މޯދީ އަދި ބައިޑަންގެ އެކުވެރި މެސެޖެއް ރަޝިއާއި ޗައިނާއާ ދެކޮޅަށް
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، އެމެރިކާގެ ރައީސް ޖޯ ބައިޑަން އިން ވޮޝިންޓަނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި އެމެރިކާ އާއި އިންޑިއާ އަކީ "ދުނިޔޭގެ އެންމެ ގާތް ބައިވެރިންގެ ތެރޭގައި ހިމެނޭ ދެ ގައުމު" ކަމަށް ކަނޑައަޅައިފި އެވެ.
މޮސްކޯއިން ޔޫކްރެއިންގައި ހަނގުރާމަ ކުރަމުންދާއިރު، ރަޝިޔާއާ އިންޑިއާގެ ގާތް ގުޅުމުގެ ސަބަބުން ވޮޝިންޓަން ވަނީ މާޔޫސްވެފައެވެ. މޯދީ ސީދާ ޗައިނާ އާއި ރަޝިއާއާ މުހާތަބު ނުކުރައްވާ ކަމަށާއި ބައިޑަން ހަމައެކަނި ޗައިނާގެ ވާހަކަ ދެއްކެވީ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ނަމަވެސް 2.5 ގަޑިއިރުގެ ޕްރައިވެޓް ބައްދަލުވުމަށްފަހު ދެ ބޭފުޅުން ނެރުއްވި ޖޮއިންޓް ސްޓޭޓްމަންޓަކުން ދެ ގައުމަށް ވެސް އަމާޒުވާ ހެން ހީވި އެވެ.
ބައިނަލްއަޤްވާމީ ތަރުތީބު
ދެ ފަރާތުން ވެސް ވަނީ "ރޫލްސް ބޭސްޑް އިންޓަނޭޝަނަލް އޯޑަރ" ގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، "ޒަމާނީ ދުނިޔޭގެ ތަރުތީބު ބިނާވެފައި ވަނީ އދ.ގެ ޗާޓަރާއި ބައިނަލްއަގްވާމީ ގާނޫނުގެ އުސޫލުތަކާއި ގައުމުތަކުގެ އިސްތިގުލާލާއި ސަރަހައްދީ އެއްބައިވަންތަކަމަށް އިހުތިރާމް ކުރުމުގެ މައްޗަށް" ކަމަށް ވިދާޅުވެފައެވެ.
"މަލްޓިލޭޓަރަލް ސިސްޓަމް އެއްފަރާތްކޮށް ފުނޑުފުނޑުކޮށްލަން ކުރާ ކޮންމެ މަސައްކަތަކާ ދެކޮޅަށް މަސައްކަތް ކުރާނެ ކަމުގެ އަޒުމް އެމެރިކާ އާއި އިންޑިއާ އިން ވަނީ ކަށަވަރުކޮށްދީފަ އެވެ.
ޔޫކްރެއިންގެ ހިތާމަވެރި ހާދިސާ
ޔޫކްރެއިންގައި ހިނގަމުންދާ ހަމަނުޖެހުންތަކާ މެދު ދެ ލީޑަރުން ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި، އެކަމުގެ ނުރައްކާތެރި އަދި ހިތާމަވެރި އިންސާނީ ނަތީޖާތަކާ މެދު ހިތާމަ ކުރައްވާ ކަމަށާއި، ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގްތިސާދީ ނިޒާމަށް ކާބޯތަކެއްޗާއި ތެލާއި ހަކަތައިގެ ރައްކާތެރިކަމާއި މުހިންމު ސަޕްލައި ޗެއިންތަކަށް ކުރާ ނޭދެވޭ އަސަރުތައް ފާހަގަކުރެއްވި އެވެ.
އަދި ޔޫކްރެއިންގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ދެމިއޮންނާނެ ކަމަށް ދެ ގައުމުން ވެސް ވައުދުވެ، ޔޫކްރެއިންގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް ފަހު އަލުން އާރާސްތު ކުރުމުގެ މުހިންމުކަމަށް ދެ ގައުމުން ވެސް ވަނީ އެއްބަސްވެފަ އެވެ.
އިންޑޯ ޕެސިފިކް އަދި ދެކުނު ޗައިނާ ކަނޑު
"ސަރަހައްދީ އެއްބައިވަންތަކަމާއި އިސްތިގުލާލާއި ބައިނަލްއަގްވާމީ ގާނޫނުތަކަށް އިހުތިރާމްކޮށް މިނިވަން، ހުޅުވާލެވިފައިވާ، އެންމެން ބައިވެރިވާ، ސުލްހަވެރި އަދި ތަނަވަސް އިންޑިއާ-ޕެސިފިކް ސަރަޙައްދަކަށް ދެމިތިބޭނެ ކަމުގެ ޔަޤީންކަން ދެބޭފުޅުން ދެއްވިއެވެ."
"ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ބޯލެނބުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ޚާއްޞަކޮށް އދ.ގެ ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ (ޔޫ.އެން.ސީ.އެލް.އޯ.އެސް)ގައި ބަޔާންކޮށްފައިވާ ފަދައިން، ކަނޑުދަތުރުފަތުރުގެ މިނިވަންކަމާއި އޯވަފްލައިޓްގެ މިނިވަންކަން ދެމެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް ދެބޭފުޅުން އަލިއަޅުއްވާލެއްވިއެވެ.