ޤައުމު ހިތާމައިގައި ވަނިކޮށް، ރައީސް ޔާމީނަށް ޖެއްސުން ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން: ޝަހީމް
މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފުލުހުންގެ އިދާރާއަށް ހާޒިރުވާން އެންމެގުމާއި ގުޅިގެން، އެއީ ރައީސް ޔާމީންނަށް ޖެއްސުން ކުރުމުގެ ނިޔަތުގައި ކޮށްފައިވާ ކަމެއް ކަމަށް، ރައީސް ޔާމީންގެ ކުރީގެ ރަނިންމޭޓް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ.މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން ފުލުހުންނަށް ހާޒިރު ކުރާ ކަން ހާމަކުރި ޚަބަރެއް ރީޓްވީޓް ކުރައްވަމުން ޝަހީމް ވިދާޅުވީ، މިސަރުކާރުގެ ބޭނުމަކީ ރައީސް ޔާމީނަށް ޖެއްސުންކޮށް ނަފްސާނީ ގޮތުން ބަލިކޮށްލުން ކަމަށެެވެ. އަދި އެމީހުން (ސަރުކާރުން) ރައީސް ޔާމީނާމެދު ކަންކަން ކުރަމުން އަންނަނީ ޒާތީކޮށް ކަމަށާއި އެކަން ކުރަނީ ބަދަލު ހިފުމެއްގެ ރޫޙެއްގައި ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ. އަދި ޤައުމު ހިތާމައިގައި ވަނިކޮށް، ރައީސް ޔާމީނަށް ޖެއްސުން ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެ ޓްވީޓްގައި ބުނެފައިވެއެވެ.
މި މަހުގެ ތިންވަނަ ދުވަހު ވެސް ރައީސް ޔާމީން ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރު ކޮށްފައެވެ. އެގޮތުން އެ ދުވަހު އެމަނިކުފާނު ފުލުހުންގެ އިދާރާއަށް ހާޒިރު ކުރީ ހައިކޯޓުގައި އޮތް އިސްތިއުނާފުގެ އަޑުއެހުން ނިމުމުންނެވެ.
ރައީސް ޔާމީން މިއަދު ކޯޓަށް ހާޒިރުކުރައްވާކަން ހާމަކޮށްފައިވަނީ، އެމަނިކުފާނުގެ ޤާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ، ރައީސް ޔާމީންގެ ފުރަތަމަ ނައިބު ރައީސް މުޙައްމަދު ޖަމީލް އަޙްމަދެެވެ.
ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ދަނޑިވަޅަކީ އެކަކު އަނެކަކަށް ހަމްދަރުދީވާންވީ ވަގުތު ކަމަށާއި ނަމަވެސް ފުލުހުން އަވަސްވެގަތީ މިއަދު 13:00އަށް ރައީސް ޔާމީން އަނެއްކާވެސް ތަހުގީގަށް ހާޒިރު ކުރުމަށް ކަމަށް އަންގާފައިވާ ކަމަށެވެ.. އަދި ޖަމީލް ވަނީ ސަރުކާރަށް މުހިއްމު ކަމެއް ހަމަ ނެތީތޯ ސުވާލު ކުރައްވާފައެވެ.