ޝަންގްހައި ކޯޕަރޭޝަނަށް އީރާން ގުޅިއްޖެ
ޗައިނާ، ރަޝިއާ އަދި އިންޑިއާވެސް ހިމެނޭ ޝަންގްހައި ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) އަށް އީރާން ރަސްމީކޮށް ވަދެއްޖެއެވެ.
މިއަދު ވާޗުއަލްކޮށް ބޭއްވި އެ ޖަމާއަތުގެ ބައްދަލުވުމުގައި އީރާނަށް މެންބަޝިޕް ދީފައި ވާ އިރު، މިއީ ބައްރުތަކުގެ ގޮތުން އެންމެ ބޮޑު ޖަމާއަތެވެ. އީރާން އެ ޖަމާއަތާ ގުޅުމާއެކު ދުނިޔޭގެ އާބާދީގެ 40 ޕަސެންޓް އަދި ދުނިޔޭގެ އިގްތިސޯދުގެ 20 ޕަސެންޓް ހިމެނެނީ އެ ޖަމާއަތުގައެވެ. އީރާނަކީ ދުުނިޔޭގެ ތެލުގެ 20 ޕަސެންޓް ކޮންޓްރޯލް ކުރާ ގައުމެއް ވެސް މެއެވެ.
ޗައިނާ އާއި ރަޝިއާގެ އިތުރުން މެދުތެރޭ އޭޝިއާގެ 4 ގައުމެއް ބައިވެރިވެގެން 2001 ގައި އުފެއްދި މި ޖަމާއަތް ވަރުގަދަވެ ފުޅާވަމުން ދާއިރު އިރުމަތީ އޭޝިއާއިން ޕާކިސްތާނަކީވެސް މިހާރު އެޖަމާއަތުގެ މެންބަރެކެވެ.
އިންޑިއާ އިން ރިޔާސަތު ބަލަހައްޓާ މިދައުރުގެ ޖަލްސާ މިއަދު ވާޗުއަލް ކޮށް ބާއްވާފައި ވާ އިރު، ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން ބައިވެރިވެ ވަޑައިގެން ވިދާޅުވީ، ޔޫކްރައިން ހަނގުރާމައާ ގުޅިގެން ހުޅަނގުން ދަތިކުރުމުގެ ފިޔަވަޅު އެޅިވަރަކަށް ރަޝިއާ ވަނީ ބާރު ގަދަ ކަމަށާއި އިގްތިސޯދީ ގޮތުން ރަޝިއާ އިނދަޖައްސާ ނުލެވޭނެ ކަމަށެވެ.
ހުލަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ހެދި ރަޝިއާއިން މިހާރު މުއާމަލާތު ކުރަނީ އެގައުމެއްގެ ފައިސާއިންނެވެ. އެގޮތުން އެސްސީއޯގެ ގައުމުތަކާއެކު ތެލާއި ކާނާގެ ބާވަތްތަކުގެ ވިޔަފާރި ފުޅާކޮށް އިގުތިސޯދީ ނަފާ އިތުރުކޮށްފައި ވާ އިރު ހަނގުރާމަ ފެށިފަހުން އެގައުމުން ބޭރުކުރި ކާބޯތަކެތި ވަނީ 6 ޕަސެންޓް ކުރިއަރާފައެވެ. ޗައިނާ އާއި އިންޑިއާ ފަދަ ބޮޑެތި ގައުމުތަކަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދީގެން އާމްދަނީ ވަނީ ބިލިއަނުން މަތިކޮށްފައެވެ.
އެނާ ވިދާޅުވީ، ރަޝިއާ އާއި ޗައިނާ އާ ދެމެދު ކުރެވޭ ވިޔަފާރީގެ 80 ޕަސެންތް މުއާމަލާތް ހިނގަނީ ރަޝިއާ ފައިސާ އާއި ޗައިނާ ފައިސާއިން ކަމަށެވެ. އަދި އެމަގަށް އެސްސީއޯގެ އެހެނިހެން ގައުމުތަކުންވެސް ދީލާލުމަށް އޭނާ ގޮވާލެއްވިއެވެ. ދުނިޔޭގެ އެއްވަނަ ފައިސާ، ޑޮލަރު ދޫކޮށްލައި ރަޝިއާ އާއި ޗައިނާއިން ކުރިއަށް ގެންދާ މުއާމަލާތުގެ ސަބަބުން ދުނިޔެއަށް އޮތް ޑޮލަރުގެ ޑިމާންޑް ކުޑަވެ އަގު ވެއްޓިގެން ދާނެ ކަމަށް އިގްތިސޯދީ މާހިރުން ބުނެއެވެ.
މި ބައްދަލުވުމުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވީ، އެސްސީއޯގެ ގައުމުތަކުގެ މެދުގައި ގުޅުން ވަރުގަދަ ކޮށް ވިޔަފާރީގެ އެކިއެކި ދާއިރާތަކުން ކުރިއަށް ދާން ޖެހޭ ކަމަށެވެ. އެގޮތުން އޭނާ ވަނީ ޓެކްނޮލޮޖީއާއި އެހެނިހެން ވިޔަފާރިތަކުގެ ވާހަކަ ފާހަގަ ކުރައްވާފައެވެ.