ޚަބަރު

ކަންބޮޑު ނުވެ، އެޗްޕީއޭގެ ލަފަޔާއި އިރުޝާދަށް އަމަލުކުރޭ: ރައީސް

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖޭގައި ކޮވިޑް-19 ފެނުމާއި ގުޅިގެން ރައްޔިތުން ކަންބޮޑުވުމާއި ހާސްކަމުގެ ތެރެއަށް ނުގޮސް ހެލްތް ޕްރޮޓެކްޗަން އެޖެންސީ (އެޗްޕީއޭ) ގެ ލަފައާއި އިރުޝާދާ އެއްގޮތަށް އަމަލުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިލްތިމާސްކުރައްވައިފިއެވެ.

Ads by MWSC

ރޭ ކޮވިޑް-19 އަށް ރާޖޭގެ ފުރަތަމަ ކޭސް ފެންމަތިވެ އެ ރޯގާއަށް ބޭރުގެ 2 މީހަކު ޕޮސިޓީވްވެ އެ ކޭސް ފެނުނު ޅ. ކުރެއްދޫ ރިސޯޓު އޮތީ އޮރެންޖު އެލާޓުގައެވެ. ޗައިނާގެ ވޫހާން ސިޓީން މުޅި ދުނިޔެއަށް ފެތުރެމުންދާ ކޮރޯނާ ވައިރަސްއަށް ރާއްޖޭގައި ޕޮސިޓިވް ވީ ޅ. ކުރެއްދޫ ރިސޯޓުގައި މަސައްކަތް ކުރާ ބިދޭސީ ދެ މުވައްޒަފުންނެވެ. އެމީހުން މިހާރު ވަނީ ފަރުކޮޅުފުށީގައި ކަރަންޓީންކޮށްފައެވެ.

ރައީސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޯވިޑް 19 އާ ގުޅިގެން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރަމުންދާ ކަމަށެވެ. އަދި މިވަގުތު ކަންބޮޑުވުމާއި ހާސްކަމުގެ ތެރެއަށް ވަޑައިނުގެން ޑޮކްޓަރުންނާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ލަފަޔާއި އިރުޝާދަށް ޢަމަލުކުރައްވަމުން ގެންދެވުމަށް ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ.

ރާއްޖެއިން ދެ މީހެއްގެ ފަރާތުން ކޮރޯނާ ވައިރަސް ފެނިފައިވާތީ ކުރެއްދޫ ރިސޯޓަށް ވަނީ އޮރެންޖް އެލާޓް ނެރެފަ އެވެ. އަދި މުޅި ރާއްޖެއަށް މިހާރު އޮތީ ޔެލޯ އެލާޓުގައެވެ. އޮރެންޖެ އެލާޓް ނެރެނީ ރާއްޖެއިން ބޭރުން ބަލިޖެހުނު މީހާގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރޭ ހާލަތްތަކުގަ އެވެ. އަދި ޔެލޯ އެލާޓް ނެރެނީ ރާއްޖެއިން ބޭރުން ބަލިޖެހިފައިވާ މީހަކު ރާއްޖެ އަންނަ ހާލަތުގަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!