ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ހަމަލާއެއްގައި އަށް މީހަކު މަރުވެއްޖެ
ޕާކިސްތާނުގެ ހުޅަނގު އުތުރުގެ ސިޓީއެއް ކަމަށްވާ ޕިޝާވަރުގައި ޕެރަމިލިޓަރީ ސިފައިން ގޮވައިގެން ދަތުރުކުރި ޓްރަކެއް ކައިރީގައި ދިން ބޮމުގެ ހަމަލާއެއްގައި އަށް މީހަކު ޒަހަމްވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
އަންގާރަ ދުވަހު ބޮން ގޮއްވާލާފައިވަނީ އަފްޣާނިސްތާނުގެ ބޯޑަރު އޮންނަ ޚައިބަރު ޕަޚްތޫންޚުވާ ޕްރޮވިންސްގެ އަވަށެއް ކަމަށްވާ ހަޔާތާބާދުގެ ބިޒީ މަގެއްގައެވެ.
މި ހަމަލާގެ ޒިންމާ އުފުލާފައިވަނީ އަލަށް އުފެދުނު ހަތިޔާރު އެޅި ޖަމާއަތެއް ކަމަށްވާ ތަހްރީކޭ ޖިހާދު ޕާކިސްތާނެވެ. މިދިޔަ ހަފުތާގައި ވެސް ހަމަ އެ ޖަމާއަތުން ވަނީ ހުޅަނގު ދެކުނު ޕްރޮވިންސްގެ ބަލޫޗިސްތާނުގެ އަސްކަރީ މަރުކަޒަކަށް ހަމަލާދީ ހަތަރު ސިފައިން މަރާލައިފަ އެވެ.
ހަޔާތާބާދު މެޑިކަލް ކޮމްޕްލެކްސްގެ މެޑިކަލް ޑައިރެކްޓަރު ޝެހްޒާދު އަކްބަރު ޚާން ވިދާޅުވީ އަންގާރަ ދުވަހު ދިން ބޮމުގެ ހަމަލާއާ ގުޅިގެން ދެ މީހަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދީފައިވާ ކަމަށެވެ. އެ ދެ މީހުންގެ ހާލުވެސް ސްޓޭބަލް އެވެ. ޒަހަމްވި ބާކީ ތިބި މީހުން ވަނީ އަސްކަރީ ހޮސްޕިޓަލަކަށް ގެންގޮސްފަ އެވެ.
ރޮއިޓާސް ނިއުސް އެޖެންސީން ބުނި ގޮތުގައި ބޮމުގެ ހަމަލާ ދީފައި ވަނީ ޕެރަމިލިޓަރީ ފްރޮންޓިއާ ކޯޕްސްގެ ވެހިކަލަކަށެވެ.
ބޮމުގެ ހަމަލާގައި ޓްރަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އާންމުން ގޮވައިގެން ދަތުރުކުރި ކައިރީގައި ހުރި އެހެން އުޅަނދުތަކަށް ވެސް ވަނީ ހަމަލާދީފަ އެވެ. ހަމަލާ ދިން މީހާ ވަނީ މަރުވެފަ އެވެ.
ޕާކިސްތާނުގެ އަސްކަރިއްޔާއިން މިދިޔަ ހަފުތާގައި ބުނެފައި ވަނީ އަވަށްޓެރި އަފްޣާނިސްތާނުން ހަނގުރާމަވެރިންނަށް ރައްކާތެރި ތަންތަން ފެނިފައިވާތީ އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށާއި ދެ ހަމަލާއެއްގައި ޕާކިސްތާނު ސިފައިންގެ 12 މީހަކު މަރުވުމާ ގުޅިގެން ހަރުދަނާ ޖަވާބެއް ދޭނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށެވެ.p