ދެކުނު އޭޝިއާއަށް ޗައިނާއިން ކުރާ އިންވެންސްޓްތައް މަދުކޮށްފި
ދެކުނު އިރުމަތީ އޭޝިއާއަށް ޗައިނާއިން ދޭ ތަރައްގީގެ އެހީ ކަނޑާލީ ބެއިޖިން އިން އެހެން ތަނަކަށް ފައިސާ ޑައިރެކްޓްކޮށް، އެ ސަރަހައްދުގެ އެންމެ ބޮޑު ފައިސާ ލިބޭ ގައުމެއްގެ މަގާމު ދޫކޮށްލުމުން ކަމަށް އޮސްޓްރޭލިއާގެ ތިންކް ޓޭންކެއްގެ ރިޕޯޓެއްގައި ބުނެފި އެވެ.
2015 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާ ހަމައަށް ދެކުނު އިރުމަތީ އޭޝިއާގެ ތަރައްގީގެ އެންމެ ބޮޑު އެއް ވަސީލަތަކީ ޗައިނާ ކަމަށާއި ނަމަވެސް ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކާއި ވޯލްޑް ބޭންކުން ފަހަތަށް ޖައްސާލާފައިވާ ކަމަށް ލޯވީ އިންސްޓިޓިއުޓުން އާދީއްތަ ދުވަހު ނެރުނު ރިޕޯޓުގައި ބުނެފައިވެ އެވެ.
ސިޑްނީގެ ލޯވީ އިންސްޓިޓިއުޓުން ބުނި ގޮތުގައި މި ސަރަހައްދުގައި ޗައިނާގެ ހިއްސާ 2015 ވަނަ އަހަރު 7.6 ބިލިއަން ޑޮލަރަށް ހުރި ނަމަވެސް 2021 ވަނަ އަހަރު ވަނީ 3.9 ބިލިއަން ޑޮލަރަށް ވެއްޓިފަ އެވެ.
ޗައިނާއިން 2015 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރާ ދެމެދު 37.9 ބިލިއަން ޑޮލަރު ދޫކޮށްފައިވާއިރު، މިއީ އެވްރެޖްކޮށް އަހަރަކު 5.53 ބިލިއަން ޑޮލަރެވެ.
ދެކުނު އިރުމަތީ އޭޝިއާއަށް މި މުއްދަތުގައި ޕާޓްނަރުންގެ ފަރާތުން ޖުމްލަ 200 ބިލިއަން ޑޮލަރު ލިބިފައިވެ އެވެ.
މެލޭޝިއާ، އިންޑޮނޭޝިއާ އަދި ތައިލޭންޑްގެ ހައި ސްޕީޑް ރޭލް ޕްރޮޖެކްޓްތައް ހިމެނޭ ގޮތަށް މި ސަރަހައްދުގެ އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކަށް ޗައިނާގެ ފައިސާ ވަނީ ބޭނުންކޮށްފަ އެވެ.
"2015 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރާ ދެމެދު ދެކުނު އިރުމަތީ އޭޝިއާގައި ޗައިނާގެ [އޮފިޝަލް ޑިވެލޮޕްމަންޓް ފައިނޭންސް، އޯޑީއެފް] ގައި އެންމެ ފާހަގަކޮށްލެވޭ ޓްރެންޑަކީ ބައިވެރިއެއްގެ ހައިސިއްޔަތުން ޗައިނާގެ މުހިންމުކަން ދަށްވުން،" ލޯވީ އިންސްޓިޓިއުޓުން ނެރުނު ރިޕޯޓުގައި ބުނެފައި ވެ އެވެ.
"2015 ވަނަ އަހަރު ޗައިނާއިން ވަނީ މި ސަރަހައްދުގެ އޯޑީއެފްގެ ގާތްގަނޑަކަށް 24 ޕަސެންޓް ފޯރުކޮށްދީފައި. 2021 ވަނަ އަހަރާ ހަމައަށް އައިއިރު މި އަދަދު ވަނީ 14 ޕަސެންޓަށް ވެއްޓިފައި."
ޗައިނާގެ ބަދަލުގައި އެމެރިކާ، އޮސްޓްރޭލިއާ އަދި ޖަޕާން ފަދަ އެހެން ގައުމުތަކާއި ޕާޓްނަރުން ދަނީ ބެއިޖިންއާ ނުފޫޒު ފޯރުވަން ވާދަކުރާތީ އެހީތެރިކަން އިތުރުކުރަމުން ކަމަށް ލޯވީ އިންސްޓިޓިއުޓްގެ ލީޑް އިކޮނޮމިސްޓް ރޮލަންޑް ރަޖާހް ވިދާޅުވި އެވެ.
"ޗައިނާ އާއި ހުޅަނގުގެ ސަރުކާރުތަކާ ދެމެދު އުފެދިފައިވާ ޖިއޮސްޓްރެޓެޖިކް ނުތަނަވަސްކަން އިތުރަށް ވަރުގަދަވުމުގެ ސަބަބުން ވެސް ތަރައްގީއަށް ބޭނުންވާ ފައިނޭންސް، ހާއްސަކޮށް އިންފްރާސްޓްރަކްޗާގެ ދާއިރާއިން ނުފޫޒު ފޯރުވުމަށް ވާދަކުރުމުގެ ވަސީލަތެއްގެ ގޮތުގައި ބޭނުންކުރުމަށް ދޭ ސަމާލުކަން އިތުރުވަމުން އަންނަ،" ރަޖާހު ވިދާޅުވި އެވެ.