ކޮވިޑް19: ބަލި ޖެހުމަށް ފަހު 5 ދުވަސް ވަންދެން އެއްވެސް އަލާމާތެއް ނުފެނޭ
ކޮރޯނާ ވައިރަސް ޖެހުމަށް ފަހު ފަސް ދުވަސް ވަންދެން ބަލި ޖެހުނު މީހާގެ ގައިން ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށް ފަހުގެ ދިރާސާއަކުން ދައްކައިފިއެވެ.
ޖޯން ހޮޕްކިންސް ބްލޫމްބާރގް ސްކޫލް އޮފް ޕަބްލިކް ހެލްތް އިން ކުރި މި ދިރާސާގައި ވާ ގޮތުން ކޮރޯނާ ވައިރަސް ޖެހޭ މީހުން ގެ ފަރާތުން ބަލީގެ އަލާމާތްތަށް ފެނުމަށް 5.1 ދުވަސް ބޭނުންވެއެވެ. ސައިންޓިސްޓުން މި ދިރާސާ ކުރީ ބަލި ފެތުރުމާއި ބެހޭ ގޮތުން އެކި ހަބަރުތަކާއި ރިޕޯޓުތަކާއި އެކި ގައުމުތަކުގައި ކޮރޯނާ ވައިރަސް އޮތް ހާލަތު ބަލައި ދިރާސާ ކޮށްގެންނެވެ.
މިގޮތުން ފެބްރުއަރީ 24 ގެ ކުރިން ރިޕޯޓުކުރެވުނު ކޮރޯނާ ވައިރަހުގެ 180 އަށް ވުރެ ގިނަ ކޭސް މި ދިރާސާގައި ދިރާސާކޮށްފައިވެއެވެ. އަދި އެމީހުނަށް ބަލި ޖެހެން މެދުވެރިވި ސަބަބާއި އަލާމާތްތައް މެދުވެރިވާން ފެށި ހިސާބަށް ރިއާޔަތް ކޮށްފައިވެއެވެ. މީގެ ގިނަ ކޭސް ތަކަކީ އެންމެ ފުރަތަމަ ވައިރަސް ފެނިގެން އައި ޗައިނާގެ ވުހާން ސިޓީއިން ފެނިފައިވާ ކޭސްތަކެވެ.
ދިރާސާކުރި ފަރާތްތަކުން ބުނާ ގޮތުން 14 ދުަވަހަށް ކަރަންޓީން ކުރެވޭ ކޮންމެ 1000 މީހެއްގެ ތެރެއިން ބަލި ފެންނަނީ އެވްރެޖުކޮށް 103 މީހުން ގައިންނެވެ. އަދި އަލާމާތްތައް ފެންނަން 5 ދުވަސް ނަގާތީ 14 ދުވަހުގެ ކަރަންޓީނަކީ އެންމެ ރަނގަޅު މުއްދަތުގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.
ކޮރޯނާ ވައިރަހަށް އަދިވެސް ފަރުވާ އެއް ލިބިފައި ނުވާއިރު ބަލިން ރައްކާތެރިވުމަށް ގިނަ ގިނައިން އަތް ދޮވުމަށް ޑޮކްޓަރުން އިރުޝާދު ދެއްވައެވެ. މި ވައިރަހުގެ 114512 ޕޮސިޓިވް ކޭސް ވަނީ ދުނިޔޭގެ އެކި ހިސާބުތަކުން ރިޕޯޓުކުރެވިފައެވެ. އަދި ވައިރަހުގެ ސަބަބުން 4027 މީހުން މަރުވެފައިވާއިރު ބަލި ޖެހުނު 64000 ވުރެ ގިނަ މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.