މާލެ ސަރަހައްދުން ހިމަބިއްސަށް މީހަކު ފައްސި ވެއްޖެ
މާލެ ސަރަހައްދުން މީސްލްސް (ހިމަބިހި) އަށް މީހަކު ފައްސި ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިއަދު ބުނީ މިމަހުގެ 25 ވަނަ ދުވަހު މާލެ ސަރަހައްދުން މީހަކު ހިމަބިއްސަށް ފައްސި ވެފައިވާ ކަމަށެވެ. އެ ވޭދަނައާއި ގުޅިގެން ބެލި ބެލުމުން އެނގިފައިވަނީ އޭނާއަށް ބަލިޖެހިފައިވަނީ ރާއްޖެއިން ބޭރުން (އިމްޕޯޓަޑް ކޭސް) ކަމަށެވެ.
އަދި ބަލި ޖެހުނު ފަރާތުގެ ސިއްހީ ހާލަތު ހުރި ގޮތުން މިހާރު ހޮސްޕިޓާލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށާއި މިވަގުތު ހާލަތު ރަނގަޅުވަމުން އަންނަކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ. އޭނާ އަކީ މީސަލްސް ވެކްސިންސް ދެ ޑޯޒު ފުރިހަމަކޮށްފައިވާ ފަރާތެއް ކަމަށްވެސް އެޗްޕީއޭއިން ވިދާޅުވިއެވެ.
އެޗްޕީއޭއިން ވިދާޅުވީ މީސްލްސް ވެކްސިންގެ ދެ ޑޯޒު ފުރިހަމަވުމުން ބަލި ޖެހުމުގެ ރިސްކު 97% އަށް ކުޑަކޮށްދޭ ކަމަށާއި ނަމަވެސް ވެކްސިން ޖެހުމުން ބަލި ޖެހުމުގެ ފުރުސަތު ވަރަށް ބޮޑަށް ކުޑަކޮށްދޭ ކަމަށް ވެސް ވިދާޅުވިއެެވެ.
"ނަމަވެސް މީސްލްސް އަކީ އެންމެ ހަލުވިކޮށް ފެރުތޭ އެއް ބަލިކަމަށްވުމާއެކު ބައެއް ފަރާތްތަކުން ބައްޔަށް ހުށަހެޅިއްޖެނަމަ, ބަލި ޖެހުމުގެ ފުރުސަތު ބޮޑު" އެޗްޕީއޭއިން ވިދާޅުވިއެވެ.
މީގެ އިތުރުން ހިމަބިއްސަކި ރާއްޖެއިން ނައްތާލެވިފައިވާ ބައްޔަކަށް ވުމާއެކު ކޭސްއެއް ފެނުމުން އަމަލުކުރަން ކަނޑައަޅާފައިވާ އުސޫލުތަކުގެ މަތިން ކޮންޓެކްޓްކޮށް ދެނެގަތުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި ބައެއް ކޮންޓެކްޓުންނަށް އެކަން އަންގައި އޭގެ ތެރެއިން ވެކްސިން ފުރިހަމަ ނުވާ ފަރާތްތަކަށް ވެކްސިން ދޭން ފަށާފައިވާ ކަމަށް ވެސް އެޗްޕީއޭއިން ވިދާޅުވިއެވެ.