ޚަބަރު

ކުރެއްދޫގައި 93 މީހެއް، އަދި ބަތަލާގައި 11 މީހަކު ރޫމް ކަރަންޓީންގައި

ކޮރޯނާވައިރަހާ ގުޅިގެން ކުރެއްދޫ އައިލޭންޑް ރިސޯޓުގައި 93 މީހެއް އަދި ބަތަލާ ރިސޯޓުގައި 11 މީހަކު ރޫމް ކަރަންޓީނު ކޮށްފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ މިހާތަނަށް މި ބައްޔަށް ޓެސްޓު ކުރެވިފައިވަނީ 24 ފަތާތެއް ކަމަށާއި އޭގެތެރެއިން ޕޮޒިޓިވް ވެފައިވަނީ ދެ ފަރާތެއް ކަމަށެވެ. އަދި 20 ފަރާތެއް މި ބައްޔަށް ނެގެޓިވް ވެފައިވާއިރު ދެ މީހެއްގެ ނަތީޖާ އަދި ލިބިފައިނުވާ ކަމަށް އަމީން ވިދާޅުވިއެވެ.

އަދި ކަރަންޓީނު މަރުކަޒެއްގެ ގޮތުގައި ގާއިމުކޮށްފައިވާ ފަރުކޮޅުފުށީގައި 8 ފަރާތެއް އެބަތިބި ކަމަށާއި، މި ބައްޔަށް ޕޮޒިޓިވްވި ދެ މީހުން ފެނުނު ކުރެއްދޫ ރިސޯޓުގައި 93 ފަރާތެއް ރޫމް ކަރަންޓީނުކޮށްފައި އެބަތިބި ކަމަށްވެސް އަމީން ވިދާޅުވިއެވެ.

މީގެއިތުރުން ބަތާލާ އައިލޭންޑް ރިސޯޓުގައި ވެސް 11 ފަރާތެއް ރޫމް ކަރަންޓީނުގައި އެބަތިބި ކަމަށްވެސް އަމީން ވިދާޅުވިއެވެ. މި ދެ ރިސޯޓަށް ވެސް އަރާ ފޭބުން މިހާރު ވަނީ ވަގުތީ ގޮތުން މަނާކޮށްފައެވެ.

އަދި ކޮރޯނާވައިރަހަށް ޝައްކު ކުރެވޭ އަލާމާތްތައް ހުރި ދިވެއްސަކު ށ.ފޯކައިދޫއިން ޓެސްޓު ކުރުމަށް ކަރަންޓީނު މަރުކަޒަށް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭއިން މިރޭ ވަނީ ބުނެފައެވެ. މި މީހާއަކީ ކުރެއްދޫ އައިލޭންޑް ރިސޯޓުގެ މުވައްޒަފެއް ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!