ކޮވިޑް-19: ބަލީގެ މީހުންނަށް ހާއްސަ 30 ކޮޓަރީގެ ރަށެއް
ކޮރޯނާ ވައިރަސް ޖެހޭ މީހުން ކަރަންޓީނު ކޮށްފައި ބޭތިއްބުމަށް 30 ކޮޓަރި ހިމެނޭ ގޮތަށް ޓޫރިޒަމް މިނިސްޓްރީން އައިސޮލޭޝަން ފެސިލިޓީޒްއެއްގެ ގޮތުގައި ރަށެއް ހާއްސަ ކޮށްފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މިއީ ދުރާލާ ކުރި މަސައްކަތުގެ ނަތީޖާއެވެ. އެގޮތުން އެކަން ކޮށްފައިވަނީ 10 ދުވަހުގެ ތެރޭގައި، ޓޫރިޒަމް ޓްރަސްޓް ފަންޑުން ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
މާލެއާ މާ ދުރުނޫން ހިސާބެއްގައި ކުރިން ވެސް ރިސޯޓެއްގެ ގޮތުގައި ހިންގި ވިލިވަރުގައި ގާއިމް ކުރި ކޮވިޑް-19 އިގެ އައިސޮލޭޝަން ފެސިލީޓީގައި 30 ކޮޓަރި ހުރެ އެވެ. އޭގެ ގެތެރެއިން 28 ކޮޓަރިއަކީ ސިންގަލް ރޫމެވެ. ދެން ހިމެނެނީ ޑަބަލް ރޫމްގެ ދެ ކޮޓަރި އެވެ.
ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން ގެންދިޔަ، މި ރަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ކޮވިޑް-19 އިގެ ބަލި މީހުންނަށް ހާއްސަ ފެސިލީޓީއަކަށް ބަދަލު ކޮށްފަ އެެވެ. ކޮވިޑް-19 އިގެ ބަލި މީހުނަށް ހާއްސަ ކުރަން ވިލިވަރު ދީފައި ވަނީ ރަށުގެ ވެރިޔާ ހ. ސީސައިޑް މުހައްމަދު އަލީ ޖަނާހު އެވެ.
ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފައިވާ ޖަނާހު ވިދާޅުވީ ވިލިވަރު ސަރުކާރަށް ދިނީ ގައުމީ ކަމެއްގެ ގޮތުގައި ބަލައިގެން ތިން މަސް ދުވަހަށް ކަމަށެވެ.