އައިޖީއެމް ހޮސްޕިޓަލްގައި ތިބޭ ބަލިމީހުންނަށް ޒިޔާރަތްކުރުން ހުއްޓާލައިފި
މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަހުން ރައްކާތެރިވެ ތިބުމުގެ ފިޔަވަޅެއްގެ ގޮތުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ތިބޭ ބަލި މީހުންނަށް ޒިޔާރަތް ކުރުން ވަގުތީ ގޮތުން ހުއްޓާލައިފިއެވެ.
އެ ހޮސްޕިޓަލުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މި ދަނޑިވަޅުގައި ބަލި މީހުންނަށް ޒިޔާރަތް ކުރުމަކީ އެޑްމިޓްކޮށްގެން ފަރުވާދޭ ބަލި މީހުންނަށް ނުރައްކާ ވެދާނެ ކަމެއް ކަމަށް ފެންނާތީ އާއި އެންމެންގެ ރައްކާތެރި ކަމަށްޓަކައި އެ ހޮސްޕިޓަލްގެ ސިއްޙީ މިންގަނޑުތައް ދެމެހެއްޓުމަށް ޓަކައި މިއަދުން ފެށިގެން ބަލި މީހުންނަށް ޒިޔާރަތް ކުރުން ހުއްޓާލާފައިވާ ކަމަށެވެ.
އެހެން ނަމަވެސް ފާސް ލިބިފައިވާ ބަލި މީހާގެ އެހީތެރިޔާއަށް ބަލި މީހާއާއެކު މަޑު ކުރެވޭނެ ކަމަށް އައިޖީއެމްއެޗްގެ ބަޔާނުގައި ވެއެވެ. މީގެ އިތުރުން ފާސް ލިބިފައިވާ މީހުންގެ އިތުރުން އެހެން މީހުން ހޮސްޕިޓަލަށް ޒިޔާރަތް ކުރުމާއި މިނޫން އެހެން ކަންކަމުގައި ވެސް ކޮންމެހެން ހޮސްޕިޓަލަށް ދާން ނުޖެހޭނަމަ ހޮސްޕިޓަލަށް ނުދިޔުމަށް އައިޖީއެމް ހޮސްޕިޓަލުން އިލްތިމާސް ކުރެއެވެ.