ވައިރަހާ ދެކޮޅަށް އަޅާ ފިޔަވަޅުތަކުން އިގްތިސޯދު ހަލާކުވާ ކަމަށް ބުނެ ކުއްލި މައްސަލައެއް
ކޮރޯނާވައިރަހާ ގުޅިގެން ސަރުކާރުން އެޅި ފިޔަވަޅުން ރާއްޖޭގެ އިގްތިސާދު ފުނޑުފުނޑުވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހެޅި މި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަތީ 41 މެމްބަރުންގެ ވޯޓާއެކުއެވެ.
މި ކުއްލި މައްސަލަ ހުށަހަޅުއްވަމުން ޖާބިރު ވިދާޅުވީ ވައިރަހާ ގުޅިގެން ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުން ފަތުރުވެރިން ކުއްލިއަކަށް އައުން މަނާކުރުމަކީ ޓޫރިޒަމް ސިނާއަތަށް ބިލިއަން ޑޮލަރުން އިންވެސްޓުކޮށްގެން ތިބި ވިޔަފާރިވެރިންގެ ވިޔަފާރިތައް ފުނޑުފުނޑު ވެގެންދާނެ ކަމެއް ކަމަށެވެ.
އަދި މީގެ ސަބަބުން އެ ސިނާއަތުގައި މަސައްކަތް ކުރާ މީހުންގެ ވަޒީފާތައް ގެއްލިދާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށާއި މި ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ފުނޑުފުނޑު ވެގެންދާ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖެއަށް ފަތުރުވެރިން އައުން މުޅިން މަނާ ކުރުމުގެ ބަދަލުގައި ސްކްރީން ކުރުމުގެ ނިޒާމު ހަރުދަނާކޮށް ވައިރަސްއަށް ޝައްކު ކުރެވޭ މީހަކު ރާއްޖޭން ބޭރަށް ފޮނުވާލައި އަދި ވައިރަސްއަށް ނެގެޓިވްވާ ފަތުރުވެރިން އެތެރެވާ ގޮތަށް ކަންކަން ހަމަޖައްސަން ޖެހޭ ކަމަށް ޖާބިރު ވިދާޅުވި އެވެ.
ރާއްޖޭން ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވް ވެފައި ވަނީ އއ. ބަތަލާ ރިސޯޓްގައި ތިބި ދެ ޓޫރިސްޓުންނަށާއި ޅ. ކުރެއްދޫ ރިސޯޓުގެ ދެ ބިދޭސީ މުވައްޒަފަކަށެވެ.