ޕާކިސްތާނުގައި ރޭލެއް އެކްސިޑެންޓުވެ 30 މީހުން މަރުވެއްޖެ
ޕާކިސްތާނުގެ އެންމެ ބޮޑު ރަށް ކަމުގައިވާ ކަރާޗީ ކައިރީގައި އޮންނަ ނަވާބްޝާހްގައި ދަތުރުކުރަމުންދިޔަ ފަސިންޖަރުން އުފުލާ ރޭލެއް، ދަގަނޑުމަތިން ބޭރަށް ފުރޮޅައިލާ ހިނގި އެކްސިޑެންޓުގައި 30 މީހުން މަރުވެއްޖެއެވެ. ނަވާބްޝާހަކީ ކަރާޗީއާ 275 ކިލޯމީޓަރު ދުރުގައި އޮންނަ ރަށެކެވެ.
މި އެކްސިޑެންޓުގައި އިތުރު 100 އެއްހާ ފަސިންޖަރުންނަށް އަނިޔާވި ކަމުގައި އޮފިޝަލުން ވިދާޅުވިއެވެ. ރޭލު އެކްސިޑެންޓު ހިނގާފައި ވަނީ އެ ރަށުގައި އޮންނަ ސަހާރާ ރޭލު ސްޓޭޝަން ކައިރީގައެވެ. މި ހާދިސާގައި ރޭލުގެ ބައެއް ކާރުތައް ރޭލު ދަގަނޑުމަތިން ބޭރަށް ފުރޮޅައިލާފައިވެއެވެ.
މި ހާދިސާގައި އަނިޔާވި ގިނަ ޢަދަދެއްގެ ފަސިންޖަރުން އެ ސަރަޙައްދުގައިވާ ހޮސްޕިޓަލްތަކަށް ގެންގޮސް ފަރުވާދެމުންދާ ކަމުގައި އޮފިޝަލުން ވިދާޅުވެއެވެ. މި ހާދިސާއާ ގުޅިގެން ނަވާބްޝާހުގެ އިތުރުން އެ ރަށާ އިންވެގެން އޮންނަ ސިންދުގެ ހޮސްޕިޓަލުތަކުގައި ވެސް ވަނީ ކުއްލި ހާލަތު އިޢުލާނުކޮށްފައެވެ.
ޕާކިސްތާނުގެ ރޭލު ދަތުރުފަތުރުގެ ޚިދުމަތްތަކާ ބެހޭ ވަޒީރު ސާދް ރަފީޤު ވިދާޅުވީ، މި ހާދިސާ ހިނގާފައި ވަނީ ޢާންމުކޮށް ރޭލު ދުއްވާ ދުވެލީގައި ދަތުރުކުރަމުން ދަނިކޮށް ކަމުގައެވެ. އަދި، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ތަހުޤީޤު ފަށާފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. ކަރާޗީގެ ރޭލު ދަތުރުފަތުރާ ބެހޭ އިދާރާގެ ތަރުޖަމާނަކު ވިދާޅުވީ ރޭލުގެ އަށް ކާރެއް ދަގަނޑުމަތިން ބޭރަށް ފުރޮޅައިލާފައިވާ ކަމުގައެވެ.
ފުރޮޅައިލާފައިވާ ރޭލުގެ ކާރުތަކުގެ ތެރޭގައި ތާށިވެފައިވާ މީހުން ސަލާމަތް ކުރަން ވެސް އޮފިޝަލުން ދަނީ މަސައްކަތް ކުރަމުންނެވެ. މި ހާދިސާއާ ގުޅިގެން ނަވާބްޝާހުގެ އިތުރުން ސިންދުގައި ވެސް ރޭލު ދަތުރުފަތުރު ވަނީ ވަގުތީ ގޮތުން މެދުކަނޑައިލާފައެވެ. ސަރުކާރުން މި ވަގުތު އެންމެ އިސްކަމެއް ދޭ ކަމަކީ ރޭލުގެ ކާރުތަކުގެ ތެރޭގައި ތާށިވެފައިވާ މީހުން ސަލާމަތްކުރުން ކަމުގައި ސިންދުގެ އިންފޮމޭޝަނާ ބެހޭ ވަޒީރު ޝަރްޖީލް މެމަން ވިދާޅުވިއެވެ.
2021 ވަނަ އަހަރު ސިންދު ޕުރޮވިންސުގައި ވެސް ނުރައްކާތެރި ރޭލު އެކްސިޑެންޓެއް ހިނގައި 40 އެއްހާ މީހުން މަރުވިއެވެ. ދެ ރޭލު ޖެހިގެން ހިނގި އެ އެކްސިޑެންޓުގައި ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމުވިއެވެ. 2013 އާއި 2019 ވަނަ އަހަރާ ދެމެދު ޕާކިސްތާނުގައި ހިނގާފައިވާ ރޭލު އެކްސިޑެންޓުތަކުގައި 150 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ހާމަވެއެވެ.