މިނިސްޓަރު އަމީން ގެންދަވަނީ ސަރުކާރަށް ޖެއްސުން ކުރަމުން: އަފީފް
ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ގެންދަވަނީ ސަރުކާރަށް ޖެއްސުން ކުރައްވަމުން ކަމަށް ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ތުހުމަތު ކުރައްވައިފިއެވެ.
ކޮވިޑް-19އާ ދެކޮޅަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ފުނޑުފުނޑުވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ އަށް ބަހުސް ކުރައްވާ ވާހަކަ ދައްކަވަމުން އަފީފް ވިދާޅުވީ މިނިސްޓަރެއް ކަމުގައިވީ ނަމަވެސް ކަމެއް ގޯސްކޮށްކޮށްފިނަމަ އެއީ ގޯސްކަމެއްގެ ގޮތުގައި ބަލަންޖެހޭނެ ކަމަށާއި އަދި އެ ވާހަކަ ދައްކަންވެސް ޖެހޭނެ ކަމަށެވެ.
"ވަރަށް ފަހުރުވެރި ކަމާއެކު ހެލްތު މިނިސްޓަރު އެބަ ވިދާޅުވޭ އެއާޕޯޓުތަކުގައި ކެމެރާ އެހެރީ ހަރުކޮށްފައޭ. އެކަމަކު އެމަނިކުފާނު މިތަނަށް ކެމެރާ ގެނައުން ލަސްކުރަން މަސައްކަތް ކުރައްވާފައި އޮތީ ފުރަތަމަ އެކަންތައް ފެށި އިރު" އަފީފް ވިދާޅުވިއެވެ.
އަމީން އަކީ މި ސަރުކާރަށް ޖެއްސުން ކުރާ މީހެއް ކަމަށް ވިދާޅުވެ، އަފީފް ވަނީ އެ މިނިސްޓަރާއި މެދު ވިސްނަންޖެހޭ ކަމަށްވެސް ވިދާޅުވެފައެވެ.
"އަޅުގަނޑުމެންގެ ތެރޭގައި ތިބެގެން މި ސަރުކާރަށް ޖެއްސުން ކުރާ މީހެއް އޭނައަކީ. ހަމަ ކަނޑައެޅިގެން އަޅުގަނޑު މި ދަންނަވަނީ ޖެއްސުން ކުރާ މީހެކޭ އޭނައަކީ. އަޅުގަނޑުމެން އެބަޖެހޭ އޭނައާ ދޭތެރޭ ވިސްނަން. ސަރުކާރުން ރައީސް ވެސް އެބަޖެހޭ އޭނައާ ދޭތެރޭ ވިސްނަން" އަފީފް ވިދާޅުވިއެވެ.