ކޮވިޑް-19އާއި ގުޅޭގޮތުން ސައްހަ މައުލޫމާތު ފޯރުކޮށް ދިނުމަށް ޑރ.މުޙައްމަދު އަލީ ގޮވާލައްވައިފި
ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފެތުރެމުން އަންނަ އަދި ރާއްޖެއިން ވެސް ފެނިފައިވާ ކޮވިޑް-19ގެ ބައެއް ބިލާހުތަކުން ބަޔާންކޮށް ސައްހަ މައުލޫމާތު ފޯރުކޮށް ދިނުމަށް ރާއްޖޭގެ މަގުބޫލު ޑޮކްޓަރު މުޙައްމަދު އަލީ ގޮވާލައްވައިފިއެވެ.
މިކަމަަށް ގޮވާލައްވަމުން އިއްޔެ އެމަނިކުފާނު ކުރެއްވި ޓުވީޓްގައި ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ގެ ދޮގު މައުލޫމާތުތަކެއް ވަނީ ހާމަކުރައްވާފައެވެ. އެގޮތުން ކެއްކި ލޮނުމެދުފެން އެއީ ކޮރޯނާއަށް އޮތް ފަރުވާއެއް ކަމަަށް ބުނާ ޚަބަރަކާއި އޮރެންޖާއި ލުބޯ އަދި މާމުޔާއި އިނގުރު އެއްކޮށްގެން ތައްޔާރުކުރާ ބުއިމަކީ ވެސް ކޮރޯނާ އިން ރައްކާތެރިވުމަށް އެހީވެދޭ ކަމެއް ނޫން ކަމަަށް ޑޮކްޓަރ ހާމަކުރައްވާފައިވެއެވެ.


މީގެ އިތުރުން މިދުވަަސްކޮޅު އަވީގައި ގިނަވަގުތު އުޅުމަކީ ކޮންކަހަލަ ކަމެއްތޯ ކުރި ސުވާލަކަށް އެއީ ކޮރޯނާއިން ރައްކާތެރިވުމަށް ކުރަންޖެހޭ ކަމެއް ނޫން ކަމަަށް ޑޮކްޓަރު ވިދާޅުވިއެވެ.
ޑޮކްޓަރ މުޙައްމަދު އަލީ ފާހަގަ ކުރެވެނީ ސިއްހީ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާ ޑޮކްޓަރެއްގެ ގޮތުގައެވެ. އެގޮތުން އެފަދަ ޓީވީ ޕްރޮގްރާމްތައް ހުށަހަޅުއްވައި ދެއްވާފައިވެއެވެ. އަދި މިހާރު ޑޮކްޓަރު ގެންދަވަނީ ކޮރޯނާ އާއި ގުޅޭ ގިނަ މައުލޫމާތާއި އިރުޝާދު ރައްޔިތުންނާއި ހިއްސާ ކުރައްވަމުންނެވެ.