އޮންނަ ކޯރެކެވެ.
މި ކޯރުން ފެން ބޭނުކުރުމަށް 1973 ގައި ދެ ގައުމުގެ ދެމެދުގައި އެއްބަސްވުމެއް އެކުލަވާލާފައި އޮތް ނަމަވެސް، ތާލިބާނުންގެ ނުފޫޒާ ހެދި އީރާން މީހުންނަށް މި ކޯރުން ފެން ނެގުމުގައި ދަތިތައް ކުރިމަތިވެ އެވެ.
ތާލިބާނުންގެ އުނދަގޫ ބޮޑުވާ ކަމަށް ވިދާޅުވެ އިރާންގެ ރައީސް، އިބްރާހީމް ރައީސީ ވެސް ވަނީ މިދާކަށް ދުވަހު ބަސް ވިދާޅުވެފަ އެވެ. ރައީސީ ވިދާޅުވި ގޮތުގައި އީރާނަށް އޮތް ހައްގުގެ ދިފާއުގައި ސަލާމަތީ ބާރުތަކުން ފިޔަވަޅު އަޅާނެ އެވެ.
އިންޓަނެޓްގައި ހުރި ވީޑިއޯތަކުން ފެންނަނީ ތާލިބާނުންގެ އުޅަނދުތައް -- އެމެރިކާގައި އުފައްދާ ހަތިޔާރުތައް ލޮރީތަކަށް އަރުވައިގެން ބޯޑަރު ސަރަހައްދަށް ދަތުރުކުރާ މަންޒަރެވެ. ބެލެވޭ ގޮތުގައި މިއީ ހަމަލާތަކަށް ދޫދޭން ތާލިބާނުން ބޭނުންނުވާ ކަމުގެ އަލާމާތެކެވެ.