އިމްރާން ޚާންއަށް ސަޕޯޓްކުރާ ވިޔަފާރިވެރިންނަށް ޓާގެޓް ކުރަނީ
އިމްރާން ޚާންގެ ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި) ޕާޓީއާ ދެކޮޅަށް ސަރުކާރުން ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންދާއިރު، ޕަންޖާބު ޕްރޮވިންސްގެ ސަޕޯޓަރުން ބުނަނީ ކުރީގެ ބޮޑުވަޒީރަށް ހަމްދަރުދީވާ މީހުންގެ ވިޔަފާރިތަކަށް ކަމާބެހޭ ފަރާތްތަކުން އަމާޒުކުރަމުންދާ ކަމަށެވެ.
ޕީޓީއައިގެ އިސް އެހީތެރިއެއް ކަމަށްވާ ހައްމާދު އަޒްހަރު އަލްޖަޒީރާއަށް މައުލޫމާތު ދެމުން ބުނީ އޭނާގެ އާއިލީ ވިޔަފާރި އެއް ކަމަށްވާ އޭއެފްސީއޯ ސްޓީލް އިންޑަސްޓްރީޒް ފުލުހުން ބަންދުކުރިތާ ހަފުތާއަކަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށެވެ.
އަޅުގަނޑުމެންގެ ހެޑްކުއާޓަރާއި ލާހޯރުގައި ހުންނަ ފެކްޓްރީ ވެސް ބަލައި ފާސްކުރީ ޖޫން މަހުގެ އެއްވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. ފުލުހުންގެ އޮފިޝަލުންނާއި ޑިސްޓްރިކްޓް އޮފިސަރަކު އައިސް އެތަން ބަންދުކުރީ އަތުގައި ލިޔެފައިވާ ނޯޓަކުން،" އަޒްހަރު ބުދަ ދުވަހު ވިދާޅުވި އެވެ.
އަދި ޕާކިސްތާނުގައި ސްޓީލް އުފައްދާ އެންމެ ދުވަސްވީ އެއް ކުންފުނި ކަމަށްވާ އޭނާގެ ވިޔަފާރި ބަންދުކުރުމުން ފުލުހުން އޭނާގެ ސްޓާފުންނަށް އުނދަގޫ ކުރި ކަމަށާއި އެކަން ކުރަނީ ކީއްވެ ކަމެއް ބުނަން ދެކޮޅު ހެދި ކަމަށް އޭނާ ވިދާޅުވި އެވެ.
"ކަމާބެހޭ ފަރާތްތަކުގެ އަތުގައި އެއްވެސް ޑޮކިއުމެންޓަރީ ހެއްކެއް އަދި ސީލިން ވޮރެންޓެއް ވެސް ނެތް، އަދިވެސް އެ މީހުން އަޅުގަނޑުމެންގެ ފެކްޓްރީ ބަންދުކުރީ،" އޭނާ ވިދާޅުވި އެވެ. "ނަސީބަކުން އަޅުގަނޑުމެން ޕެޓިޝަނެއް ހުށަހެޅުމުން ޖޫން މަހުގެ ހަތް ވަނަ ދުވަހު ލާހޯރު ހައި ކޯޓުން އަހަންނަށް ލުޔެއް ދީ، އަޅުގަނޑުމެންގެ ފެކްޓްރީ އަލުން ހުޅުވުމަށް ކަމާބެހޭ ފަރާތްތަކަށް އަމުރުކުރީ."
މެއި މަހުގެ ނުވަ ވަނަ ދުވަހު އިމްރާން ހައްޔަރުކުރުމާ ގުޅިގެން އޭނާގެ ސަޕޯޓަރުން ވަނީ މުޅި ގައުމުގައި މުޒާހަރާކޮށްފަ އެވެ. އެއްވުންތަކުގައި ހަމަނުޖެހުން ހިންގައި ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި ޕީޓީއައިގެ އެތައް ހާސް އެކްޓިވިސްޓުންނާއި ޕާޓީގެ ލީޑަރުން ހައްޔަރުކޮށްފައިވާއިރު، އަސްކަރީ ކޯޓުތަކުގައި ހަރަކާތްތެރިވާ މީހުންގެ މައްޗަށް ޝަރީއަތް ހިންގާނެ ކަމަށް ސަރުކާރުން ވަނީ ވައުދުވެފަ އެވެ.