ޚަބަރު

ކުޑަކުދިންނާއި މުސްކުޅިން މިސްކިތުގެ ޖަމާއަތަށް ނުދިޔުމަށް އިލްތިމާސްކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް19 ގެ އެއްވެސް އަލާމާތެއް ފެންނަ މީހުންނާއި، ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން މިސްކިތަށް ޖަމާއަތަށް ނޭރުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

Ads by MWSC

އިސްލާމިކް މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ކޮރޯނާވައިރަސް ރާއްޖެއިން ފެނިފައިވުމާއި، އިތުރަށް މި ވައިރަސް ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްޓަކައި އަޅާ ސަލާމަތީ ފިޔަވަޅެއްގެ ގޮތުން، މިވައިރަސްގެ އަލާމާތްތައް ކަމަށް ބެލެވޭ ހުން އައުމާއި، ރޯގާ ޖެހުމާއި، ކެއްސާ ކިނބިހިއަޅާ މީހުންނާއި، ކަރަންޓީނު ކޮށްފައިވާ ރަށަކަށް އަރާފައިވާ މީހުން، އާއްމުން އެއްވެ އުޅޭ ޖަމާއަތްތަކުގެ ތެރެއަށް ނިކުމެ ނޫޅުމަށާއި، މިސްކިތުގެ ޖަމާއަތަށް ނުދިއުމަށް އިލްތިމާސްކުރާ ކަމަށެވެ.

"މީގެއިތުރުން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން މިސްކިތުގެ ޖަމާއަތަށް ކުޑަކުދިންނާއި މުސްކުޅިން ހާޟިރުނުވުމަށް ވެސް އިލްތިމާސް ކުރަމެވެ" އެ ބަޔާނުގައި ބުނެފައިވެއެވެ.

މިފަދަ ކަންކަމަކީ އިސްލާމްދީނުގައި މި މަގަށް ބާރުއަޅާފައިވާ ކަންކަން ކަމަށާއި، އެގޮތުން ފިޔާ ލޮނުމެދު ފަދަ ތަކެތީގެ ވަހުގެ ސަބަބުން މީސްތަކުންނަށް އުނދަގޫވާތީވެ އެފަދަ ތަކެތި ކައިގެން މިސްކިތުގެ ޖަމާއަތަށް ދިޔުން މަނާކުރެވިފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އެހެން ކަމަށްވާނަމަ ކޮރޯނާވައިރަސް ފަދަ ނުރައްކާތެރި ވައިރަހެއްގެ އަލާމާތެއް ފެންނަ ފަރާތްތަކުން މިސްކިތުގެ ޖަމާއަތަށް ނުދިއުމަކީ އިސްލާމްދީނުގެ ރިވެތި އުސޫލުތަކުގެ ތެރެއިން ހިމެނޭ ކަމެއްކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

"މާތްﷲ ގެ އިރާދަފުޅާއެކު މިފަދަ ނުރައްކާތެރި ބައްޔެއްގެ އަލާމާތްތައް ފެންނަ ހިނދު، ތިބާ މިސްކިތުގެ ޖަމާއަތުން އެއްކިބާވެ ކުރާ ނަމާދަށް، ތިބާ ފުރިހަމަ ސިއްހަތެއްގައި ވީ ހިނދު، މިސްކިތުގެ ޖަމާއަތުގައި ކުރާ ނަމާދަށް ލިބޭ ފުރިހަމަ ސަވާބު ލިބިގެން ދާނެއެވެ" ބަޔާނުގައި ވެއެވެ.

މީގެއިތުރުން މިފަދަ ދަނޑިވަޅުތަކުގައި މާތްﷲ ގެ ރަހްމަތުން މާޔޫސްނުވެ، ސަބަބުތަކުގައި ހިފާ، ފުރިހަމައަށް މާތްﷲ އަށް ވަކީލު ކުރުމަށާއި، ގިނަ ގިނައިން ހެޔޮ ދުއާކޮށް އުޅުމަށް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ނަސޭހަތްތެރިވެފައެވެ.

އަދި އެއިރަކަށް ބޭނުންވާ ދީނީ މައުލޫމާތު އިލްމުވެރިންގެ ލަފަޔާ އިރުޝާދުގެ ދަށުން ރައްޔިތުންނަށް ފޯރުކޮށްދޭނެ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!