ޚަބަރު

އެސްޓީއޯ އިން ތިން މުވައްޒަފަކު ހައްޖަށް ފޮނުވަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

މި އަހަރު އެސްޓީއޯގެ ފަރާތުން ތިން މުވައްޒަފުން ހައްޖަށް ފޮނުވުމަށް ނިންމައިފިއެވެ.

Ads by Hajj Corporation

އެސްޓީއޯއިން ބުނީ 2023 ޖޫން 16 ވަނަ ދުވަހު މި މުވައްޒަފުން ޙައްޖުގެ އަޅުކަން އަދާކުރުމަށް ފުރަން ހަމަޖެހިފައިވާ ކަމަށެވެ. އަދި މި މުވައްޒަފުންގެ ތެރޭގައި ހިމެނެނީ އެސްޓީއޯ ޏ.ފުވައްމުލަށް ފިހާރަ، އެސްޓީއޯ ސ.ފޭދޫ ފިހާރަ އަދި ޓްރާންސްޕޯޓް ޑިޕާޓްމަންޓްގެ ވެސެލް ގައި މަސައްކަތްކުރާ މުވައްޒަފުން ކަމަށް އެސްޓީއޯއިން ބުންޏެވެ.

އެސްޓިއޯގެ މި ސްކީމަކީ 2016 ވަނަ އަހަރުން ފެށިގެން މުވައްޒަފުންނަށް ހުޅުވާލެވުނު ސްކީމެކެވެ. މި ސްކީމްގެ ދަށުން ޙައްޖަށް ދިއުމަށް އެޕްލިކޭޝަން ފޯމް ހުށަހެޅެނީ މީގެ ކުރިން ފަރުޟު ޙައްޖެއް ވެފައިނުވާ ދިވެހި މުވައްޒަފުންގެ ތެރެއިން ކުންފުންޏަށް 10 އަހަރު ޚިދުމަތް ކޮށްފައިވާ ފަރާތްތަކަށެވެ.
އަދި ޙައްޖަށް ދިއުމަށް އެޕްލިކޭޝަން ހުށަހަޅާ މުވައްޒަފުންގެ ތެރެއިން 1 ޖާގަ ޚާއްސަ ކުރެވެނީއުމުރުން އެންމެ ގިނަ ދުވަސްވެފައިވާ ފަރާތްތަކުގެ ތެރެއިން ކުންފުންޏަށް އެންމެ ގިނަ ދުވަހު ޙިދުމަތް ކޮށްފައިވާ އަދި މަސައްކަތަށާއި ޙާޒިރީއަށް އެންމެ ރަގަޅު މުވައްޒަފަށެވެ. އިތުރު ޖާގަ ހޮވަނީ ގުރުއަތުންނެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ބޭރު ޤައުމުތަކުން ސައުދީ އަރަބިއްޔާއަށް ދަތުރުކުރާ ހައްޖާޖީންނަށް 2020 ވަނަ އަހަރު ހައްޖުގެ އަޅުކަން އަދާކުރުމުގެ އިންތިޒާމް ހަމަޖެހިފައިނުވާތީ އެއަހަރު ހޮވިފައިވާ މުވައްޒަފުންނަށް ޙައްޖަށް ދިއުމުގެ ފުރުސަތު ފަހިކޮށްދެވިފައި ނުވެއެވެ.
ނަމަވެސް ޙައްޖަށް ގެންދިއުމުގެ ކަންތައްތައް މަޑުޖެހިފައި އޮތުމަށްފަހު، އަލުން މި އިންތިޒާމްތަށް ހަމަޖެހުމުން، 2022 އަދި 2023 ވަނަ އަހަރު މިމުވައްޒަފުން ޙައްޖަށް ފޮނުވުމުގެ އިންތިޒާމްތައް ހަމަޖެހުނެވެ.
އެސްޓީއޯއިން ބުނީ ކުރިއަށްއޮތް އަހަރުތަކުގައިވެސް މުވައްޒަފުން ޙައްޖަށް ފޮނުވުމުގެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށެވެ. 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!