ދުނިޔެ

ޔޫރަޕްގެ 27 ގައުމެއްގައި ކޮރޯނާ އެބަ ފެތުރޭ ، އެންމެ ފަހުން އަލްބޭނިއާގައި ވެސް

ދެން އެމްވީ ، ދެން އޮންލައިން

ނުރައްކާތެރި ކޮރޯނާ ވައިރަސް ޔޫރަޕްގެ 27 ގައުމެއްގައި ފެތުރެމުންދާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނެފިއެވެ.

Ads by Sosun Fihaara

ރިޕޯޓްތައް ބުނާ ގޮތުގައި ޖުމްލަ 44 ގައުމު ހިމެނޭ ޔޫރަޕްގައި މިބަލި އެންމެ ހަލުވިކަމާއެކު ފެތުރެމުން ދަނީ އިޓަލީގައެވެ. ހަމައެއާއެކު އެންމެ ފަހުން މި ބަލި ފެނިފައިވަނީ އަލްބޭނިއާ އިންނެވެ.

މިއާއެކު އެކި ގައުމުތަކުން ދަނީ މިބަލިން ރައްކާތެރިވެ ތިބުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން 1000 މީހުންނަށްވުރެ ގިނަ މީހުން ހިމެނޭ އެއްވުންތައް ބޭއްވުން ޖާމަނީގައި ވަނީ މަނާކޮށްފައެވެ. ހަމައެހެންމެ ޔޫރަޕްގައި އެންމެ ހަލުވިކަމާއެކު މި ބަލި ފެތުރޭ އިޓަލީގައި ވެސް ކަރަންޓީން ކުރުމާއި ކޮރޯނާއިން ރައްކާތެރިވުމާ ގުޅޭ ގަވާއިދުތަކަށް އަމަލު ނުކުރާ މީހުންނަށް ބޮޑެތި އަދަބުތަކެއް ކަނޑައަޅާފައިވެއެވެ. އިޓަލީގެ 16 މިލިއަނެއްހާ މީހުން ނުވަތަ އާބާދީގެ 25 އިންސައްތަ އަށްވުރެ ގިނަ މީހުން މިހާރުވެސް ތިބީ ކަރަންޓީންގެ ހާލަތުގައެވެ.

އިޓަލީއަށް ކުރިމަތިވެފައިވާ މި ހާލަތާއި ގުޅިގެން އެގައުމުގެ ބޮޑު ވަޒީރު ވަނީ ރައްޔިތުންނަށް މެސެޖުތަކެއް ހިއްސާކޮށްފައެވެ. އެގޮތުން މިއީ ޒިންމާދާރު ވާންވީ ވަގުތު ކަމަށާއި އާއިލާއާއި ރަހުމަތްތެރިންގެ ސިއްހަތު ރައްކާތެރިކޮށްދިނުމަށް އޭނާ ވަނީ ގޮވާލާފައެވެ. ހަމައެހެންމެ މި ދަނޑިވަޅުގައި ދޮގު ހަބަރުތައް ނުފެތުރުމަށް ވެސް ބޮޑު ވަޒީރު ވަނީ އިލްތިމާސްކޮށްފައެވެ.

ޗައިނާއިން އުފެދިގެން އައި ކޮރޯނާ ވައިރަސް މިހާރު އެންމެ ބޮޑަށް ފެތުރެމުން ދަނީ ޔޫރަޕްގައެވެ. ދުނިޔޭގައި މިހާތަނަށް ކޮރޯނާގެ 114512 ކޭސް ރެކޯޑް ކުރެވިފައިވާއިރު މި ބަލީގައި މަރުވެފައިވަނީ 4027 މީހުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!