ތާލިބާނުން އީރާނަށް އައިސިސް މީހުންދާކަމަށް ބުނާ ވާހަކަ ދޮގުކޮށްފި
އައިއެސްގެ ހަތިޔާރު އެޅި ޖަމާއަތުގެ ލީޑަރުން އަފްޣާނިސްތާނަށް ފޮނުވި ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވުމުން ތާލިބާނުން އެކަން ދޮގުކޮށްފި އެވެ.
"ދާއިޝްގެ މެމްބަރުން އަފްޣާނިސްތާނަށް ބަދަލުކޮށްފައިވާ ކަމުގެ އެއްވެސް އިންޓެލިޖެންސެއް އީރާނަށް ލިބިފައިވާ ނަމަ، އަފްޣާނިސްތާނުގެ ސަލާމަތީ ބާރުތަކަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި [އެ މީހުން] އެކަން ހިއްސާ ކުރާނެ ކަމަށް އުއްމީދު ކުރަން،" އައިއެސްއައިއެލް ޖަމާއަތަށް އާންމު އަރަބި ނަމެއް ބޭނުން ކުރައްވައި ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އަބްދުލް ކަހަރު ބަލްކީ ހޮނިހިރު ދުވަހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވި އެވެ.
"އިސްލާމިކް އެމިރޭޓްސް އޮފް އަފްޣާނިސްތާނުން ދާއިޝްއާ ދެކޮޅަށް ހަނގުރާމަކޮށްފައި ވަނީ އެ ގައުމު ހިފުމުގެ ތެރޭގައި ވެސް އަދި ނިމުނު ފަހުން ވެސް،" އޭނާ ވިދާޅުވި އެވެ.
އަދި އިޤްތިޞާދީ، ސިޔާސީ އަދި އިޖްތިމާޢީ ކަންކަމުގައި ބިނާކުރަނިވި ސްޓޭންޑެއް ގެންގުޅުމަށް އީރާނުގެ ކަމާބެހޭ ފަރާތްތަކުގެ ކިބައިން ބަލްކީ ވަނީ އެދިވަޑައިގެންފައެވެ.
މީގެ އިތުރުން ބަލްކީ ވިދާޅުވީ ތާލިބާނުންގެ ސަރުކާރުން ގައުމުގެ ސަލާމަތަށް ނުރައްކާވާ ގޮތަށް ނުވަތަ އެހެން މީހުންނާ ދެކޮޅަށް އަޅުގަނޑުމެންގެ ސަރަހައްދު ބޭނުންކުރުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދޭނެ ކަމަށެވެ.
އީރާނުގެ ޚާރިޖީ ވަޒީރު ހުސައިން އަމީރަބްޑޮލަހިއަން މިދިޔަ ހަފުތާގައި ދައުލަތުގެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އައިއެސްގެ ލީޑަރުން އިރާގާއި ސީރިއާ އަދި ލީބިޔާއިން އަފްޣާނިސްތާނަށް ފޮނުވާފައިވަނީ ފާއިތުވި މަސްތަކުގައި ކަމަށެވެ. އަދި މިއީ ތާލިބާނުންނަށް ކުރިމަތިވެފައިވާ އެއް ގޮންޖެހުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.